ހަބަރު

ޗެނަލް 13 އިގެ ނޫސްވެރިންނަށް ފުރައްސާރަކޮށްފި

އިދިކޮޅު ޕާޓީތަކުން މިއަދު މަޖީދީ މަގުގައި ކުރިއަށް ގެންދިޔަ އެއްވުން ކަވާކުރަމުން ގެންދިޔަ ޗެނަލް13އިގެ ނޫސްވެރިންނަށް އެއްވުމުގެ ބައިވެރިން ވަރަށް ބޮޑަށް ހުރަސް އަޅައި، ފުރައްސާރަކޮށްފި އެވެ.

މަޖީދީ މަގުގެ އެއްވުން ކަވާކުރަމުން ދިޔަ ޗެނަލް13 އިގެ ނޫސްވެރިޔާ ލަޔާލް މަނިކަށް އެއްވުމުގެ ބައިވެރިން ވަނީ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުރައްސާރަކޮށްފަ އެވެ. އަދި އޭނާ މައިކުން ލައިވްގައި ވާހަކަ ދައްކަމުން ގެންދަނިކޮށް އެއްވުމުގެ ބައިވެރިއެއް އޭނާގެ ގާތަށް ގޮސް ވާހަކަ ދެއްކުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.

ނޫސްވެރިޔާ ލަޔާލްގެ އިތުރުން އެ ވަގުތު އެ ސަރަހައްދުގައި ޗަނަލް13އިގެ ސީއީއޯ ހަސަން ގައްސާން ވެސް ހުންނެވި އެވެ.

ޗެނަލް13 އިގެ ނޫސްވެރިންނަށް އެއްވުމުގެ ބައިވެރިން ހުރަސް އަޅާފައިވާއިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ބައެއް މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެ އެވެ. އަދި ޕީޕީއެމްއިން ބައެއް ނޫސްވެރިންނަށް އެކްޓިވިސްޓުންގެ ދަރަޖަދީ ފާޑުކިޔުންތައް އަމާޒުކުރާތީ ވެސް އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޗެނަލް13 އިގެ ނޫސްވެރިންނަށް އެއްވުމުގެ ބައިވެރިން ފުރައްސާރަކޮށްފައިވާއިރު އެކަން ސޯޝަލް މީޑިއާގައި ދަނީ ކުށްވެރި ވެސް ކުރަމުންނެވެ. ހިޔާލު ތަފާތުވުމަކީ ނޫސްވެރިކަމަށް ހުރަސް އަޅަން ޖެހޭ ސަބަބެއް ނޫން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.