ސުޕްރީމް ކޯޓް

ގޮނޑީގެ މައްސަލައަށް ޕާޓީތަކުން ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އެޓާނީ ޖެނަރަލް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ތެރެއަށް ތަދައްޚުލުވުމަށް އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން އެއްވެސް ފަރާތަކަށް ރައްދުނުވާ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެކްސްޕާޓޭ މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމާފައިވަނީ އިދިކޮޅުގެ ތިން ޕާޓީ ކަމަށްވާ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީންނެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ އެ މައްސަލާގެ ތެރެއަށް ތަދައްޚުލުވުމަށް ނިންމަވާފަ އެވެ.

މި މައްސަލާގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ. އަޑުއެހުން ކެންސަލްކޮށްފައިވަނީ ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި އެޓާނީ ޖެނަރަލް އެގޮތަށް އެދިވަޑައިގަތުމުންނެވެ.

މައްސަލާގެ ލިޔެކިޔުންތައް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގާފައެއް ނުވެ އެވެ.

ގޮނޑީގެ މައްސަލާގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން 1 ފެބުރުއަރީގައި ނިންމެވި އެވެ. މިހާރު ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ވެއްދީ އެ އަމުރާމެދު އެޓާނީ ޖެނަރަލް ހިތްހަމަ ނުޖެހިގެންނެވެ.

އެ މައްސަލާގައި ގޮތެއް ނިންމެންދެން މެންބަރުން މަޖިލީހަށް ނުވައްދަން ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ. އެ އަމުރު ނެރުއްވީ ތިން ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓްގެ ފުލް ބެންޗް ކަމަށްވާ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 1 ފެބުރުއަރީގައި ނެރެފައިވާ އެ ހުކުމުގައިވާ މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ކޮށްފައިވާ އަމުރަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ބެންޗްގެ ތިން ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް 1 ފެބުރުއަރީގެ ސުޕްރީމް ކޯޓްގައި އަމުރުގައި ބުނެފައިވާ ބައި ބާތިލްކޮށްދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ އަމުރާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އެ ކޯޓުން އަންގާނީ އޭޖީ ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ފަހު ކަމަށް ވެސް ތިން ފަނޑިޔާރުންގެ އަމުރުގައިވެ އެވެ.