ރިޕޯޓް

އޮންލައިން ޓޫރިޒަމުން ރާއްޖެއަށް "ހިތި" ތަޖުރިބާއެއް

ޓޫރިސްޓުން އަންނަން އާއްމު ގޮތެއްގައި ދައުވަތު ދެނީ ދެ ގޮތަށެވެ. އެއް ގޮތަކީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށެވެ. އަނެއް ގޮތަކީ އޮންލައިން ޓްރެވަލް ސައިޓުތަކުގައި ޖަހައިގެންނެވެ. ދުނިޔޭގެ ޓްރެންޑަށް ބަލާއިރު އޮންލައިން ޓްރެވަލް އެޖެންސީ (އޯޓީއޭ) ގެ ހިދުމަތް ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. ރާއްޖެ ވެސް މިކަމުގައި މިހާރު އުޅެނީ ވަރަށް ކުރީގަ އެވެ. ނަމަވެސް ރާއްޖެ، އޮންލައިން ޓްރެވަލް އަށް ބަރޯސާވުން މިއީ އެންމެ އެކަށީގެންވާ ކަމެއްތޯ ސުވާލު ކުރަން މި ވަނީ ޖެހިފަ އެވެ. މި ސުވާލު އުފެދެނީ މިއަދުގެ ހާލަތުންނެވެ. ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރުމާއެކު، ބުކިންތައް ކެންސަލްވާން ފެށިއިރު، އެންމެ ބޮޑު "ވޭނެއް" މިހާރު ކުރިމަތިވަނީ އޮންލައިން ބުކިން އަށް ބަރޯސާވެގެން ތިބި ގިނަ ފަރާތްތަކަށެވެ.

"ބަލާ.. މި މަހުގެ ފަހަކުން ފެށިގެން 10 ބުކިން ކެންސަލް ވެއްޖެ. މި ހުރިހާ އެއްޗަކީ ހުސް އޮންލައިނުން ބުކް ކޮށްފައި އެއްޗިހި. ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހެދި އެއް ވެސް ބުކިންއެއް ކެންސަލެއް ނުވޭ. އެހެންވީމަ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް." ކ. މާފުށީގައި ގެސްޓްހައުސް ވިޔަފާރި ކުރާ މީހަކު އޭނާގެ އަތުގައި އޮތް ފޯނު ދައްކާލަމުން އިއްޔެ ބުންޏެވެ.

ދުނިޔެ ބަދަލުވެ، ހަލުވިކަމާއެކު ކުރިއެރުމުގެ ނަތީޖާއަކީ ދަތުރު ފަތުރު ކުރުމުގެ ޓްރެންޑްވެސް ބަދަލުވުމެވެ. ހާއްސަކޮށް ދަތުރު ކުރުމަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ދުރާލާ ބުކްކޮށްލެވޭ ގިނަ ސައިޓު ތަކެއް ހެދުމެވެ. ނަޖީތާއަކީ މި މަގު ގިނަ ބަޔަކު ހިޔާރު ކުރުމެވެ. މިގޮތުން ދުނިޔެ އަށް މަޝްހޫރު ޓްރެވަލް ސައިޓުތައް ކަމަށްވާ "ބުކިން ޑޮޓްކޮމް" އާއި "އަގޯޑާ" އަދި "އެކްސްޕީޑިއާ" އާއި "މޭކްމައި ޓްރިޕް" ފަދަ ސައިޓުތަކުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ދުނިޔޭގެ އޮންލައިން ޓްރެވަލް ސޭލް ނުވަތަ ޑިޖިޓަލް ޓްރެވަލް ސޭލް މިދިޔަ އަހަރު އުޅެނީ 629 ބިލިން ޑޮލަރުގަ އެވެ. އަދި މި އަދަދު 2020 ވަނަ އަހަރު 800 ބިލިއަން ޑޮލަރު ފަހަނަ އަޅާނެ އެވެ. މި ހިސާބުތަކުން އެނގެނީ އޮންލައިން މެދުވެރިކޮށް ޕޭކޮށްގެން އަންނަ މީހުންގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން ދިއުމެވެ.

ނަމަވެސް، އަދަދުތަކުން މި ގޮތަށް ދެއްކިއަސް، ރާއްޖެ އަށް މީގެ "ޑިސް އެޑްވާންޓޭޖް" ވަރަށް ބޮޑެވެ. މީގެ ހެއްކަކީ މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއެކު އޮންލައިނުން ގެސްޓުން ގެންނަން ބުކިން ހައްދާފައިވާ ގިނަ ފަރާތްތަކަށް ގެއްލުންވުމެވެ. ގިނަ އޮންލައިން ބުކިންތަކެއް ކެންސަލް ވެގެން ދިއުމެވެ. ސުވަލަކީ މިހެންވަނީ ކީއްވެގެން ހެއްޔެވެ؟

ގެސްޓްހައުސްއެއް ހިންގާ މީހުން ބުނާ ގޮތުގައި ސިޔާސީ ހަލަބޮލިވުމާއެކު ގެސްޓްހައުސްތަކުގެ ބުކިން ކެންސަލްވުމުގައި އޮންލައިން ބުކިން އަށް ބަރޯސާވުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުންނަށް އެނޫން ގޮތެއް ނެތްކަން އެއީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

"ގެސްޓްހައުސްތަކުގައި ނުހުރޭ ބޮޑު އަގު ދީގެން ޓޫރިޒަމް ފެއާތަކަށް ދާވަރުގެ ތަނަވަސް ކަމެއް. އެހެންވެ ގެސްޓްހައުސް ހުޅުވާލާ ގޮތަށް ސޯޝަލް މީޑިޔާގައި ފޮޓޯ ޖަހައިގެން މީހުން ގެންނަނީ. އެކަމަކު މިހާރުގެ ހާލަތަށް ބަލާއިރު މި ފެންނަނީ މީގެ ގެއްލުން. ގިނަ އޮންލައިން ބުކިންތައް ވަނީ ކެންސަލްވެފައި،" ގެސްޓްހައުސްއެއް ހިންގާ ވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ގެސްޓްހައުސްތަކުގައި ނުހުރޭ ބޮޑު އަގު ދީގެން ޓޫރިޒަމް ފެއާތަކަށް ދާވަރުގެ ކުޅަ ދާނަކަމެއް. އެހެންވެ ގެސްޓްހައުސް ހުޅުވާލާ ގޮތަށް ސޯޝަލް މީޑިޔާގައި ފޮޓޯ ޖަހައިގެން މީހުން ގެންނަނީ. އެކަމަކު މިހާރުގެ ހާލަތަށް ބަލާއިރު މި ފެންނަނީ މީގެ ގެއްލުން.
ގެސްޓްހައުސް ވެރިއެއް

އަނެއް ގެއްލުމަކީ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް މީހުން ގެނައުމުން ލިބޭ ފައިދާ ކުޑަވުމެވެ. އެހެންވެ އޮންލައިން ބުކިންއަށް އިސްކަންދެ އެވެ. ޓުއާ އޮޕަރޭޓަކަށް ދީގެން ޕެކޭޖު ނޫނީ ކޮޓަރި ވިއްކާނަމަ ލިބޭ އާމްދަނީ އެތަށް ޕަސެންޓެއް ކުޑަވެގެންދެ އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ އޮންލައިނުން ގެސްޓުން ގެނައުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށާ، މިގޮތަށް އަންނަ މީހުންގެ ކެންސަލޭޝަން އަވަސް ކަމަށެވެ.

"މިސާލަކަށް ނޭނގޭ މީހަކު ހަބަރުތައް ފެންނައިރަށް ކެންސަލްކޮށް ލާނީ. އެކަމަކު ޓްރެވަލް އެޖެންސީ މެދުވެރިކޮށް އަންނަ މީހުން ގުޅާލާނެ ނޫނީ ކޮންމެ ވެސް ގޮތަކަށް އެޖެންޓާ ވާހަކަ ދައްކާނެ. އޭރުން ހަގީގީ މައުލޫމާތު އެ މީހަކަށް ދެވޭނެ. މިއީ ތަފާތަކީ،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އުފެދިފައިވަނީ ވަރަށް ތަފާތު ކޮށެވެ. ރާއްޖޭގެ ވެރިރަށް މާލޭގައި ހިނގާ ކަމަކުން ރާއްޖޭގެ އެހެން ރަށަކަށް ނޫނީ ރިސޯޓު ތަކަށް އެއްވެސް އަސަރެއް ނުކުރެ އެވެ. ބައެއް ހާލަތްތަކުގައި ކަމެއް ހިނގާކަމެއް ރާއްޖޭގައި ތިބޭ ޓޫރިސްޓުންނަށް ނުވެސް އެނގެ އެވެ. ނަމަވެސް ސޯޝަލް މީޑިއާ އިން ފެންނަ މަންޒަރަކުން ބުކިން ކެންސަލްކޮށްލުމަކީ ގެސްޓްހައުސް ފަދަ ކުދި އިންވެސްޓްމަންޓް ތަކަށް ބޮޑު ގެއްލުންވާނެ އެވެ.

ލެޓްސްގޯ ރިޔާޒު ވިދާޅުވީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އަންނަ ގެސްޓު މީހާއަށް ކޮންވީންސް ކޮށްދެވިދާނެ ކަމަށެވެ.

"އޮންލައިނުން ޓޫރިސްޓުން ގެނައުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް ބޮޑު ހަތުރެއް. އެއީ ސަސްޓެއިން ވާނެ އެއްޗެއް ނޫން. އެކަމަކު ޓުއާ އޮޕަރޭޓަރުން މި މުހިންމު ދައުރެއް ކުޅެނީ،" ރިޔާޒު ވިދާޅުވި އެވެ.

އޮންލައިނުން ޓޫރިސްޓުން ގެނައުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް ބޮޑު ހަތުރެއް. އެއީ ސަސްޓެއިން ވާނެ އެއްޗެއް ނޫން. މީހަކު ހަބަރުތައް ފެންނައިރަށް ކެންސަލްކޮށް ލާނީ. އެކަމަކު ޓްރެވަލް އެޖެންސީ މެދުވެރިކޮށް އަންނަ މީހުން ގުޅާލާނެ ނޫނީ ކޮންމެ ވެސް ގޮތަކަށް އެޖެންޓާ ވާހަކަ ދައްކާނެ
ލެޓްސްގޯ ރިޔާޒު

އެހެން ޓްރެވަލް އެޖެންސީއެއްގެ އިސްވެރިއަކު ބުނި ގޮތުގައި "ބުކިން ޓޮޓްކޮމް" ފަދަ ސައިޓުތަކުގައި ޑިސްއެޑްވާންޓޭޖާއި އެޑްވާންޓޭޖް ތަކެއް ވެސް އެބަހުރި ކަމަށެވެ.

"މިއަދު ބުކްކޮށްލާ ތަނުން މާދަމާ ފެނިދާނެ އެއަށް ވުރެ ރީތި ތަނެއް އެހެންވިއްޔާ އަވަހަށް ކެންސަލްކޮށްލާނެ. މިއީ ދެކޮޅަށް ވެސް އޮތްކަމެއް. ރާއްޖެއަށް އަންނަ ބުކިންގެ 40 ޕަސެންޓަކީ އޮންލައިން. އަނެއް ބަޔަކީ ކޮންވެންޝަނަލް، ބޭރުގައި އޮފީސް ހުޅުވައިގެން ގެންނަ މީހުން. ބައެއް ސައިޓު ތަކުން ރިފަންޑް ކޮށްދޭ އަނެއް ބައި ތަންތަނުން ހާފު ރިފަންޑް ދޭނެ،" އޭނާ ބުންޏެވެ.

ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް މީހުން ގެނައުން ކަމަށެވެ. އަދި ބުކިން ސައިޓުތައް މެދުވެރިކޮށް ޓޫރިސްޓުން ގެނައުމުން ކެންސަލްވުން އަވަސް ކަމަށް އޭނާވެސް އެއްބަސްވެ އެވެ.

"ކެންސަލޭޝަން ބޮޑު އޮންލައިނުން އަންނަ މީހުން. އެކަމަކު ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ މީހުންގެ 90 ޕަސެންޓަކީ އޮންލައިން މީހުން. މީގެ ގެއްލުން ބޮޑު. ކެންސަލޭޝަން އެންމެ ބޮޑު ވަނީ އޮންލައިން. ސަބަބަކީ ކެންސަލްކޮށްލަން ފަސޭހަވުން. ގޭގައި އިނދެގެން ފޯނުން ވެސް ކެންސަލް ކޮށްލަންވީ،" ކ. މާފުށީގައި 200 އަށްވުރެ ގިނަ ކޮޓަރި ހިންގާ ކުންފުނީގެ ވެރިޔާ، އަބްދުﷲ ވިދާޅުވި އެވެ.

ކެންސަލޭޝަން ބޮޑު އޮންލައިނުން އަންނަ މީހުން. އެކަމަކު ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ މީހުންގެ 90 ޕަސެންޓަކީ އޮންލައިން މީހުން. މީގެ ގެއްލުން ބޮޑު.
ކާނި އަބްދުﷲ

އޭނާ ވިދާޅުވީ ކާނީގެ ގެސްޓްހައުސްތަކަށް ގިނައިން އަންނަނީ ޔޫރަޕު މީހުން ކަމަށާއި އެ ގެސްޓްހައުސް އަށް ކެންސަލޭޝަން މަދު ކަމަށެވެ.

"ހައެއްކަ ކެންސަލޭޝަން އަދި މި އުޅެނީ. މީގައި ވެސް ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހެއްދި އެއްވެސް ބުކިންއެއް ކެންސަލެއް ނުވޭ. އޮންލައިން ބުކިން ކެންސަލްވެގެން ދިޔައީ،" ބަލްގޭރިޔާގައި އޮފީސް ހުޅުވައިގެން ގެސްޓްހައުސް ޕްރޮމޯޓް ކުރާ އަބްދުﷲ ވިދާޅުވި އެވެ.

ކޮންމެއަކަސް މި ފަހަރު ރާއްޖެ އަށް ތަފާތު ތަޖުރިބާއެކެވެ. ސިޔާސީ ގޮތުން ހަލަބޮލިވި ދަނޑިވަޅުގައި މުޅި ޓޫރިޒަމަށް މިދަނީ ގެއްލުންވަމުންނެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ކުރިން އެންމެ މުހިންމު ދައުރެއް އަދާކުރި އޮންލައިންއަށް ބޮޑަށް ބަރޯސާވެފައިތިބި ފަރާތްތަކަށް މީގެ ގެއްލުން ވަރަށް ބޮޑު ކަމަށްވެ އެވެ.