ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު: ގާނޫނީ ބޮޑު ބަހުސެއް!

  • ތައާރުޒުވާ އެތައް ކަމެއް ވަކީލުން ވިދާޅުވޭ
  • ހާލަތު ގެނެސްފައިވާ ގޮތާމެދު ސުވާލު އުފައްދާ
  • ހާލަތަކުގެ ތެރެއަށް ނުވަންނަ ބައެއް ކަންކަން ހުއްޓޭ

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ސަބަބު ތަކުރާރުކޮށް އެ މަނިކުފާނު ވަނީ ކިޔައި ދެއްވާފައެވެ. އެއިން ދޭހަވި މައިގަނޑު އެއްޗަކީ ސުޕްރީމް ކޯޓް "އުހަށްވުރެ ވެސް އުސް" ވެފައި އޮތުމެވެ. އެ ކޯޓާއި ކޯޓުގެ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން މުތުލަގަށް އޮތް ހަމައެކަނި ދޮރު އެ ކޯޓުން އަމިއްލައަށް ބަންދު ކުރުމެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބާރު ނެގުމެވެ.

ސުޕްރީމް ކޯޓު "މާ އުސްވުމުން" ހަމަ މިނަށް ގެންނަން ރައީސް ޔާމީން އެޅުއްވި ފިޔަވަޅަކީ ކުއްލި ނުރައްކަލުގެ ހާލަތަށް ގައުމު ގެންދިއުމެވެ. އެކަމަކު ރައީސް އެ ކުރެއްވީ ކޮން ކަމެއްތޯއެވެ؟ ސުޕްރީމް ކޯޓުން ބާރު ނަގައި އަމަލުކުރި ގޮތަށް ރައީސް ވެސް އަމަލު ކުރެއްވީއެވެ. ހުރި ބާރުތައް ގެންދެވީއެވެ. ރައީސް، ޖަވާބުދާރީ ކުރެވޭނެ ތަނަކީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހެވެ. މަޖިލިސް ހުޅުވުން ފަސްކޮށް، އެ ބާރުވެސް ވަނީ ހުއްޓިފައެވެ. ބައެއް ފަރާތްތަކުން މި ހާލަތު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނަނީ އެހެންވެގެންނެވެ.

ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ގާނޫނީ ވަކީލުން ކަމަށްވާ މައުމޫން ހަމީދާއި ޝާހީން ހަމީދު ވިދާޅުވާ ގޮތުގައި، ފަހު ބަސް ބުނަން ސުޕްރީމް ކޯޓަށް އޮތް ބައެއް ބާރުތައް ނެގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. ސަބަބެއް ކަމަށް ދައްކަވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓޭނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތައް ކަމަށް ގާނޫނުއަސާސީގައި އޮންނަ އޮތުމެވެ. ކުއްލި ހާލަތު އިއުލާން ކުރި ގަރާރުގައިވާ ގޮތުން މިޔާ ހިލާފަށް ހަ މާއްދާއެއް ހިފަހައްޓާފައިވެއެވެ.

ހިފެހެއްޓި މާއްދާތައް

  • 99 ވަނަ މާއްދާ: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން
  • 100 ވަނަ މާއްދާ: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
  • 101 ވަނަ މާއްދާ: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް
  • 113 ވަނަ މާއްދާ: ސުޕްރީމްކޯޓުގެ ނިންމުން
  • 228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން
  • 145 ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން


މައުމޫން ހަމީދާއި ޝާހީން ހަމީދުގެ ދެބެން ވިދާޅުވާ ގޮތުގައި އެ ހަ މާއްދާ ހިފެހެއްޓުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ކުއްލި ނުރައްކަލުގެ އެ ގަރާރު އޮތް ގޮތުން ހަމަނުޖެހޭ އެތައް ކަމެއް އޭގައި ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރު ގޯހެއް ހައްދަވައިފިނަމަ އެކަން ޖޭއެސްސީއަށް ބެލެން ނެތުމަކީ ރައީސް ޔާމީން ވިދާޅުވާ ގޮތުގައި ހަމަ އާއި އުސޫލެއް އޭގައި ނެތުމެވެ. ހަމަ އެގޮތަށް ރައީސް ނެރުއްވި ގަރާރުގައި މައްސަލައެއް އުޅޭނަމަ އެކަމުގައި އެއްޗެއް ބުނަން ގާނޫނު އަސާސީއިން ބާރު ދެނީ ސުޕްރީމް ކޯޓަށެވެ. ފަހު ބަސް ބުނަން އޮތް ފަރާތް ވަނީ އެ ގަރާރުން "ދަތް ނެތް ސިންގާ" އަކަށްވެފައެވެ. މިހެންވާ ގޮތަކީ ކޮބައި ހެއްޔެވެ؟

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މި ހާލަތު ސިފަ ކުރެއްވީ، "ގާނޫނު އަސާސީ އުވާލާފައިވާ" ހާލަތަކަށެވެ. ސުޕްރީމް ކޯޓުގެ ބާރު ކެނޑި، ރައްޔިތުންގެ މަޖިލިސް ހިފަަހައްޓާފައި އޮތުމުން ކުއްލި ނުރައްކަލުގެ ގަރާރާ ގުޅޭ ގޮތުން ހުރި ގާނޫނީ މައްސަލަތަކަށް "ހަދާނެ އެއްވެސް ގޮތެއް މި ގައުމުގައި ނެތް" ކަމަށް ސުއޫދު ވިދާޅުވެއެވެ.

"ގާނޫނުއަސާސީ ދެމި އޮތް ނަމަ ހައްލު ހޯދޭނެ ގޮތްތަކެއް އެބަހުރި، ހައްލު ހޯދޭނެ ގޮތެއް ނެތުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ މި ވަގުތު ނެތުން،" -- އެއީ ސުއޫދުގެ ހިޔާލެވެ.

ރައީސް ޔާމީން އަމަލު ކުރެއްވި ގޮތުން ގާނޫނު އަސާސީ އުވިފައިވާ ކަމަށް ސުއޫދު ފާހަގަކުރައްވާއިރު، ގާނޫނީ އެހެން ބައެއް ބޭފުޅުން އިތުރު އެހެން މައްސަލަތަކެއް ގަރާރުން ފާހަގަކުރެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ހާލަތްތައް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައިވެއެވެ. އެފަދަ އެއްވެސް ހާލަތެއް މިވަގުތު ރާއްޖޭގައި އޮތްތޯއެވެ؟ އެ ހާލަތު ނެތި، ކުއްލި ނުރައްކާ އިއުލާންކޮށް ހައްގުތައް ވެސް ހިފަހެއްޓުމުގައި ކޮންމެހެން ހަނިކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާތައް ހަނިވާ ގޮތަށް ގަރާރު ނެރެފައިވާ ކަމަށް އެފަދަ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ވަނީ ހިފަހައްޓާފައެވެ. އެއީ ނޫސްވެރިކަމުގެ ހައްގަށް އެޅޭ ހުރަހެކެވެ. ގާނޫނު އަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނޫސްވެރިކަމުގެ ހައްގަށް ހަނިކަން ގެނެސްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން، އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމުގެ ހައްގާއި ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތަކަކީ ވެސް ހަނިކޮށްގެން ވާނެ ހައްގުތަކެއް ނޫނެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުގައި އެ ހައްގުތައް ހަނިވާފަދަ މާއްދާތައް ވަނީ ހިފަހައްޓާފައެވެ. އެ މާއްދާތައް ހަނިވާ މާއްދާތައް ފާހަގަ ކުރައްވާފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދު ކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަން ކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފު ކުރުމުގެ ހައްގު)އެވެ.

އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލު ހޯދުމަށްޓަކައި ދައުވާ ކުރުމުގެ ހައްގު) އާއި 145 ވަނަ މާއްދާގެ (ނ) (ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން) މާއްދާއެވެ.

ޖިނާއީ އިޖުރާއަތުގެ މުޅި ގާނޫނު ވެސް ވަނީ ހިފަހައްޓާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާން ކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެއެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާ ކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ދެ ފަނޑިޔާރަކު ހައްޔަރު ކުރަން ޖެހި "މަޅި ފައްޗަކަށް" ހެދުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވެސް ވަކީލުން ދެކެ ވަޑައިގަންނަވައެވެ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިފައިވާ އިމްތިޔާޒުތަކާއި، ރައްކާތެރިކަން ހިފެހެއްޓުމަކީ ގާނޫނު އަސާސީގެ 254 މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރު ކުރުމަކީ ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އަމުރަކުން ވެސް ކުރެވެން އޮތް ކަމަށްވާއިރު، އެ ގޮތަށް އަމުރު ހޯދުމުގެ ބަދަލުގައި، ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަށް އަމަލު ނުކުރާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ގަރާރުގައި ހިމަނާފައިވަނީ އެ މާއްދާގައި ބުނެފައިވާ އިޖުރާއަތު ހިންގުމަކާ ނުލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އަޒްމިރަލްދާ ގަބޫލުފުޅު ކުރައްވައެވެ.

"ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ހިފެހެއްޓިފައި އޮތުމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ބާކީ އޮތް މުއްދަތުގައި ފަނޑިޔާރު ކުރާ ހުކުމެއް، ނުވަތަ ނިންމާ ނިންމުމަކާމެދު ސަރުކާރު ހިންގާ ފަރާތާމެދު އުފެދޭ ހިޔާލު ތަފާތުވުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ނިންމުމެއް ނިންމަވާ ފަނޑިޔާރު ހައްޔަރު ކުރެވުމުގެ ބިރު އޮންނާނޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރެކެވެ. ނަމަވެސް، އެ ބާރުގެ ބޭނުން ކުރަން ވާނީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބުތަކެއް ހުރެގެންނެވެ. އެފަދަ ގަރާރަކީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ނެރުއްވާ ގަރާރަކަށް ވާންޖެހޭނެއެވެ. ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ދާއިރާގައި ހިނގައި މިދިއައީ ވަރަށް އާދަޔާހިލާފު އަދި ޒަމާންތަކެއް ފަހު އިތުރަށް ބަހުސް ހިނގާނީ ކަމެއްކަން ޔަގީނެވެ.