ހަބަރު

އުއްތަމަ ފަނޑިޔާރުގެ ހާލަތު މުއިއްޒު ކިޔައިދެނީ ހަގީގަތާ ހިލާފަށް: ވަކީލުން

ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާ ބައްދަލުކުރެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރާމެދު އަމަލުކުރަމުންދަނީ ރަނގަޅަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުއްްތަމަ ފަނޑިޔާރު ވަކީލުންނަށް މައުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނާމެދު ފުލުހުންގެ ފަރާތުން ކަސްޓޯޑިއަލް ސެންޓަރުގެ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް އަމަލުކުރާ ވާހަކަ އެއްވެސް ބޭފުޅެއްގެ އަރިހުގައި ވިދާޅުވެފައެއްނުވާނެ ކަމަށެވެ. އަދި، އެމަނިކުފާނު ބަހައްޓާފައިހުރީ އިންސާނުން ބަހައްޓަން އެކަށީގެންވާ ފަދަތަނެއްގައި ނޫން ކަމުގައި ރައީސް ޔާމީންގެ މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންވެސް އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށާއި، އެބޭފުޅުންނަށް ވެސް އެމަނިކުފާނާމެދު ކަންތައްތައް ކުރެވޭ ގޮތުގެ ތަފްސީލް ކިޔާދެއްވާފައިވާ ކަމަަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.

މުއިއްޒުއާ ހަވާލާދީ ރައީސް އޮފީހުން މިއަދު ބުނީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅާ ބެހޭ ގޮތުން މީޑިއާތަކުގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ތިން ބޭފުޅުންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް މުއިއްޒު ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން ސަލާމަތީ ބާރުތަކުން އަމަލު ކުރައްވަމުން ގެންދަވަނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުން އެބޭފުޅުންނަށް ލިބިދޭ ހުރިހާ ހައްގުތަކެއް އެންމެ ފުރިހަމައަށް ދީގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ފަރާތުން އުއްތަމަ ފަނޑިޔާރަށް އަންގާފައިވަނީ، ގަވާއިދުގެ ދަށުން ދުވާލަކު އެއްފަހަރު އެމަނިކުފާނަށް ގޮޅިން ބޭރުގައި ކަސްރަތުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން އެމަނިކުފާނު ކުރައްވާނަމަ، އެމަނިކުފާނު ގޮޅިން ނެރެވޭނީ ފުރަގަހަށް ބިޑި އަޅުވައިގެން ކަމަށް ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުކުރެވޭ ވަގުތު ވަކީލުންނަށް ކުޑަކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ވަކީލުންގެ ފުރުސަތަކީ ހަނިކުރެވޭނެ ކަމަކަށްނުވާއިރު މިއީ ފުލުހުން ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަމެއްކަން ވަކީލުން ފާހަގަކޮށްފައިވެ އެވެ.

"ފުލުހުން މިގޮތަށް އަމަލުކުރަމުން ގެންދަނީ ބަންދުކޮށްފައިވާ ބޭފުޅުންނާ ގާނޫނީ ވަކީލުންނާ ބައްދަލުވުމަށް ހުރަސްއަޅައި، އެ ބޭފުޅުންގެ މައްސަލަތަކާ ގުޅިގެން ފުލުހުން އާންމުކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު އެ ބޭފުޅުން ނަފްސާނީ ގޮތުން ބަލިކުރުމުގެ މަގުސަދުގައި ކަމަށް ދެކެން، އެހެން އެކަން އޮތްއިރު، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުން ފޮނުވައިގެން، އަޅުގަނޑުމެންގެ މުވައްކިލުންނާ ބައްދަލުކުރަމުން ގެންދަނީ ކުރެވެމުންދާ ތަހުގީގަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވާހަކަ ދެއްކުވުމަށް އެ ބޭފުޅުންނަށް ބާރު އެޅުމުގެ އިތުރުން ދުނިޔެއަށް މަންޒަރު ދެއްކުމުގެ ގޮތުން ކަމަށް ގަބޫލުކުރަން،" ބަަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ދެކިވަޑައިގަންނަވާ ގޮތުގައި، ރައީސް ޔާމިންގެ މިނިސްޓަރު އެމަނިކުފާނާ ބައްދަލުރައްވާފައިވަނީ އެއްވެސް އިހްލާސްތެރި މަގުސަދެއް އޮވެގެން ނޫން ކަމަށް ވެސް ވަކީލުން ފާހަގަކޮށްފައިވެ އެވެ. އެމަނިކުފާނާ އެއްވެސް ފަރާތަކުން ބައްދަލުކުރާނަމަ، އެކަން ވަކީލުންނަށް އެންގުމަށާއި، އެފަދަ ބައްދަލުވުންތައް ގާނޫނީ ވަކީލުންގެ ހާޒިރުގައި މެނުވީ ކުރިއަށް ނުގެންދިޔުމަށް ބަޔާނުގައި ފުލުހުންނަށް ގޮވާލާފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ހައްގުތަކެއް ހިފެހެއްޓުމަށްފަހު ރިޝްވަތުގައި ހިފައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރެ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.