ހަބަރު

ފާރިސްގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫންގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ އެހީތެރިކަން ލިބެމުންދާކަން "އަވަސް" އަށް އެނގިއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސްގެ ކެމްޕޭނު ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ސަރުކާރާ ދެކޮޅަށް މިހާރު އޮތް ޖުމްހޫރީ ޕާޓީގެ އިސް ބައެއް މެންބަރުން މަސައްކަތް ކުރައްވަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެ އެވެ. އަންނަ މަހު 13 ގައި ބާއްވާ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނުނެރެ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ އެމްޑީޕީން ވަނީ ކެންޑިޑޭޓަކު ނެރެފަ އެވެ. އެއީ މ.މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އެވެ.

ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްއާ ދެމެދު މައްސަލަ ޖެހިފައި ވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ރައީސް މައުމޫންގެ އާއިލާގެ އެހެން ބައެއް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް ސިޔާސީ ބައެއް ހަރަކާތްތަކުގައި މީގެ ކުރިން ވެސް އެކުގައި ފެނިފައިވެ އެވެ.

ދިއްގަރު ދާއިރާގެ މެންބަރުކަމުގައި ހުންނެވި އަހްމަދު ނާޒިމް، މަކަރާއި ހީލަތުގެ ކުުށުގައި އުމުރަށް ޖަލަށް ލުމުން އެ ގޮނޑި ހުސްވެ، ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްްވުމަށް ފަހު ގެންދެވި މޫސާ ނަސީރު ވެސް ވަނީ އިންތިހާބަށް ކުރިމަތިލައްވައިފަ އެވެ. ލޯގަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްކަން ކުރެއްވި މޫސާ ނަސީރު ވަނީ އިންތިހާބަށް ކުރިމަތިލެއްވުމުން ޕީޕީއެމް އިން ވަކިކޮށްފަ އެވެ.