ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަންމަ އާއި އެއްބަނޑު މީހުން މިއަދު ޝަރީއަތުގައި ހެކިބަސް ދީފި އެވެ. ރިލްވާންއާ އެއްބަނޑު މީހުން ޝަރީއަތަށް ހެކި ބަސް ދީފައިވަނީ ރިލްވާން ވަގަށް ނަގައި އެރުވި ކަމަށް ބުނާ ރަތް ކާރަށް އެމީހުން ދުވަހަކު ވެސް އަރާފައިނުވާކަން ސާބިތުކުރުމަށެވެ.
ރިލްވާންގެ މައްސަލާގައި ދައުވާ ލިބޭ ގ. ހިލްޓަން، އާލިފް ރައޫފްގެ ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލާގައި ދެން ދައުވާކުރަނީ އެ ކާރު ހުޅުމާލޭގައި ދުއްވި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
ރިލްވާންގެ މަންމަ އާއި އެއްބަނޑު މީހުން މިއަދު ޝަރީއަތަށް ހެކިވަސް ދިނީ އާލިފާއި ނޫރައްދީންއާ އެއް މަޖިލީހަކަށް ނުވާ ގޮތަށް ވީޑިއޯ މެދުވެރިކޮށެވެ. ފާޅުގައި ހުރިހާ މީހުން ވެސް ހެކިބަސް ދިންއިރު ރިލްވާންގެ މަންމަ އައިޝަތު އީސާ ހެކި ބަސް ދެމުން ބުނީ އޭނާ ދުވަހަކު ވެސް ރަތް ކާރަކަށް އަރާފައިނުވާ ކަމަށެވެ. އާލިފްގެ ކާރުގެ ފޮޓޯއެއް ދެއްކުމުން އެ ކާރަށް އެއްގޮތަކަށް ވެސް ނާރާ ކަމަށް ބުންޏެވެ. އޭނާއަކީ އާންމުކޮށް ހިނގާފައި އުޅޭ މީހެއް ކަމާއި ކާރަކަށް އަރަނީ ހޮސްޕިޓަލަށް ދާންޖެހިއްޖެނަމަ އެކަނި ކަމަށް ވެސް ރިލްވާންގެ މަންމަ ބުންޏެވެ.
ދެން ހެކި ބަސް ދީފައިވަނީ ރިލްވާންގެ އެއްބަނޑު ހަތަރު ދައްތައިން ކަމަށްވާ މަރިޔަމް ޝިފާޒާ އާއި މަރިޔަމް ފަޒުނާ އާއި ނަސްރީނާ މޫސާ އާއި ފާތިމަތު ޝެހެނާޒް އަދި ރިލްވާންއާ އެއްބަނޑު ތިން ބޭބެއިން ކަމަށްވާ އާދަމް ސަލީމާއި އަލީ ރަޝީދާއި އަބްދުﷲ އަލިއްޔު އެވެ. އެ އެންމެން ވެސް ހެކި ބަސް ދެމުން ފާހަގަކުރީ ރަތް ކާރަކަށް ދުވަހަކަށް ވެސް ނާރާ ކަމަށެވެ. މަދު ފަހަރަކު ކާރަކަށް އެރިޔަސް އަރަނީ ޓެކްސްީއަކަށް ކަމަށާއި ދުވަހަކު ވެސް އަމިއްލަ ކާރަކަށް އަރާފައިނުވާނެކަން އެ އެންމެން ވެސް ފާހަގަކުރި އެވެ. އެ އެންމެންނަށް ވެސް އާލިފްގެ ކާރުގެ ފޮޓޯ ދެއްކި އެވެ.
އާލިފް ކާރަށް އަދި އެހެން އަމިއްލަ ކާރަކަށް ވެސް ރިލްވާންގެ މަންމަ އަދި އެއްބަނޑު ހަތް މީހުން ވެސް އަރާފައިނުވާއިރު ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓަށް އޭނާ ގެއްލުމުގެ ކުރިން ދުވަހަކު ވެސް ގޮސްފައިނުވާނެ ކަމަށް އެ އެންމެން ވެސް ބުންޏެވެ. ރިލްވާންގެ މަންމަ ވެސް ބުނީ އެ އެޕާޓްމެންޓަށް ނުދާ ކަމަށާއި ރިލްވާން އަބަދުވެސް އެމީހުންނާ ބައްދަލުކުރަން އަންނަ ކަމަށެވެ. އޭނާއާ ބައްދަލުކުރަން އެޕާޓްމެންޓަށް ދާން ނުޖެހޭ ކަމަށެވެ. ރިލްވާންގެ ހުޅުމާލޭގައި އުޅޭ ބޭބެ އަލީ ރަޝީދު ވެސް އެ އެޕާޓްމެންޓަށް ގޮސްފައިނުވާއިރު އެހެން ދައްތަމެން ހުޅުމާލެއަށް ދާ ފަހަރަކު ވެސް ރިލްވާން ދިރިއުޅޭ އެޕާޓްމެންޓަށް ގޮސްފައިނުވާކަން ފާހަގަކުރި އެވެ.
އައިޝަތު އީސާ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހުންގެ ހެކި ބަހުން ވެސް ރިލްވާންގެ އެއްބަނޑު ތިބެނީ ރިލްވާންއާއެކު ނުވަ މީހުންކަން ސާފުވެ އެވެ. ނަމަވެސް މިއަދު ޝަރީއަތަށް ހާޒިރުވީ ހަތް މީހުންނެވެ. ރިލްވާންގެ އެއްބަނޑު ބޭބެއެއް ކަމަށްވާ މޫސާ ރިލްވާން ހާޒިރުކޮށްފައެއް ނުވެ އެވެ. މޫސާ ރިލްވާންގެ ނަން ވެސް ޝަރީއަތަށް ފުރަތަމަ ފަހަރަށް އިވުނީ މިއަދު އެވެ. ދައުލަތުން ސާބިތުކުރަން ބޭނުންވާ، ރަތް ކާރަށް ރިލްވާންގެ އާއިލާ މީހަކު އަރާފައިނުވާކަން ސާބިތުކުރަން ކޮންމެހެންވެސް މޫސާ ރިލްވާންގެ ހެކި ބަސް ނެގުން މުހިންމެވެ.
މޫސާ ރިލްވާންއާ ގުޅިގެން ބޮޑު ބަހުސެއް
ދައުލަތުގެ ވަކީލް ސަފާ ވިދާޅުވި ގޮތުގައި މޫސާ ރިލްވާނަކީ ރާއްޖެއިން ބޭރުގައި އުޅޭ މީހަކަށްވާތީ އޭނާގެ ބަޔާން ފުލުހުން އެހެން މީހުންގެ ބަޔާނާއެކު ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ބަޔާނުން އެއީ ވެސް ރިލްވާންގެ އެއްބަނޑު ބޭބެއެއްކަން އެނގޭ ކަމަށެވެ. އެހެންވެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް އޭނާގެ ހެކި ބަސް ނެގުން މުހިންމުވާތީ އެ އިންތިޒާމް ހަމަޖައްސަމުންދާކަން ކަމަށެވެ. އަދި އޭނާގެ ހެކި ބަސް ނަގާނެ ފުރުސަތު ދެއްވުމަށް ޝަރީއަތުގައި އެދުނެވެ. އެކަމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ސަފާ ވިދާޅުވި އެވެ.
އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބުކުރު އެކަމަށް އިއުތިރާޒް ކުރެއްވި އެވެ. އެއީ ހެކި ހުށަހަޅެމުގެ މަރުހަލާ ނިމިފައިވާތީ އެވެ. ހެކި ބަސް ނަގަމުން ދަނިކޮށް މެދު ތެރެއިން މުޅިން އާ ހެއްކެއް ހުށަހެޅުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަން ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ. އަދި ކުރިން އެފަދަ އެއްވެސް ކަމެއް ދައުލަތުން އިޝާރަތް ކޮށްފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މިހާރު އަމަލުކުރަންމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެކި ހުށަހެޅޭނެ ގޮތާއި ބަލައިގެނެވޭނެ ހެއްކަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރާ އެއާ ހިލާފަށް ޝަރީއަތަށް ހެކި ބަލައިގަނެގެން ނުވާނެކަން ވެސް ފާހަގަކުރެއްވި އެވެ.
އޭގެއިތުރަށް ވިދާޅުވީ މީހަކު ރާއްޖެއިން ބޭރުގައި ހުރުމަކީ ހެކި ހުށަހަޅާ ފޯމްގައި އެމީހެއްގެ ނަން ނުޖެހެންވީ ސަބަބެއް ނޫން ކަމަށާއި މޫސާ ރިލްވާންގެ މައުލޫމާތު ދައުލަތަށް އެނގޭއިރު މިހާ ދުވަހު އޭނާގެ ވާހަކަ ނުދައްކާ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ރިލްވާންގެ މައްސަލައަކީ މިހާރު ވެސް ތަހުގީގު ހިނގަމުންދާ މައްސަލައެއް ކަމަށާއި އަދިވެސް އާ ކަންކަން މައްސަލާގައި ފާޅުވެދާނެ ކަމަށެވެ. ނަމަވެސް އާލިފާއި ނޫރައްދީންއަށް ދައުވާކުރީ އެވަރަށް ހެކި ލިބުމުން ކަމަށާއި އެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލަންޖެހޭ މައްސަލައަކަށްވާތީ ދައުވާ އުފުލާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ކޯޓަށް ފޮނުވީ މުއްދަތު ހަމަވި ދުވަހުގެ އެންމެ ފަހު ވަގުތުގައިކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ. ވަކީލް ނޫރުއްސަލާމް ވިދާޅުވީ މިކަންކަމުން އެނގެނީ މައްސަލަ ކޯޓަށް ދައުލަތުން ފޮނުވީ އެކަށީގެންވާ ވަރަށް ދިރާސާކުރުމަކާ ނުލާކަން ކަމަށެވެ.
މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ރާއްޖެ މިހާރު ބައްޓަންވެފައިވަނީ ދައުވާ ލިބޭ ފަރާތާއި ދައުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކެއްގެ މައްޗަށް ކުށް ސާބިތުކުރެވޭ ގޮތަށް ކަމަށާއި ގާޒީ އަމިއްލައަށް އިސްނަގައިގެން ހެކި ހުށަހެޅޭނެ ބައްޓަމަށް ނޫން ކަމަށެވެ. ގާޒީގެ އަމިއްލަ އިސް ނެގުމަށް ހާޒިރުކުރެވެނީ އެކްސްޕާޓެއްގެ ރައުޔެއް ހޯދަން ބޭނުންވާނަމަ އެފަދަ ހެއްކެއް ކަމަށެވެ. އެހެންވެ މި މަރުހަލާގައި ދައުލަތުން އިތުރު ހެއްކެއް ހުށަހެޅުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ބުނާތީ އެކަން ތަފްސީލްކޮށް ދިނުމަށް ގާޒީ އެދިވަޑައިގަތެވެ.
ދައުލަތުގެ ވަކީލް ސަފާ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރެވެ. އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރަނީ މައްސަލައިގައި ހިމެނޭ ފަރާތަކުން ބާބުގައި ބުނާ އުސޫލަކާ ހިލާފުވެއްޖެނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އެގޮތުން އެެކަންތައްތަކުގެ ތެރެެއިން ތިންވަނަ ނަންބަރުގައި ބުނެފައިވަނީ ހާމަނުކުރި ހެކި ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުން މަނާކުރުމެވެ.
އެ ނުކުތާއަށް ޖަވާބުދާރީވަމުން ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނަރަލަކީ ހުރިހާ ފަރުދުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ފަރާތެއް ކަމަށާއި ގާނޫނުގެ މާއްދާތައް ހިތުހުރިހާ ގޮތަކަށް މަނާ ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ފާހަގަކުރާ މާއްދާއަކީ ހެކި ހާމަކުރުމާގުޅޭ ކަންކަން ތަންފީޒުކުރުމާ ގުޅޭ މާއްދާއެއް ކަމަށާއި އެ މަރުހަލާ މިހާރު ގޮސްފައިވާކަން ކުރީގެ ޕީޖީގައި މަސައްކަތް ކުރެއްވި ނޫރުއްސަލާމް ވިދާޅުވި އެވެ. އެ މާއްދާއަކީ ހެކި ހުށަހެޅުމުގެ އެއްވެސް އިޖުރާއަތެއް ބަޔާންކުރާ މާއްދާއެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ބާބުގައި ބަޔާންކުރާ އެއްވެސް ކަމަކާ އާލިފާއި ނޫރުއްދީން ހިލާފުވެފައިނުވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިއީ މިފަދަ މައްސަލައެއް ދިމާވި މިއީ ފުރަތަމަ ކަމަށްވާތީ އަދި ދައުވާ ލިބޭ ފަރާތުން ފާހަގަކުރި ނުކުތާތައް އިތުރަށް ދިރާސާކުރަން ބޭނުންވާތީ ދެން އަންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ. ދެން އޮންނަ އަޑުއެހުމަކީ ވެސް ހެކި ބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. އެއީ އަންނަ ހޯމަ ދުވަހު އެވެ. މި މައްސަލާގައި ދައުލަތުން ޖުމްލަ 29 މީހެއް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. މިހާތަނަށް ހެކި ބަސް ނެގިފައިވަނީ މިއަދު ހެކި ބަސް ނެގިއިރު އާއިލީ އަށް މީހުންނާއި ސިއްރު ފަސް ހެކިވެރިޔެއްގެ ހެކި ބަހާއި ފާޅުގައި ހެކިބަސް ދިން ތިން މީހެއްގެ ހެކި ބަސް މީގެކުރިން ވަނީ ނަގާފަ އެވެ.