ޕީއެސްއެމް

ހަލީލާއި އިކްރާމް މަގާމުން ދުރުކުރަން ޝާޔާން އުޅުއްވި

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝާޔަން ޝާހިދު ސަސްޕެންޑް ކޮށްފައިވަނީ ބޯޑުން ކަނޑައަޅާފައިވާ މެނޭޖްމެންޓްގެ އިސް ދެ މަގާމަށް ބަދަލު ގެންނަވަން މަސައްކަތް ކުރެއްވުމުންކަން އިތުބާރު ހުރި މަސްދަރަކުން އަވަސްއަށް ކަށަވަރުކޮށްދީފި އެވެ.

ޝާޔަން ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ މިހާރު އޮފީހަށް ނުނިކުންނަވާއިރު ކެބިން ވެސް ހުންނަނީ ތަޅުލާފަ އެވެ. ޕީއެސްއެމްގެ ވައިބާ ގުރޫޕްތަކުން ވެސް އޭނާ ވަނީ ބޭރުކޮށްފަ އެވެ. އަދި އޭނާ އިސްކޮށް ހުންނަވައި ދެ ސީޒަން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ޕްރޮޖެކްޓް ހެޑްގެ މަގާމުން ވެސް އޭނާ ވަނީ ދުރުކޮށްފަ އެވެ. ޝާޔަން ސަސްޕެންޑް ކުރުމުގެ ބާރު މެނޭޖްމަންޓަށް އޮވޭތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް މަގާމުން ދުރުކުރަން ޝާޔާން މަސައްކަތް ކުރެއްވިކަން ކަށަވަރު ކޮށްދެއްވި ބޯޑުގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ، ޝާޔާން މަސައްކަތް ކުރެއްވީ އެ ދެ ބޭފުޅުން މަގާމުން ދުރުކޮށް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގަތުމަށް ކަމަށެވެ.

އެކަމަކު އެކަން ކުރައްވަން ޝާޔަން މަސައްކަތް ކުރެއްވި ސަބަބެއް އޭނާ ސާފުނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހަމައެކަނި ޕީޕީއެމް އާއި ސަރުކާރުގެ ހަބަރުތައް ގެނެސްދޭތީ އެކަމާ ޝާޔާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ހަލީލާއި އިކްރާމް މަގާމުން ދުރު ކުރުމަށް ޝާޔާން މަސައްކަތް ކުރެއްވީ ގާނޫނުގައިވާ ގޮތަށް ޕީއެސްއެމްއިން ކޮންޓެންޓް ގެނެސްދެމުން ނުދާ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެވެ.

ޝާޔާން އިސްކޮށް ހުންނަވާ ގެންނަން އުޅުނު ބަދަލަށް ބޯޑްގެ ގިނަ މެންބަރުން ތާއީދު ކުރެއްވިކަން ވެސް ވަނީ އެނގިފަ އެވެ. ބޯޑްގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން އެ ބަދަލު ގެނައުމުން މެންބަރުން މަޑުޖައްސާލީ ކަމަށްވެ އެވެ. ޝާޔާންއާމެދު ފިޔަވަޅު އެޅީ އެކަން އިކްރާމާއި ހަލީލަށް އެނގުމުންނެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދުމަށް ޝާޔާންއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އިކްރާމާއި ހަލީލް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ޝާޔާން ސަސްޕެންޑްކޮށްފައިވީ ނަމަވެސް އޭނާ ބޯޑުން ވަކިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ބޯޑުގެ ތެރެއިން ހޮވާ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބޭފުޅަކު ވަކިކުރުމުގެ ބާރު އެ ބޯޑުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ނުފޫޒުން އެއްކިބާވެ ހަމަހަމަކަމާއެކު ކޮންޓެންޓް ގެނެސްދޭން ޖެހޭނެ ކަމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާއިރު މިހާރު ޕީއެސްއެމްއިން މުޅިން ވެސް ގެނެސްދެނީ ޕީޕީއެމް އާއި ސަރުކާރުގެ ހަބަރުތަކެވެ. ޕީއެސްއެމްގެ ޕްރޮގްރާމްތަކުން އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނުލިބެ އެވެ. ޕީއެސްއެމް ލައިވްކޮށް ގެނެސްދެނީ ވެސް ސަރުކާރާއި ޕީޕީއެމްގެ އިވެންޓްތައް އެކަންޏެވެ. އެކަމާ ގުޅިގެން ޕީއެސްއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.