އެމަނިކުފާނަކީ އަވަހަށް ގޮތް ދޫކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެގެން ހައްޔަރުވާން ޖެހުނުނަމަ އެކަން ވެސް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށް މިރޭ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހެދުމުން މި ސަރުކާރަކީ ޖައްބާރު ސަރުކާރެއްގެ ގޮތުގައި ބޭރު ދުނިޔެއިން ސިފަ ކުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރަން ބަހަނާ ދައްކާ، ނުވަތަ އެކަމަށް ފަހަތު ފަޔަށް ބަރުވާ ކޮންމެ މީހަކަށް ދިޔައީ އަދަބު ދެމުން ކަމަށާއި ފުރަތަމަ އަދަބުގެ ލިސްޓްގެ އޮތީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ބަހުސް ވެސް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ނުވީ މިހާރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އެކަމަށް އެއްބަސްވެވަޑައި ނުގެންނެވުމުން ކަމަށެވެ.
"ހިޔާލަށް ގެންނަވާ މިއީ ނުރައްކާތެރިކަން ހުރި މިންވަރު، ދައުލަތުގެ ބަންޑާރަ ނައިބެއް، ދައުލަތުގެ ވަޒީރެއް ސުޕްރީމް ކޯޓަށް ވަކި ކުރެވިދާނެ، އެހީ ހަމަތަކުގެ ތެރެއިން، ބޭރު ދުނިޔެއަކުން ނުބަލާ މި ހަމަތައް ހުރި ގޮތެއް، ބޭރު ދުނިޔެއަކުން ސުޕްރީމް ކޯޓުގެ ނިންމުމެއް އެންމެ ފުރަތަމަ ފައިސަލާ ކޮށްފައެއް ނޫން އެއަށް ތާއީދު ކުރާނީ، އެހާ ނުރައްކާތެރި ހާލަތުގަ އަޅުގަނޑުމެން ތިބީ، އެންމެ މަތީ ބާރު އޮތް ފަރާތުން ގާނޫނާ ހިލާފު ނިންމުންތަކެއް ނިންމައިގެން މި ހާލަތަށް ގެންނަން އުޅުނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ބަންޑާރަ ނައިބު ވަކި ކުރިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވީސް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އޮތީ ރިސެސްގައި ކަމުން ބަންޑާރަ ނައިބުގެ ލަފާއިން އެމަނިކުފާނު މުޅިން މަހުރޫމް ވީސް ކަމަށެވެ. އެ ވަގުތު އޮތީ ހުރިހާ މުޖުރިމުން މަގުމައްޗަށް ދޫކޮށްލަން ތައްޔާރުގަ ކަމަށެވެ.
"އެ ހިސާބުން އަޅުގަނޑު ދެންނެވިން ދައުލަތުގެ ބަންޑާރަ ނައިބު ވަކިކުރާ ކަމަށްވާނަމަ އެ ބޭފުޅަކު ވަޑައިގަންނަވާ ތަނަކަށް އަޅުގަނޑު ވެސް ދާނަމޭ، އަޅުގަނޑު އަޒުމެއް ނުވާނެ، އަޅުގަނޑު މަގާމުން ވަތްކެއް ނުވާނެ، އެކަމަކު ދައުލަތް ހިންގުމުގެ ފުރުސަތެއް އަޅުގަނޑަކަށް ނޯންނާނެ، އެއީ އަޅުގަނޑު ހުރީހީ ހައްޔަރެއްގަ، ބަންދެއްގަ، އެހެންވީމަ ކޯއްޗަކަށްތޯ މިވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މިކަންކަން ކުރަން އުޅުނީ ގައްދާރުން ކަމަށެވެ. އެ ބޭފުޅުންނަށް ދިވެހި ރައްޔިތުން ދުވަހަކު ވެސް މާފު ނުކުރާނެ ކަމަށެވެ. އެ ދުވަހު ގެންނަން އުޅުނީ "އިއްޒަތްތެރި ބަޣާވަތްފުޅެއް" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމުގައި ބައިވެރިވަނީ ވަރަށް އިއްޒަތްތެރި ގަދަރުވެރި ބޭފުޅުން ކަމަށެވެ. ހުރިހާ ވައްތަރެއްގެ އިލްމްވެރިން އެކަމުގައި އެބަ ތިއްބެވި ކަމަށެވެ. ރައީސް ޔާމީން ނަން ގެންނެވީ ހަމައެކަނި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ނަމެވެ. ރައީސް މައުމޫންގެ ނަންފުޅު ނުގެންނަވާ ވިދާޅުވީ، "ނަޖޫމީ އިލްމްވެރިއެއް" ކަމަށެވެ.
އެ ބޭފުޅުން ދައްކަވާ ވާހަކަތަކާއި ކުރައްވާފައިވާ ޓްވީޓްތައް މިހާރު ބަލައިލުމުން ކަން ހިނގައިދިޔަ ގޮތް ސާފުވާ ކަމަށެވެ. ނަޖޫމީ އިލްމަށް ލޯބި ކުރައްވާ ބޭފުޅާ 31 ޖެނުއަރީ ވަނަ ދުވަހު ހަނދުކޭތަ ހިފުމުން އޭގެ އަނެއް ދުވަހު މާބޮޑު ހަނދު ކޭތައެއް ހިފާނެ ކަމަށް ޓްވީޓް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، 1 ފެބުރުއަރީގެ އަމުރު އަންނަން އުޅޭކަން އެ ބޭފުޅުންނަށް އެނގޭކަން އޭގެން ސާފުވާ ކަމަށެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް، އެ ދުވަހު ރައީސް މައުމޫން ކުރެއްވި، ޓްވީޓްގައި އެފަދަ ވާހަކަފުޅެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރަން، މަޖިލީހުގެ މެންބަރުންތަކެއް ގެންދިޔަ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ 57 މެންބަރުން ހަމަނުވި ކަމަށެވެ. މަޖިލީހުން އެމަނިކުފާނު އަޒުލްކުރަން ވޯޓު ދިން ނަމަވެސް އެކަމުގައި ފަހު ބަސް ބުނަން އޮތީ ސުޕްރީމް ކޯޓު ކަމަށެވެ. އެހެންވެ، އެކަމަށް ބްރައިޑެއް ފަދައިން ސުޕްރީމް ކޯޓު "ޖަރީ ކުރަމުން" ދިޔަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވަނީ ސުޕްރީމް ކޯޓުގެ ތެރޭގައި ހިނގައިދިޔަ ކަންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް އިއުތިރާފު ވެސްވެވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު އަޒުލުކުރުމަށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އިސްވެ ތިއްބަވާ މަސައްކަތް ކުރެއްވިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އާ ކައިވެންޏަކަށް ބްރައިޑް ތައްުޔާރުކުރާ ގޮތަށް ސުޕްރީމް ކޯޓުން މިއޮތީ ތައްޔާރުކޮށްފަ، އެހެންވީމަ ސިޔާސީ ވޯޓަކުން ރައީސް އަޒުލްކުރި ނަމަވެސް ގޮތް ދޫނުކުރާ ބޭފުޅަކު މަގާމުގަ ހުންނަން ބޭނުންނަމަ ހަގީގަތުގަ ވެސް ސަންދޯކަށް ޖަހާ ފަހު މޮހޮރަށް ވާނީ ސުޕްރީމް ކޯޓުގެ ނިންމުން، އެހެންވީމަ ސުޕްރީމް ކޯޓު މި ތައްޔާރުވީ، އެއީ ދެން މި އައި ހަމަލާއަކީ، ވޯޓުތަކުގަ ތެރެއިން މިކަން ކާމިޔާބު ނުވީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ފިތުރަތުން އައި ހަނދުކޭތައަށްވުރެ ބޮޑު ހަނދުކޭތައެއް އަޅުގަނޑުމެންނާ ބައްދަލު ކުރީ، ސުނާމީއެއް ވިއްޔާ ސުނާމީއެއް، ޒަލްޒަލާއެއް ވިއްޔާ ޒަލްޒަލާއެއް، މިއީ ނުބައި ރޭވުމެއް، އެ ރޭވުން ﷲ ނެތިކޮށްލެއްވީ، ނުބައި މަކަރުވެރި މީހުންގެ ރޭވުމުގެ މައްޗަށް ﷲ ގެ ތަގުރީރު މާ ވަރުގަދަ،"
ރައީސް ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އިސްވެ ތިއްބަވައިގެން ނެރުއްވި އަމުރުން ގައުމު ބޮޑު ހަމަނުޖެހުމަކަށް ދިޔައީސް ކަމަށެވެ. މަގުމަތި ނާމާން ވީސް ކަމަށެވެ. އެގޮތުން އަމުރުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލުމަށް ބުނެފައި އޮތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ރައީސް އަދީބު ސިފަ ކުރެއްވީ، "އަޅުގަނޑުގެ ލޯންޗު ގޮއްވާލި މީހާ" ގެ ގޮތުގަ އެވެ. އަދި އެތައް މިލިއަން ފައިސާތަކަށް ހިޔާނަތްވި މީހާގެ ގޮތުގަ އެވެ. ރައީސް ވިދާޅުވީ، މިހާރު އެ ފައިސާތައް ނުލިބިގެން އުޅޭއިރު އޭނާ ދޫކޮށްލައިފިނަމަ، އެ ފައިސާތައް ހޭދަކުރާނީ ގައުމަށް ގެއްލުންވާފަދަ ކަންކަމުގަ ކަމަށެވެ.
އަދީބު ދޫކޮށްލުމަށް ލޯންޗަށް އެރުވި ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އަދީބު ހުންނަން ޖެހޭނީ ކުޑަ ގޮޅީގަކަން ސަލާމަތީ ބާރުތަކަށް ގަބޫލު ކުރެވިގެން އަލުން ގޮޅިއަށްލީ ކަމަށެވެ.
ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށާއި އެ ނިންމުންތަކަށް ތަބާވާން ޖެހޭނެ ކަމަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުމުން އެއަށް ތަބާނުވާނަމަ ގައުމުތަކުން ވެސް އެކަމަށް ގޮވާލާނެ ކަމަށެވެ. އެއީ އެ ގައުމުތަކުގެ ސުޕްރީމް ކޯޓުތަކަކީ އުސޫލުގެ މަތިން ކަންކަން ކުރާ ކޯޓުތަކަށްވާތީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުން އެ ގައުމުތަކުން އިތުރަށް ތަހުލީލު ކުރަން ބޭނުން ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި އަދުލުވެރި ފަނޑިޔާރުން ތިއްބަވަންޖެހެނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޯޓުގެ އަމުރު ތަންފީޒުކުރުން ސަރުކާރުން ލަސް ކުރުމުން މި ސަރުކާރަކީ "ޖައްބާރު" ސަރުކާރެއްގެ ގޮތުގަ ސިފަވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެވަރުގެ އަމުރަކަށް ދައުލަތުން ގޮންޖަހާލުމަކީ ކުރެވޭނެ ކަމެއް ނޫން، އަޅުގަނޑުމެންނަކަށް ފަސޭހައެއް ނުވޭ ބޭރު ދުނިޔެއަށް ކިޔައިދޭކަށް ދައުލަތުން މިކަމަށް ގޮންޖަހާލަން ޖެހުނީ ކީއްވެ ކަމެއް، ބޭރު ދުނިޔޭގެ ފަރާތްތައް ބަލާކަށް ބޭނުމެއް ނުވޭ މި އަމުރުގެ ތެރޭގަ ހުރީ ކޮން މައްސަލަތަކެއްކަން، ކީއްވެގެންކަން ދައުލަތަށް އަމުރު ތަންފީޒު ނުކުރެވިގެން މިއުޅެނީ، އެއީ އެމީހުންގެ ވިސްނުމުގެ މީޒަނަކަށް ނާދޭ ސުޕްރީމް ކޯޓުން އެވަރުގެ ނުރައްކާތެރި ކަމެއް ޖައްބާރު ކަމެއް ކޮށްފާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ސުޕްރީމް ކޯޓުގެ ނިންމުން މުރާޖާކުރުމަކީ އެމީހުން އެންމެފަހުން ކުރާނެ ކަންތައް، އެންމެ ފުރަތަމަ ވެސް ނިންމާނީ ތަންފީޒުކޮށްގެން މި އުޅެނީ ވަރަށް ޖައްބާރު، ވަރަށް ޖާހިލު ވަރަށް ގޮތް ދޫނުކުރާ ސަރުކާރެކޭ، އަދި ރައީސް ޔާމީނަކީ މުޅި ދުނިޔެއަށް ގޮން ޖަހާލާފަ ހުރި މީހެއްގެ ގޮތުގަ،"
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން އަމުރާ ގުޅިގެން ކިޔައިދޭން ވާހަކައަކީ ވަރުގަދަ ވާހަކައެއްކަން މިހާރު ބޭރު ދުނިޔެއިން ވެސް ގަބޫލުކުރާ ކަމަށެވެ. ސަރުކާރުގެ ވާހަކައަކީ "އަ ބްލަޑީ ގުޑް ސްޓޯރީ"އެއް ކަމަށް ވެސް ވިދާޅުވި އެވެ. މި ވާހަކަ ކިޔައިދިނީމަ އިދިކޮޅު ފަރާތްތަކަށް ވެސް ބޭރުގެ ގައުމަކަށް ވެސް ސަރުކާރާ ޖަދަލު ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.