އައްޑޫ ސިޓީ

ޖުލައި ނިމުމުގެ ކުރިން އައްޑޫ ހޮސްޕިޓަލް ހުޅުވާނެ: މުއިއްޒް

އައްޑޫ ސިޓީގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި އަޅާ ތާޝިއަރީ ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒް ވިދާޅުވެއްޖެ އެވެ. މުއިޒް ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ހޮސްޕިޓަލުން ހިދުމަތްދޭން ފަށާނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އެލިއާ އާ އެވެ.

މުއިއްޒް މިއަދު ވިދާޅުވީ އައްޑޫ ހޮސްޕިޓަލްގެ އެޑްމިން އިމާރާތާއި މައި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިމި ހޯލުތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ވެސް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލް ޖުލައި މަސް ނިމމުމުގެ ކުރިން ހުޅުވާނެ ކަމަށްވެސް މުއިއްޒް ވިދާޅުވި އެވެ.

އެލިއާ ކޮންސްޓްރަކްޝަންގެ ހަވާލުގައި އައްޑޫގައި ތަރައްގީކުރާ އެ ހޮސްޕިޓަލަކީ އެމްއާރްއައިގެ ހިދުމަތާއި އެނޫންވެސް މަލްޓި ސްޕެޝަލިސްޓް ހިދުމަތް ލިބޭގޮތަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ، ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމުން އެތަނަށް އެމްއާރްއައި މެޝިނެއް ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ގަތުމަށް އިއުލާންކޮށް ނިންމަންޖެހޭ އެފަދަ މަސައްކަތްތައް މިހާރު ނިމި، އެމްއާރުއައި މެޝިން ގަތުމަށް ބޭނުންވާ ފައިސާވެސް ބަޖެޓް ކޮށް ނިމިފައިވާ ކަމަށެވެ.