ރާއްޖޭގައި މިހާރު ހުރި މައްސަލަތަކުގެ ހަގީގަތް ހޯދުމަށް އދ ގެ ވަފުދެއް ރާއްޖެ ފޮނުވުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން އިންޑިއާއިން މަސައްކަތް ފަށައިފި އެވެ. އިންޑިއާއިން ބުނީ އެފަދަ މަސައްކަތްތަކެއް ކުރަން ފަށާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އަލުން ޑިމޮކްރަސީގެ އަސާސްތަކުގެ ތެރެއަށް ރުޖޫއަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ފޯނުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން "ޓައިމްސް އޮފް އިންޑިއާ" އިން ބުނީ، ރާއްޖޭގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް، އދ ގެ ވަފުދެއް ރާއްޖެއަށް ފޮނުވޭތޯ ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން އިންޑިއާއިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތްތަކަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަފަނޑިޔާރު ހައްޔަރުކުރުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހަމަޔަކަށް އަޅުވައި ރައީސް ޔާމީންގެ ވެރިކަން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއަށް އަނބުރާ ގެންނަން އިންޑިއާއިން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށެވެ.
"އދ ގެ ވަފުދެއް ރާއްޖެ ފޮނުވުމަށް އިންޑިއާއިން ކުރެވިދާނެ ކަންކަން ދިރާސާކުރަމުންދާ ކަމަށް." އެ ނޫހުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުގެ ލީޑަރުން ރާއްޖޭގެ މައްސަލައިގައި މަޝްވަރާ ކޮށް، އދ ގެ ވަފުދެއް ރާއްޖެ ފޮނުވަން އިންޑިއާ މަސައްކަތް ފަށާފައިވާއިރު، ސުޕްރީމް ކޯޓްގެ އަމުރަކަށް ތަބާނުވުމަށް ރާއްޖޭގައި ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ އެހެން ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށް ގާނޫނު އަސާސީ އިން ލިބިދޭ ގިނަ ހައްގުތަކެއް ނިގުޅައިގެންފައި ވާތީ އެ މައްސަލަ މިހާރު ވަނީ އދ ގެ ސަލާމަތީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.