ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަކީ ރާއްޖޭގެ މަހާތުމާ ގާންދީ: އަދުރޭ

ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ މަހަތުމާ ގާންދީ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި އިންޑިއާގެ މިނިވަންކަމުގެ ރަމުޒުގެ ގޮތުގައި ސިފަ ކުރާ މަހަތުމާ ގާންދީއާ ރައީސް ޔާމީން އެއްހަމަ ކުރެއްވިއިރު ރައީސް ޔާމީނަކީ ގުދުސް މިނިވަން ކުރެއްވި ސޮލާހުއްދީނުލް އައްޔޫބީ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމީ ބަތޮލެއް ކަމަށާއި އެ މަނިކުފާނުގެ ނަންފުޅު ހިމަނަން ޖެހޭނީ ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިންނާ އެއް ހަމައެއްގަ ކަމަށެވެ. އެއީ ރައީސް ޔާމީނަށް ހުޝާމަދު ކުރެއްވުމަށް ވިދާޅުވާ އެއްޗެއް ނޫން ކަމަށާއި އެ މަނިކުފާނަށް އެ ތައުރީފު ހައްގު ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ގައުމީ ބަތޮލެއްގެ ގޮތުގައި އަދުރޭ ސިފަ ކުރެއްވިއިރު، އިދިކޮޅު ބޭފުޅުންނަކީ ގައުމަށް ގައްދާރުވެގެން ތިބި ބޭފުޅުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އަދުރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ޣާޒީއެއްގެ އެންމެ މަތިވެރި ލަގަބު ދެއްވާފައިވާ ބޭފުޅެއް ބާޣީއެއްގެ ގޮތުގައި ތާރީހުގައި ލިޔަންޖެހިދާނެތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވެސް ފާޑުވިދާޅުވި އެވެ. އެކެއް ފެބުރުއަރީގެ އަމުރަކީ މުޅި ދައުލަތް ހުއްޓުވައި، އަނެއް ދެ ބާރުގެ ބާރު ކަނޑުވާލި ހިންގި ޖަރީމާއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އަދުރޭ ވިދާޅުވީ، ގެންނަން އުޅުނީ ބަޣާވާތެއް ކަމަށާއި އެ ބަޣާވާތް ގެންނަން އުޅުނީ ބަޣާވާތުގެ ނުބައިކަން ކިޔައިދިން ބޭފުޅުން ކަމަށެވެ. އެ ކަމުގެ އަޑީގައި ތިބި މީހުންނަށް ދިވެހިން މާފު ނުކުރާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ދައްކަވަމުން ގެންދަވަނީ ގައުމީ ވައްތަންކަން ކަމަށެވެ.