1 ފެބުރުއަރީގެ އަމުރު

ހައްގުތައް ހިފަހައްޓާފައި އޮތުމުން ސުވާލުތަކެއް!

ކުއްލި ނުރައްކަލުގެ ހާލަތާއެކު "ސިފައިންގެ އަތްމަތީގަ" އި ގައުމު އޮތަސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސްޓް ޕާކް ސަރަަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ އަތް ޖަހާ އުފާ ފާޅުކުރި އެވެ. އެއީ ވެސް ކުޑަ އެއްވުމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާވެސް އެ އެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އެއީ ރައީސްގެ އަނބިކަނބަލުން ވެސް ބައިވެރި ވަޑައިގެންނެވި ބޮޑު ސިޔާސީ އެއްވުމެކެވެ. އެ އެއްވުމުގައި ރައީސް ވަށާލައި، ތިބީ މުޅީން އަންހެނުންނެވެ. ސަރުކާރުގެ އިސްވެރިން ވެސް ބައިވެރި ވަޑައިގެންނެވި އެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުން އެ މަންޒަރު ބަލާއިރު ކުއްލި ނުރައްކާލުގެ ހާލަތެއް އެބައޮތްތޯ މީހަކަށް ސުވާލު ކުރެވިދާނެ އެވެ. ވަރަށް އަމާނެ އެއްވެސް ބިރެއް ނެތެވެ.

އެކަމަކު އަނެއް ފަޅިއަށް ދަމާ ހިނގާށެވެ. އާޓިފިޝަލް ބީޗުގެ ތެރޭގަ އާއި ކުރިމަތީގައި ފުލުހުންގެ ފައުޖުތައް އުޅު އެވެ. އެތާ ހުންނަ އެމްޑީޕީގެ ހަރުގެއެއްގައި ބަޔަކު އެއްވެ، ޝުއޫރު ފާޅުކުރަން އުޅެ އެވެ. އެއީ އަބަދުވެސް އެ މީހުން ކޮށް އުޅޭ ކަމެކެވެ. އެކަމަކު މިހާރު މިދުވަސްވަރު އެ ފުރުސަތެއް އެ މީހުންނަކަށް ހަމަހަމަ ގޮތެއްގައެއް ނުލިބެއޭ މީހަކަށް ބުނެވިދާނެ އެވެ.

ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެކަމަށް ފުރުސަތު ނުލިބުމަކީ މި ހާލަތުގައި ޝަކުވާކުރެވެން އޮތް ކަމެއް ވެސް ނޫނެވެ. އެކަމަކު ވަކި ބަޔަކަށް އެކަން ކުރެވެން އެންމެ ރަނގަޅުތޯ އެއީ ވެސް މީހަކު ކޮށްފާނެ ސުވާލެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއެކު ޝަރުއީ ނިޒާމުން ބާރުތަކެއް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން އަންނަ ވަރަށް ގިނަ ކަންތައްތަކެއް ހިފެހެއްޓެ އެވެ. އެކަމަކު އެކަމާމެދު މީހުންނަށް ސުވާލު ކުރެވެނީ ވަކި ބަޔަކަށް އެކަންކަން ހިފެހެއްޓޭ ގޮތްވާތީ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ދިވެހިންނަށް ގިނަ ހައްގުތަކެއް ހޯދައިދިން ގާނޫނެކެވެ. ޝަރީއަތްތައް މިހާރު ގެންދަނީ އެ ގާނޫނުގެ ދަށުންނެވެ. އެއީ ވަރަށް ފުރިހަމަ، އިޖުރާއަތްތަކެއް އޮތް ގާނޫނެކެވެ. އެކަމަކު މިހާރު އަމަލު ނުކުރަނީ އެންމެ މާއްދާއަކަށް ނޫނެވެ. މުޅި ގާނޫނަށެވެ. އެ ގާނޫނުގެ ދަށުން ކުރިއަށްދާ އެތައް ޝަރީއަތްތަކެއް އެބަ ހިނގަ އެވެ. އެ ޝަރީއަތްތަކަށް މި ހާލަތުގައި ހަދަނީ ކިހިނެއް ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެއްވެސް ބިރުވެރި ހާލަތެއް އޮވެގެން ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން ދިމާވި ކަންކަން ހައްލު ކުރުމަށް ކަމަށެވެ. އެކަން ކުރަން ވެސް ކުރި އެވެ. އެ ފަހުން އެ ކޯޓަށް ވަނީ ބާރުތައް ދީފަ އެވެ. އެކަމަކު ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އޮތީ އެވެ. ކޯޓަށް ހާޒިރުކޮށް އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާ އާއި ތަހުގީގުގައި ހަނުހުރުމުގެ ހައްގު ލިބިދޭ މާއްދާ އެވެ.

ހާލަތް ބިރުވެރި ހާލަތަކަށްވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކަމަށް ބައެއް މީހުން ދެކެ އެވެ.

އެއްކެއް ފެބުރުއަރީގެ އަމުރަށް ފަހު ރައީސް "ނަސްރު" އިއުލާން ކުރައްވައި، ސުޕްރީމް ކޯޓަށް ބާރުތައް ދިންއިރު ވެސް ރައްޔިތުންނާ ގުޅޭ ހައްގުތައް އަދިވެސް އޮތީ ހިފެހެއްޓިފަ އެވެ. ހައްޔަރުކުރާ މީހާއަކީ، ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ހައްޔަރުވާ މީހެއް ނަމަވެސް އެމީހާއަށް އަސާސީ ހައްގުތައް ކަށަވަރުވެ އެވެ. އިންސާފުވެރި މިނިވަން ތަހުގީގެއް އެއީ ކޮންމެ މީހަކަށް ވިޔަސް ހެއްގެވެ. އެ ހައްގުތައް ހިފަހައްޓާފައި އޮތުމުން މީހުން ސުވާލު ކުރެއެވެ.