ރައީސް މައުމޫން އަބްދުލްގައްޔޫމް

ފުލުހުންގެ ތުހުމަތުތަކަށް މައުމޫން އިންކާރު ކުރައްވައިފި

ފުލުހުން މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރި ބޮޑެތި ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ. ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރެއްވިކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދެވެ.

ރައީސް މައުމޫންއާ ހަވާލާދީ، މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ފުލުހުންގެ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫން އިންކާރު ކުރައްވާ" ކަމަށެވެ.

ރައީސް މައުމޫނަށް ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފުރިހަމަ ތަހުގީގެއް "ކުއްލި ނުރައްކަލުގެ ހާލަތުގެ" ނިވަލުގައި ނުހިންގާނެ ކަމަށެވެ. އަދި ކުރާ ތުހުމަތުތަކަކީ ހަގީގީ ތުހުމަތުތަކަށްވާނަމަ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރަން ފުރުސަތު ނުދީ އެކަމަށް ބިރުން ތިބެގެން ހިންގާ ތަހުގީގެއް ނުހިންގާނެ ކަމަށެވެ. އިންސާފުވެރި ޝަރީއަތްތެއް ދެކެ ވެސް ބިރުން ނޫޅޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ހައްޔަރުކުރީ އަމިއްލަ ބޮޑުބޭބޭފުޅު، ރައީސް މައުމޫނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ މުހިންމު މާއްދާތަކެއް ހިފެހެއްޓި އެވެ. މި މާއްދާތަކަކީ ސީދާ ރައީސް މައުމޫން އާއި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ޓާގެޓްކޮށް ހިފަހައްޓާފައިވާ ހައްގުތަކެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ. އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް އެއްވެސް ވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.