ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައި މިއަދު ހިދުމަތްދޭން ފަށައިފި އެވެ. ހިދުމަތް ފެށީ ހާއްސަ ރަސްމިއްޔާތަކާ ނުލަ އެވެ.
ރާއްޖޭގެ ސްމާޓް ސިޓީގެ ގޮތު ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ ހުޅުމާލޭގައި 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ގާއިމްކޮށްފައިވާ ޓްރީޓޮޕަކީ 210 އެނދުގެ ތާޝަރީ ހޮސްޕިޓަލެކެވެ. އެއީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި މިހާތަނަށް އަޅާ ފުރަތަމަ އަލްޓްރާ-މޮޑާން ނުވަތަ ހުރިހާ ގޮތަކުން އެންމެ ފަހުގެ އުފެއްދުންތަކާއެކު ފަށާ ފުރަތަމަ ހޮސްޕިޓަލެވެ.
މިއަދު ހިދުމަތަށް އައި ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އަލަށް އޯޕެން ހާޓް ސާޖަރީގެ ހިދުމަށް ދޭނެ އެވެ. އެކަމަށް ހާއްސަ ޑޮކުޓަރުން ވެސް މިހާރު ވަނީ ރެކްރޫޓް ކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ 35 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް ޖާމަނީ އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ. ޖުމްލަ 403 މުވައްޒަފުންނާއެކު މިއަދު އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފަށާފައިވާ އިރު ހިދުމަތްދޭ 100 ނަރުހުންނާއި އޮޕަރޭޝަންތަކަށް ހާއްސަ މަލްޓި ސްޕެޝަލިސްޓުންނާއި އެކު 40 ޑޮކްޓަރުން ތިއްބަވާނެ އެވެ. ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ޑޮކްޓަރުންގެ އަދަދު 80 އަށް އިތުރުވެގެންދާނެ އެވެ.
ޓްރީ ޓޮޕުން ދޭ ބައެއް މުހިއްމު ހިދުމަތްތައް
- އެމްއާރްއައި
- ސީޓި ސްކޭން
- ކާޑިއެކް ސާޖަރީ
- ތޮރެސިކް ސާޖަރީ
- ނިއުރޯ ސާޖަރީ
- އޮންކޮލޮޖީ/ކީމޯ ތެރަޕީ
- ނެފްރޯލޮޖީ/ޑަޔަލިސިސް
- ޗައިލްޑް ސައިކޮލޮޖީ
ޓްރީޓޮޕް ހޮސްޕިޓަލް މިއަދު ރަސްމީކޮށް ހުޅުވާލައި ހިދުމަތްދޭން ފަށާފައިވާއިރު އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ދޫކުރަން މި ހަފުތާގައި ވަނީ ފަށާފަ އެވެ.
ޓްރީޓޮޕްގެ މާކެޓިން ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މެނޭޖާ އިފްތާން މައުމޫން ރޭ އަވަސްއަށް ވިދާޅުވީ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލްގެ ނަންބަރަށް ގުޅައިގެން އެޕޮއިންޓްމަންޓް ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ކްލިނިކް ހުންނަނީ ޗަންޕާ ސެންޓްރަލް ހޮޓަލުގެ ގްރައުންޑް ފްލޯގަ އެވެ.
ޓްރީޓޮޕް ކްލިނިކްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޗާޖުކުރާ އަސްލު އަދަދަކީ 750 ރުފިޔާއެވެ. ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓަކާއެކު 525 ރުފިޔާއަށް ޑޮކްޓަރަށް ދައްކާލެވޭނެ އެވެ.
އިން-ޕޭޝަންޓް ސާވިސަސްއަށް އިސްކަންދޭ ގޮތަށް އޮޕަރޭޓްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް ގާއިމްކުރާ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. އެހެންކަމުން އެ ހޮސްޕިޓަލަށް ދިވެހިން ކުރާ އުންމީދު ބޮޑެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ އެ ހޮސްޕިޓަލްގެ ހިދުމަތްތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.