އުއްތަމަ ފަނޑިޔާރަކާ ނުލާ ސުޕްރީމް ކޯޓު ހިންގުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ. މާރިޔާއަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވެސް ގާނޫނީ ވަކީލެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުވެލެވިފައިނުވާ ހާލަތެއްގަ ސުޕްރީމް ކޯޓަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަސްޕެންޑްކޮށްފައި ތިބުމުން އެ ހާލަތު މިހާރު ސުޕްރީމް ކޯޓުގައި ނެތް ކަމަށެވެ.
އެގޮތުން މާރިޔާ ފާހަގަ ކުރެއްވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ.
"ސުޕްރީމް ކޯޓަކީ އިމާރާތެއް ނޫން، އެތަނުގަ އެބަ އިންނަވަން ޖެހޭ އުއްތަމަ ފަނޑިޔާރަކާއި ދެން ގާނޫނުން އެކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުން، އެހެންވީމަ މި ބޭފުޅުން ނުލާ ސުޕްރީމް ކޯޓެއް ނުހިންގޭނެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެންވާނެ ގޮތް ފަނޑިޔާރުންގެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެން ވާންވާނީ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނު ކަނޑައަޅުއްވާ ފަނޑިޔާރުންގެ މައްޗަށްކަން ބަޔާންކޮށްފައިވާ ކަމަށެވެ.
"މިހެން އޮތްވާ ތިން ބޭފުޅުން އަގުލަބިއްޔަތުންނޭ ކިޔާފަ ވެސް އުއްތަމަ ފަނޑިޔާރާ ނުލާ ސުޕްރީމް ކޯޓެއް ނުހިންގޭނެ، އެ ހާލަތުގަ ނެރޭ އަމުރުތަކީ ސުޕްރީމް ކޯޓުގެ އަމުރަށް ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވަނީ އަބްދުﷲ ސައީދަކީ އަދިވެސް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، ކުރިން ފަނޑިޔާރަކު ބަލާފަ އޮތް މައްސަލައެއް އަލުން ރިވިއުކޮށް އެ މައްސަލައެއް އަލުން ބެލުމަކީ އަދުލުގެ ނިޒާމް ދަންނަ އުސޫލެއް ނޫން ކަމަށެވެ. އެހެންވެ ފަސް ފަނޑިޔާރުން ނިންމާފައި އޮތް ނިންމުމެއް އޭގެ ތެރެއިން ތިން ފަނޑިޔާރުން ވެގެން އަލުން ރިވިއު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަސް ފަނޑިޔާރުންގެ އަމުރުގެ ބައެއް ބާތިލުކުރި އަމުރު ދިފާއުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެއްވެސް ސަބަބަކާހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވި އެ އަމުރުގައިވެ އެވެ.
އޭގެ އިތުރުން އަމުރުގައި ބުނެފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު 11، 2014 ގައި ގެނައި އިސްލާހުގެ ދަށުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށެވެ. ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއްކަން ސާފުކޮށް އެ އިސްލާހުގައި ސާފުކޮށް ބުނެފައިވާ ކަމަށެވެ.