ގާސިމް އިބްރާހިމް

ރައީސް ވަނީ ގާނޫނާ ހިލާފުވެފައި، ފިޔަވަޅު އަޅާ: ގާސިމް

ރައީސް އަބްދުﷲ ޔާމީން މިހާރު ހިންގަވަމުން ގެންދަވާ އަމަލުތަކަކީ ގާނޫނާ ހިލާފު އަމަލުތަކެއްކަން އެމަނިކުފާނުގެ އަމިއްލަ ވާހަކަފުޅުން ވެސް ހާމަވެފައިވާ ކަމަށާއި ރައީސާމެދު ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު ވީއެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް މިހާރު ހުންނެވީ ބޭސް ފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން ޖަރުމަންވިލާތަށް ވަޑައިގެންންނެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އޭނާގެ ޓީމު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމަށް ޖަރުމަންވިލާތުގައި ބޭއްވި ހަފުލާގައި ގާސިމް ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑުވިދާޅުވެފަ އެވެ. ވެރިކަމަށް ރައީސް ޔާމީން ގެންނަން މަސައްކަތް ކުރެއްވުނީތީ މިހާރު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑު ޔާމީނަށް ތާއިދުކުރީ ދިވެހިރާއްޖޭގެ ޖުޑިޝަރީ އާއި ދިވެހިންނާއި ސިފައިންގެ ހައްގުގައި އެ މުއައްސަސާތަކުގަ ހައްގުގަ، މިއަދު އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުވެއްޖެކަން ރައިސުލްޖުމްހޫރިއްޔާ، އޭނާގެ އަމިއްލަ އިއުތިރާފުން، އޭނާގެ އަމިއްލަ ސްޕީޗްތަކުން،" ގާސިމް ވިދާޅުވި އެވެ.

އެގޮތުން ހިޔާނާތުގެ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތައް ގާސިމް ފާހަގަ ކުރެއްވި އެވެ. އަދި، އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ވާހަކަފުޅުތައް ވެސް ދައްކަވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، ދައުލަތުގެ ތެރެއިން ބޮޑު ހިޔާނާތެއް ހިނގައިގެން ދިޔައީމަ އޭގެ ޒިންމާ ރައީސް ނަންގަވަން ޖެހޭނެ ކަމަށެވެ.

ގާސިމް ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ރައީސް ޔާމީން އަނިޔާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ސިޔާސީ ލީޑަރެއް ވިއްޔާ ހުންނެވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނޫނީ ރިޝްވަތުގެ ކުށުގެ ދަށުން ދައުވާކޮށް ނޫނީ ތުހުމަތެއްކޮށްފަ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފަދަ ބޮޑެތި ތުހުމަތުތައް ކުރަނީ ސިއްރު ހެއްކަކަށް ބިނާކޮށް ކަމަށާއި ސިއްރު ހެއްކަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. ސިއްރު ހެއްކާއި އިންޓެލް ރިޕޯޓް ހިފައިގެން އުޅެނީ ރައްޔިތުންގެ މުދާ ޖަހައިގަނެ، އަނިޔާކުރުމަށް ކަމަށެވެ.

"މިއީ ވެރިޔެކޭ ކިޔަން އަޅުގަނޑު ލަދު ގަނޭ، ކޮން ވެރިޔެއްތޯ މިއީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން ތިބި ބަޔަކީ ފުލުހުން ކަމަށާއި އެކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފުލުހުން ކިޔަމަންވާންޖެހޭނީ ގާނޫނަށް ކަމަށާއި ޣައިރު ގާނޫނީ އަމުރަކަށް ތަބާވާން ނުޖެހޭ ކަމަށެވެ. ގާނޫނާ ހިލާފު ފޯނު ކޯލްތަކަށް ޖަވާބު ދޭން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.