ހަބަރު

ތުހުމަތުވާ މީހުން ހަނު ނުތިބެ ފިރިހެންވާން ވެއްޖެ: ނިހާން

ވެރިކަން ވައްޓާލުންފަދަ ބޮޑު ތުހުމަތެއް ކުރެވޭ ބޭފުޅުން ހަނު ނުތިބެ، އެއަށްވުރެ "ފިރިހެންވާން" ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ، އެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ބޭފުޅުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން އިއްޔެ ބުނެފައިވާތީ އެވެ. އިއްޔެގެ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރަތް ކުރައްވާ، ނިހާން ވިދާޅުވީ ތުހުމަތުގައި ހައްޔަރުވާ މީހުން އުމުރު ދުވަހު ހަނު ހުރެގެން ނިމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އުސޫލެއްގެ ގޮތުން ބަލާނަމަ ހަނު ހުރުމަކީ ވެސް މި ޒަމާނުގައި އިއުތިރާފެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"މިފަދަ ބޮޑު ތުހުމަތެއްގަ ހަނު ހުންނަ ނަމަ އެއީ ނުރައްކާތެރި ކަމެއް ނުވަތަ ބޮޑު ކަމެއް ފޮރުވުމަށް ކަމަށް ބެލުމުގެ ޗާންސް ވަރަށް ބޮޑު، އެހެންވީމަ އެ ބޭފުޅުންނަށް ހަމަ ހަނު ނުހުރުމަށް އަޅުގަނޑު ރައްޔިތުންގެ ހައްގުގަ ގޮވާލަން، އެއީ ވެގެން މިއުޅޭ ކަމެއް ތަހުގީގަށް ކިޔައި ދިނާމަ އެ ބޭފުޅުން ކުރި ކަމެއް ވެސް ނުކުރާ ކަމެއް ވެސް ސާފު ވާނީ، ތަންކޮޅެއް ފިރިހެން ވެލާށޭ އަޅުގަނޑު ވެސް ދަންނަވާނީ، ވަރަށް ދެރަވަރުކޮށް މި ދަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވި ނަމަވެސް، މައްސަލާގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ވަކީލުން ވަނީ އެ ބޭފުޅުން ހަނު ނުތިއްބަވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، މިހާތަނަށް އެ ދެ ބޭފުޅުންނަށް ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ސުވާލެއް ނުކުރާއިރު، ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި އެއްބާރުލުން ނުދޭ ކަމަށް ވެސް ނުވާނެ ކަމަށެވެ. ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ވަކީލް މޫސާ ސިރާޖު ވެސް ވިދާޅުވެފައިވަނީ ހަމަ އެހެނެވެ.

މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް ހިސާން ހުސެއިން ވެސް ވަނީ ތުހުމަތަކާ ގުޅިގެން ފުލުހުން މިހާތަނަށް އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. ހަނުހުރުމުގެ ހިސާބަށް ދާނީ ވެސް ތަހުގީގުގައި ސުވާލުކުރުމުން ކަމަށެވެ. ނަމަވެސް އެ ހުރިހާ ބޭފުޅުން ވަނީ ތުހުމަތުތައް އިންކާރު ކުރައްވާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބޭފުޅުން ހައްޔަރުކުރުމަށްފަހު، ސަރުކާރުން ވަނީ ގަރާރަށް އިސްލާހު ގެނެސް ގާނޫނު އަސާސީއިން ލިބިދޭ ހަނުހުރުމުގެ ހައްގު ހިފަހައްޓާފަ އެވެ. އެހެންވެ، ތަހުގީގައި ހަނުހުރުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫނެވެ.