މޯލްޑިވްސް ޕޮލިސް ސާވިސް

ރޭގެ މުޒާހަރާއިން 15 މީހުން ހައްޔަރުކުރިން: ފުލުހުން

އިދިކޮޅު ފަރާތްތަކުން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ރޭ މުޒާހަރާކޮށްފައި ވަނީ މަޖީދީ މަގުގަ އެވެ. އެގޮތުން ރޭ 8:30 އިން ފެށިގެން 12:00 ގެ ފަހުން ވެސް މުޒާހަރާ ކުރަމުން ދިޔަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ރޭ ފަތިހު އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ކަޅު ފުލުހެއް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު "އަވަސް" އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖުމުލަ 15 މީހުން ހުރި ކަމަށެވެ.

ފުލުހުން ބުނީ އިދިކޮޅު ފަރާތްތަކުން ރޭ މަސައްކަތް ކުރީ ސަރުކާރު ވައްޓާލަން ކަމަށާއި އޭގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އުޅުން ފުލުހުންނަށް ވެސް މުޒާހަރާގެ ބައިވެރިން ހަމަލާތައް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ރޭގެ މުޒާހަރާއާ ގުޅިގެން މަޖީދީ މަގުގައި ހުންނަ ގެތަކުގައި ދިރިއުޅެމުންދާ އެތަށް ބައެއްގެ ޝަކުވާތަކެއް ފުލުހުންނަށް ވަނީ ލިބިފައި،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހެއް ގަޔަށް ކަޅުތެޔޮ ޖެހި އިރު، ފުލުހުންނާ ދެކޮޅަށް ބޭނުން ކުރުމަށް 105 މިރުސް ފެން ޕެކެޓު ވެސް އެ ސަރަހައްދުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރަކު ހިމެނެ އެވެ. އެގޮތުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މެންބަރުންގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް އާއި މާލެ ސިޓީ ކައުންސިލަރަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފަނަރަ މީހުން ރޭ ހައްޔަރުކޮށްފައިވާ އިރު މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނިޔާވެ ފަރުވާ ދީފަ އެވެ.