ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ޔޫތު މިނިސްޓަރު އަދި ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހު ޖަމާލާއި އަބަދުވެސް ޖަމީލްގެ އެކުވެރިއެއްގެ ގޮތުގައި ހުންނަވާ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއަށް މިރޭ ގުޅިވަޑައިގެންފި އެވެ.
އެ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިރޭ ޖަރުމަންގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ޕާޓީއަށް އެ ތިން ބޭފުޅުންނަށް މަރުހަބާ ދެންނެވީ، ޖަރުމަނުގައި މިވަގުތު ދިރިއުޅުއްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑރ. ޝާހް މާހިރު ވެސް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.
މި ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޖަމީލު، މަގާމުން ދުރުކުރުމާ ހިސާބުން އުޅުއްވަނީ އަމިއްލަފުޅަށް އަރުވާލެވިގެން ލަންޑަނުގަ އެވެ. ޖަމީލު އިސްކޮށް ހުންނަވާ މީގެ ކުރިން ވަނީ އިދިކޮޅު ކޯލިޝަނެއް ވެސް އުފައްދާފަ އެވެ. މަލީހާއި އަމީންއަކީ ޖަމީލުއާއެކު މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ސަރުކާރާ ވަކިވީ ވެސް ޖަމީލު ސަރުކާރުން ދުރު ކުރުމުންނެވެ. އެ ދެބޭފުޅުން ސަރުކާރާ ގުޅުނީ ވެސް ޖަމީލް ޕީޕީއެމާ ގުޅި ވަޑައިގަތުމުންނެވެ. އެހެން ކަމުން މިއީ އެއްކޮށް ސިޔާސީ މައިދާނުގައި ދަތުރު ކުރައްވާ ތިން ބޭފުޅުންނެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ޕާޓީގެ ދޮރު ވަނީ ހުޅުވާލާފަ އެވެ. މިފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ ޕާޓީއާ ގުޅިވަޑައިގަތެވެ. އަދި މަޝްހޫރު ވަކީލުންތަކެއް ވެސް ޖުމްހޫރީ ޕާޓީއާ މިފަހުން ގުޅިވަޑައިގަތެވެ.