- އެންދެރިމާގެއިން ނެރުނު ފޮއްޓަކުން އެވިޑެންސް
- އަލީ ހަމީދުގެ ދަބަހަކުން 3.46 މިލިޔަން ރުފިޔާ
- ބޮޑު ކުންފުންފުންޏަކުން އޭނާއަށް 2.4 މިލިއަން ޑޮލަރު
ގާނޫނީ ސަރުކާރު ވައްޓާލަން ރޭވި ކަމުގައި ތުހުމަތުގައި ބޭފުޅުންތަކެއް ހައްޔަރުކޮށް ފަށާފައިވާ ތަހުގީގާ ގުޅޭ އާ ވާހަކަތަކެއް ފުލުހުން މިރޭ ހިއްސާކޮށް އިތުރު ބައެއް ފަރާތްތަކަށް އެ މައްސަލައިގެ ތުހުމަތު ކޮށްފި އެވެ.
ފުލުހުން މިރޭ އިސްކަންދަރު ކޮށީގައި ދިން ސްޓޭޓްމެންޓެގައި ބުނީ ގާނޫނީ ސަރުކާރު ވައްޓާލަން ބަޔަކު އުޅުނު މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ނިޝާން ޣާޒީގެ އިތްޒަތްރެރި ވެރިޔާ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ ފަހަށް އެ ތުހުމަތުގައި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބާހިމް ސިޔާދު ގާސިމާއި ސ. ހުޅުދޫ ކާމިނީގޭ ފާތުމަތު ނާސިޔާ އާއި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މަޖިލީހުގެ މެންބަރު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްުދުﷲ ސިނާން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހުރިހާ ބޭފުޅުންނާއެކު މި މައްސލާގައި މިވަގުތު އަށް ބޭފުޅަކު ވަނީ ހައްޔަރުކޮށްފަ އެވެ. މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ހޯދަނީ އެ މައްސަލާގައި ކަމަށް މިރޭ ބުންޏެވެ. އަމިއްލައަށް އަރުވާލެއްވިގެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ގޮތަށް އޭނާގެ ހަބަރެއް ނުވެއެވެ. އޭގެ ފަހުން މިއަދު ވަނީ އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފަ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ބޮޑު ތަހުގީގެއް ފަށާފައިވާ މައްސަލާގައި މިރޭ އާ ވާހަކަތަކެއް ހާމަ ކުރި އިރު ފުލުހުން ބުނީ ބޮޑު އެ ތަހުގީގުގައި 30 މީހަކާ މިހާރު ސުވާލު ކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ ހެއްކާއި އެހެނިހެން މައުލޫމާތު ހޯދުމަށް 15 ތަނެއް ބަލައި ފާސް ކޮށްފައިވާ ކަމަށެވެ. އެ ތަންތަނުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އަލަށް ހާމަވި ބައެއް ވާހަކަ
ތުހުމަތަކަށް އިޝާރާތްކޮށް ފުލުހުން ބުނީ ހައްޔަރުގައި ހުންނެވި ހަސަން ސައީދު ހުސައިންގެ މައްޗަށް ކުރިން ވެސް ކުރަމުން އައި ތުހުމަތަކަށް ބޭނުންވާ ޑޮކިއުމެންޓް އެވިޑެންސް މިހާރު ލިބިފައިވާކަން ޔަގީންކޮށްދޭ ކަމަށާއި ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215000 އެމެރިކާ ޑޮލަރާއި 150000 ދިވެހި ރުފިޔާ (ގާތްގަނޑަކަށް ދިވެހި ފައިސާއިން 3.46 މިލިއަން ރުފިޔާ) ފެނިފައިވާ އިރު އޭނާގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތަށް އެހީތައް ވަމުން ގެންދަވާކަން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.
އަދި ބުނީ ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަލީ ހަމީދު ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބި، އެކަން ޔަގީން ކުރެވިފައިވާ ކަމަށާއި އޭނާގެ އާއިލާއަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިޔަ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އެހީއެއް ލޯނެއްގެ ގޮތުގައި ދީފައިވާކަން ކަށަވަރު ކުރެވުނު އިރު އޭގެ ތެރޭގައި ވެސް ތަފާތު އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. އެއީ ކޮން ކަންތައްތަކެއް ކަމެއް ވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވެސް ނުބުނެ އެވެ.
ފުލުހުން ބުނީ މިކަން ކަން ފުޅާ ދާއިރާއެއްގައި ތަހުގީ ކުރަމުން އަންނަ ކަމަށާއި ތަހުގީގަށް ފާހަގަ ކުރެވުނު ބައެއް ކަންކަންމަށް ބަލާއިރު ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ސިއްރު ގޮތެއްގައި ނެރެގެން ގެންދިޔަ ކަޅު ކުލައިގެ ފޮއްޓަކުން މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ލިބިފައިވާ ކަމަށެވެ. އެ ފޮށީގެ ތެރެއިން ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މައުމޫނުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާައިރާގެ މެންބަރު ފާރިސް މައުމޫން މަސައްކަތް ކުރެއްވި ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ލިބިފައިވާ ކަމަށެވެ.
ކަޅު ފޮށި ހޯދީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި އެ ފޮށި ފެނުނީ ރައީސް މައުމޫނުގެ އަރިހުގައި މަސައްކަތް ކުރަމުން އައި އަދި މިހާރު ހައްޔަރުކޮށް ގޭބަންދަށް ބަދަލުކޮށްފައިވާ ނަޖުމާ އިބްރާހިމް ގެއިން ކަމަށެވެ. މި މައްސަލާގައި ތުހުމަތުވާ ފަރާތްތައް ރާއްޖެއިން ބޭރުން އަގު ބޮޑު މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާ ކަން ޔަގީން ކުރެވޭ ޑޮކިއުމެންޓް އެވިޑެންސާއި އެހެން ތަފާތު ހެެއްކާ ގަރީނާ ވެސް ހޯދިފައިވާ ކަމަށް ވެސް ޕޮލިސް ސްޓޭޓްމަންޓްގައި ބުންޏެވެ.
އެ ސްޓޭޓްމަންޓްގައި ބުނަނީ މި މައްސަލައިގައި ކަންކަން ވަރަށް ސާފުކޮށް އެބަހުރި ކަމަށާއި ނަމަވެސް މައްސަލައިގެ ތަގުގީގާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަށް ދައްކާ އެކި ސިފަ ސިފާގައި ފަތުރާ ކަމަށެވެ.
އަދި ބުނީ މި ތަހުގީގާ ގުޅޭ މައުލާމާތު ކައިރި ކައިރީގައި ހިއްސާ ކުރާނެ އިރު މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އޮތް ނަމަ ފުލުހުންނާ ހިއްސާ ކުރުމަށް އެދޭ ކަމަށާއި މި ކަމާ ގުޅުން ހުރި އަދި ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ފޮރުވަން ދީފައި އޮތް ނަމަވެސް ފުލުހާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ފުލުހުންގެ މިރޭ އިސްކަންދަރު ކޮށީގައި ސްޓޭޓްމަންޓެއް ދިނީ ނޫސްވެރިން ވެސް ގެންގޮސްގެނެވެ. ނަމަވެސް އެތާނގައި ނޫސްވެރިންނަށް ސުވާލެއް ނުކުރެވެ އެވެ. ހަމަ އެކަނި ޖެހެނީ އަޑު އަހަށާށެވެ. ނަމަވެސް ފޮޓޯ ނެގެ އެވެ. އެތަނަށް ދިޔަ ނޫސްވެރިންނަށް ފުލުހުން ޝުކުރު އަދާކުރި އެވެ.