ހަބަރު

ކުއްލި ހާލަތުގައި ވަކީލުންނަށް ދެވޭނީ ދުވާލަކު 30 މިނެޓް: ފުލުހުން

ފަނަރަ ދުވަހަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ތަހުގީގުގައި ހައްޔަރުކުރެވޭ މީހުންނަށް ވަކީލުންނާ ބައްދަލުކުރުމަށް ދުވާލަކު ދެވޭނީ 30 މިނެޓް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ބަންދުގައިވާ ފަރާތްތަކަށް ވަކީލުންގެ ފުރުސަތު ނުދޭ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ވަކީލުންނާ ބައްދަލުކުރުމުގެ ހައްގު ލިބޭނެ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަދެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގުކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލުކުރުމަށް ދުވާލަކު 30 މިނެޓަށްވުރެ ދިގު ނުވާ ގޮތަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ، އެގޮތަށް 30 މިނެޓްގެ ފުރުސަތު ދޭނީ ކުށުގެ ތުހުމަތުގައިވާ ފަރާތުން އޭނާގެ ވަކީލާ ބައްދަލުކުރަން އެދެފިނަމަ ކަމަށެވެ. އަދި އެއީ، ބަންދުގައިވާ ފަރާތްތަކަށް ތަހުގީގުގައި ސުވާލު ނުކުރާ ދުވަސްތަކުގަ ކަމަށެވެ.

ވަކީލުންނާ ބައްދަލުކުރުމުގެ އާ އުސޫލަކާއި އެކަމަށް މަދު ވަގުތުކޮޅެއް ފުލުހުން ހަމަޖައްސާފައިމިވަނީ ކުއްލި ނުރައްކަލުގެ ހާލަތާއެކު ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވަނިކޮށެވެ. ނަމަވެސް، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ވަކީލެއްގެ ފުރުސަތަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެއްވެސް ގޮތަކަށް ހަނި ކުރެވޭނެ ހައްގެއް ނޫނެވެ.