ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ ބުރާސްފަތީގައި

  • މާލޭގައި ކްލިނިކެއް، ސްޕެޝަލިސްޓަކާއެކު ހުންނާނެ
  • ބަލި މީހުން އުފުލުމުގެ ހިދުމަތް ދޭން ފެރީގެ ހިދުމަތް
  • ހޮސްޕިޓަލް ފުލް އޮޕަރޭޝަނަށް އަންނާނީ ޖޫން ނިމޭއިރު

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް މި ފެށޭ މާޗް މަހުގެ އެއްވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ. އެއީ މި ހަފުތާގެ ބުރާސްފަތި ދުވަހެވެ. މިއީ ރާއްޖޭގައި ހުޅުވާ އެންމެ ޒަމާނީ އަދި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އެކި ފަހަރު މަތިން ލަސްވުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު ހޮސްޕިޓަލް ހުޅުވުމަށް ނިންމާފައިވާކަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރަސްމީކޮށް ހާމަކުރެއްވީ އެ ހޮސްޕިޓަލް ހިންގާ ކުންފުނި ކަމަށްވާ ކްރައުން ކުންފުނީގެ އެއް ޑިރެކްޓަރު ޗަންޕާ ހުސެއިން އަފީފެވެ.

ޓުރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އަލަށް އޯޕެން ހާޓް ސާޖަރީގެ ހިދުމަށް ދޭނެ އެވެ. އެކަމަށް ހާއްސަ ޑޮކުޓަރުވެސް މިހާރު ވަނީ ރެކްރޫޓު ކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ 35 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ އަދި ޔޫއެސްއޭގެ ޑޮކްޓަރުން ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ލިބިގެންދާއިރު މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު ފުލީ އޮޓޯމެޓިކު ހޮސްޕިޓަލެކެވެ.

ކުރިއަށް އޮތްތަނުގައި ޓްރީޓޮޕްގެ ޑޮކްޓަރުންގެ އަދަދު 80އާ ގާތަކަށް އިތުރުވެގެންދާނެ އެވެ.

"މިއީ ހަމައެކަނި ހޮސްޕިޓަލެއް ނޫން. މިއީ މީހުން ތަމްރީންވެސްކުރާނެ ޕްލެޓްފޯމެއް. ސަބަބަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ ހޮސްޕިޓަލުގައި ސަތޭކަ ޕަސެންޓް ދިވެހި ޑޮކްޓަރުން ތިބުން. އެކަން އިރާދަކުރެއްވިއްޔާ ފުރިހަމަވާނެ. މިހާރު ތިއްބެވި ބޭރުގެ ސްޕެޝަލިސްޓުންނަކީ މިތަނަށް އަންނަ ދިވެހި ޑޮކްޓަރުން ތަމްރީންކޮށް އެ ތަޖުރިބާކާރުންގެ ބެސްޓްޕްރެކްޓިސަސް ދަސްކޮށްދެވޭނެ ފެންވަރުގެ ޑޮކްޓަރުން،" އަފީފް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތް ރަސްމީކޮށް ފަށައިގަންނަ އިރު އެ ހޮސްޕިޓަލްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދުކުރެވެ އެވެ. ހޮސްޕިޓަލުގައި ވީއައިޕީ ސްޓޭގެ ހިދުމަތާއި ފުޅާ ދާއިރާއެއްގައި ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ނިޒާމް ގާއިމްކޮށްފައިވާއިރު އެނޫންވެސް ބޮޑެތި ބަލިތަކަށް ބޭނުންވާ އެންމެ އަވަސް ފަރުވާއިން ފެށިގެން ސާޖިކަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާނީ ބޭރުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނެވެ. މިއީ ބޭރުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ސިއްހީ ހިދުމަތަށް އިތުބާރު ކުރުމަށް އެހީވެދޭނެ ކަންކަމެވެ.

"މި ހޮސްޕިޓަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވާލެވިގެން މި ދަނީ ވަރަށް މުހިއްމު ދޮރެއް. ސަބަބަކަށް ވަނީ ޓްރީޓޮޕް މި ހުޅުވިގެންދަނީ ވަރަށް ބޮޑު އެންމެ ފަތީ ފެންވަރުގެ ޑަޔަލިސިސް ހިދުމަތްދޭ ޔުނިޓަކާއެކު. މިހާރުވެސް ޔޫރަޕްގެ ހާއްސަކޮށް ޑަޔަލިސިސް ހަދާ ފަރާތްތަކުގެ ބޮޑު އާބާދީއެއް ރާއްޖެއަށް ނާދެވިފައި އެބަތިބި އެޑިކުއޭޓް ޑަޔަލިސިސްގެ ހދުމަތް އެމީހުން ބޭނުންވާ ފެންވަރަށް ލިބޭނެ ގޮތެއް ނެތުމުން. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޓްރީޓޮޕުން އިތުރުކޮށްދޭނެ މުޅިން އާ ސަފުހާއެއް،" ޓްރީޓޮޕް އިސް ޑޮކްޓަރެއް ކަމަށްވާ ޑރ ރޯލަންޑް ވިދާޅުވި އެވެ.

ޓްރީޓޮޮޕް ކުރުކޮށް

  • މަސައްކަތް ފެށީ 2015 ވަނަ އަހަރު
  • ޖުމްލަ އިންވެސްޓްމަންޓް 110 މިލިއަން ޑޮލަރު
  • ހޮސްޕިޓަލްގައި 210 އެނދު
  • 35 ގައުމުގެ ޑޮކްޓަރުން މަސައްކަތް ކުރޭ
  • މެނޭޖު ކުރަނީ މެލޭޝިއާގެ ރަމްސޭ އެމް ޑާބީ ކުންފުނިން
  • މާލޭގައި ކްލިނިކެއް، ސްޕެޝަލިސްޓަކާއެކު ހިންގާނެ
  • ޓްރީޓޮޕުން ބަލި މީހުން އުފުލަން އެއާކޯން ފެރީއެއް ހުންނާނެ
  • ހޮސްޕިޓަލް ފުލް އޮޕަރޭޝަނަށް އަންނާނީ ޖޫން ނިމޭއިރު

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާ މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުންނާނެ އެވެ. ދެ އިމާރާތައްވާ ގޮތަށް ތަރައްގީކުރާ މި ހޮސްޕިޓަލް އަޅަމުން ދަނީ އެންމެ ޒަމާނީ ހޮސްޕިޓަލަކުން ވެސް ދެވޭނެ ހުރިހާ ސިއްހީ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ. އަދި ޓްރީޓޮޕް ހޮސްޕޮޓަލްގައި ފައިސާ ޖަމާކޮށް ފައިސާ ނެގޭނެ އޭޓީއެމްގެ ހިދުމަތް ގާއިމުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަނީ ނިންމާފަ އެވެ.

ހުޅުވާއިރު ވެސް އާސަންދަ ލިބޭ ގޮތަށް ހުޅުމާލޭގައި 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަ ފްލޯގެ އިމާރާތެއް ހަދާއިރު އެކޮމޮޑޭޝަން ބްލޮކަކާއި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ހުންނާނެ އެވެ. ހިދުމަތް ފަށާއިރު ހުރިހާ ހިދުމަތެއް އެއްކޮށް ނުލިބޭނެ އެވެ. ހިދުމަތްތައް އިތުރު ކުރަމުން ގެންދާނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ހުޅުމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލްގެ ބިންގާ މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.