ހަބަރު

އައްޑޫ މުޒާހަރާއިން ހައްޔަަރުކުރި މީހުން ދޫކޮށްލައިފި

އެކެއް ފެބްރުއަރީ އަމުރު ތަންފީޒު ކުރަން ގޮވާލައި އައްޑޫ ސިޓީގައި އެމްޑީޕީން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީގައި މިއަދު ކުރި މުޒާހަރާ ރޫޅާލި އިރު ހައްޔަަރު ކުރީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ހިމެނޭ ގޮތުން ފަސް މީހެކެވެ. ޔަސްރިފުއާއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އައްޑޫ ގޮފީގެ ނައިބު ރައީސް އިބުރާހީމް ރަޝީދު ވެސް ހިމެނެ އެވެ.

އެކެއް ފެބުރުއަރީ އަމުރު ތަންފީޒު ކުރަން ގޮވާލައި އައްޑޫގައި އިއްޔެ ވެސް މުޒާހަރާ ކުރިއެވެ. ހިތަދޫގައި ކުރި އެ މުޒާހަރާގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނލުން މެޑަމް ފާތުމަތު އިބްރާހީމްދީދީގެ ކާރުކޮޅަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް ވެސް ދެ މީހަކު ހައްޔަރު ކުރި އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން ވަނީ ދޫކޮށްލާފަ އެވެ.

އެމްޑީޕީން އައްްޑޫގައި މިއަދު ފެށި މުޒާހަރާ އަދި ނިންމައެއް ނުލައެވެ. އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު މިއަދު ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރަން ގޮވާލާ ކުރާ މުޒާހަރާތައް މާދަމާ ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.