ހަބަރު

ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމަށް ރާއްޖެ އިން އެމެރިކާ އަށް ގޮވާލައިފި

ޓެރަރިޒަމްގެ ތުހުމަތުގައި އެމެރިކާ އިން ހައްޔަރުކުރާ މީހުންނަށް ހާއްސަކޮށްގެން އެެމެރިކާ އިން ކިއުބާގެ ގުއަންޓަނާމޯ ބޭ ގައި ހިންގާ ޖަލު ބަންދުކުރުމަށް ރާއްޖެ އިން އެމެރިކާ އަށް ގޮވާލައިފި އެވެ.

ރާއްޖެ އިން މިކަމަށް ގޮވާލާފައި ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި އެމެރިކާގެ ސެޝަންގައި ވާހަކަ ދައްކަމުންނެވެ. ގުއަންޓަނާމޯ ބޭ ގައި އެމެރިކާ އިން ހިންގާ ޖަލަކީ އދ.ގެ އެންޓި ޓޯޗާ ކޮންވެންޝަނާ ހިލާފަށް ހިންގާ ތަނެއްކަން ރާއްޖެ އިން ވަނީ ފާހަގަކޮށްފަ އެވެ. މި ޖަލުގެ އިތުރުން ވެސް އެމެރިކާ އިން ސިއްރިއްޔާތުގައި ހިންގާ އެހެން ޖަލުތައް ވެސް ވަގުތުން ބަންދު ކުރުމަށް ގޮވާލި އެވެ.

ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންތިހާބުގެ ކެމްޕޭނުތެރޭ ވައުދުވެ ވަޑައިގެންފައި ވިޔަސް ދެ ވަނަ ދައުރު ހަމަވާއިރު ވެސް އެކަން އަދިވެސް ނުކުރެ އެވެ. ކުށެއްް ސާބިތު ނުވަނީސް އެތައް ބަޔަކު ހައްޔަރުކޮށްގެން ގެންގުޅޭ ޖަލު ބަންދު ކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ އެކި ޖަމާއަތްތަކުން ވެސް ތަކުރާރުކޮށް ގޮވާލަ އެވެ.

ހޯމަ ދުވަހު އޮތް ސެޝަންގައި ރާއްޖެ އިން ވަނީ ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމުގެ އިތުރުން، އެމެރިކާގައި އަންހެނުންނަށް ވިހެއުމުގެ ޗުއްޓީ މުސާރައާ އެކު ނުލިބޭ މައްސަލަ ފާހަގަކޮށް އެކަން ނިމުމަކަށް ގެންނަން ވެސް ގޮވާލައިފި އެވެ.

އެމެރިކާ އަކީ ވިހެއުމުގެ ޗުއްޓީ މުސާރައާ އެކު ލިބޭނެކަން ކަށަަވަރު ނުވާ، ތަރައްގީވެފައިވާ ހަމަ އެކަނި ގައުމެވެ.

ރާއްޖެ އިން ވަނީ އެމެރިކާ އަށް ހިޖުރަކުރާ މީހުންނާ މެދު އަމަލުކުރުމަށް މިހާރު ގެންގުޅޭ އުސޫލުތައް މުރާޖައާ ކުރުމަށާއި ތަންފީޒީ އިދާރާތަކުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ވެސް ގޮވާލައިފަ އެވެ. މީގެ އިތުރުން އިންސާފު ލިބިދިނުމުގައި ވެސް ނަސްލީ ތަފާތު ނުގެންގުޅުމަށް ގޮވާލައި، ސަލާމަތީ ބާރުތަކާއި ތަންފީޒީ އިދާރާތަކުން އާންމުންނާ މެދު އެކަށީގެން ނުވާ ބާރުގެ ބޭނުން ނުކުރުމަށް ވެސް ގޮވާލި އެވެ.

އިންސާނުންގެ ވަގު ވިޔަފާރި އާއި ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުން އެމެރިކާގައި އޮންނަ މައްސަލަ ފާހަގަކޮށް ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާގައި އެމެރިކާ އިން ސޮއި ކުރުމަށް ރާއްޖެ އިން ގޮވާލި އެވެ. އެމެރިކާ އަކީ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް" މުއާހަދާގައި ސޮއި ނުކުރާ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ.