ހަބަރު

މެންބަރު ސިނާން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި

Feb 9, 2018
4

މިއަދު ފުލުހުން ހޯދަން އިއުލާން ކުރި، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި އެވެ.

ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން މިއަދު އިއުލާން ކުރީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

ފުލުހުން ސިނާން ހޯދަން އިއުލާން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 5:30 އެހާއިރު ސިނާން ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެފަ އެވެ. ސިނާންގެ އާއިލާގެ މެންބަރަކު އަވަސް އަށް ވިދާޅުވީ ސިނާން ފުލުސް އޮފީހަށް ހާޒިރުވީ، އޭނާ ހޯދަން އިއުލާން ކުރިކަން އެނގިވަޑައިގަތުމުން ފުލުހުންނަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި ސިނާން ފުލުހަށް ހާޒިރުވުމުން، އޭނާ ހައްޔަރު ކުރަން ކޯޓުން ނެރެފައިވާ އަމުރު ދައްކައި ވަނީ ހައްޔަރުކޮށްފައި ކަމަށް އާއިލާގެ މެންބަރު ވިދާޅުވި އެވެ. އަދި ގާތްގަނޑަކަށް 7:15 އެހާކަންހާ އިރު ސިނާން ހައްޔަރުކޮށްގެން ލޯންޗަށް އަރުވައިގެން ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނާން ހައްޔަރު ކުރަން ޕީޖީ އިން އެދިގެން ކްރިމިނަލް ކޯޓްގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވާ އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ ސިނާން ހައްޔަރުނުކޮށް ބަހައްޓައިފި ނަމަ މުޖުތަމައަށް ނުރައްކާވެ ހެކި މައްސަލައިގެ ހެކި ފޮރުވައި ނޫނީ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ. ސިނާން ހައްޔަރު ކުރުމަށް ލިބިފައިވާ ހަމައެކަނި ހެއްހަކީ ސިއްރު ހެއްކެއްގެ ބަޔާން ކަމަށް ކޯޓް އަމުރުގައިވެ އެވެ.

އެހެން ނަމަވެސް ސިނާން ވެސް ވިދާޅުވެފައި ވަނީ، އެ ތުހުމަތަކަށް އިންކާރު ކުރައްވާ ކަމަށާއި ފާރިސްއާ އެބޭފުޅުން އެފަދަ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ކޯޓުން މިނިވަންވި ދުވަހު ވެސް ސިނާން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ހިޔާލުތަފާތު ވުމުގެ ސަބަބުން އޭނާގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ސިނާން އާއި އިލްހާމް އަކީ މީގެ ކުރިން ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަސް އިން ބުނެފައިވާ ދެބޭފުޅުން އެވެ. އިލްހާމް ފުލުހުންނާ ހަވާލުވި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

ފުލުހުން މީގެ ކުރިން ސިނާން އާއި އިލްހާމް ހޯދަން އިއުލާން ކުރުމުން، ރާއްޖެއިން ބޭރުގައި ތިބެފައި އެދެބޭފުޅުން ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެދެ ބޭފުޅުންގެ މުއްދަތު ޖަހަން ގެންދިޔުމުން އެދެ ބޭފުޅުން ވެސް ވަނީ ކޯޓުން މިނިވަންކޮށްފަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ނެރުނު ހުކުމުގެ ސަބަބުން، ގޮނޑި ގެއްލުނު ކަމަށް ޕީޕީއެމް އިން ބުނި 12 މެންބަރުންގެ ގޮނޑި ގެއްލިފައެއް ނުވެ އެވެ. މަޖިލީހުގެ އިދާރާއިން ވެސް އެކަން އެގޮތަށް އިއުލާންކޮށްފައިވެ އެވެ.