މޯލްޑިވްސް ޕޮލިސް ސާވިސް

ފެޕާ ސްޕްރޭގެ އަސަރުކުރި މީހާގެ ހާލު ރަނގަޅު

Feb 25, 2018
3

އިދިކޮޅު ޕާޓީތަކުން މިިދިއަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ޖެހި ޕެޕާ ސްޕްރޭގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ކުނޫޒް ކައިރީން ފުލުހުން އެ ސަރަހައްދަށް ޖެހި ޕެޕާ ސްޕްރޭގެ ސަބަބުން ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނީ މ. ގޯނބިލިގަސްދޮށުގޭ، އަބްދުﷲ ސަލީމް 43، އަށެވެ. ކުނޫޒް ކުރިމަތީގައި އޮތް މުޒާހަރާ ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން އޭނާއަށް ފިޓް ޖެހި، ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އަބްދުﷲ ގެ ބޭބެ އަހުމަދު ސަލީމް މިއަދު ބުނީ އައިޖީއެމްއެޗަށް ގެންދިޔައިރު ހޭނެތިފައި އޮތް ކަމަށް އާއިލާއަށް މީގެ ކުރިން އެނގިފައި އޮތް ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް ފިޓް ޖެހުނުކަމަށް ހޮސްޕިޓަލުން ބުނިކަމަށާއި އައިސީޔޫގައި ބޭއްވީ ފިޓް ޖެހުމުގެ ސަބަބުން ކަމަށެވެ.

"ޑޮކްޓަރު އިއްޔެ ވިދާޅުވީ މިހާރު ފުދޭވަރަކަށް ރަނގަޅުކަމަށް. އޮތީ ކޯމާއެއްގައި ނޫން ކަމަށް ވެސް ބުނި،" އަހުމަދު ސަލީމް ބުންޏެވެ.

ފުލުހުން ޖެހި ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން އަބްދުﷲ ގެ ހާލު ސީރިއަސްވި މައްސަލަ އާއިލާއިން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.