ހަބަރު

ޝަމީމް ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަނިކޮށް ސަސްޕެންޑްކޮށްފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ޝަމީމަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނަށް ވެސް ވަނީ އެ ކޯޓަށް ހާޒިރުވާން އަންގާފަ އެވެ.

ޝަމީމަށް ފޮނުވި ސުޕްރީމް ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށް އެ ކޯޓަށް އޭނާ ހާޒިރުވާން އަންގާ ކަމަށެވެ. އަލީ ހުސެއިންނަށް ފޮނުވި އަމުރުގައި ވެސް ވަނީ ހަމަ އެހެނެވެ.

ސުޕްރީމް ކޯޓަށް ޝަމީމް ހާޒިރުވާން އެންގިއިރު ރައީސް މައުމޫންއާ ގުޅޭ ހެއްކަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ ފުލުހުން ގެންދަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަމުންނެވެ. އެ މައްސަލާގައި އޭނާ ފުލުހަށް ހާޒިރުކޮށް ފޮޓޯ އަދި އޭނާގެ އަޑު ވެސް ރިކޯޑްކޮށްފައިވެ އެވެ. އަލީ ހުސެއިން ވެސް މިފަހުން ތުހުމަތެއްގައި ފުލުހަށް ހާޒިރުކުރި އެވެ.