ދައުލަތް ހުއްޓުވާލަން ފުރުސަތު ދޭނެ ކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އިދިކޮޅު ފަރާތްތަކަށް އަމާޒު ދެއްކެވި ވާހަކަފުޅަށް ބައެއް ގާނޫނީ ވަކީލުންނާއި މަޖިލިސް މެންބަރުން ރައްދެއް ދެއްވައިފި އެވެ.
އާޒިމާ ވިދާޅުވެފައިވަނީ، "އަޅުގަނޑުމެން މި މަގާމުގަތަކުގަ ތިއްބާ ދައުލަތް އިނދަ ޖައްސާލައި އަޅުގަނޑުމެންގެ ގައުމު ހުއްޓުވައި ގާނޫނު އަސާސީގެ ބޭރުން އަމަލުކުރުމަށް ފުރުސަތު ނުދޭނަން" ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރު މިއޮތީ މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ، ދައުލަތުގެ ހުރިހާ މުއައްސަސާއެއް މިއޮތީ އެކުގައި، އެ ފުރުސަތު ލިބޭނެ ކަމަށް ހީނުރައްވާތި، އެއަށް ޖާގައެއް ނެތް، ރާއްޖޭގެ މިނިވަންކަމާ ކުޅުމަށް ވެސް ޖާގައެއް ނެތް، ދައުލަތް ހުއްޓުވާކަށް ވެސް ޖާގައެއް ނެތް، ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ދާނީ ކުރިއަށް، ތަރައްގީގެ މަގުގައި އަޅުގަނޑުމެންނާ ބައިވެރިވާން އާދޭ، ތަރައްގީގެ މަގުގަ އަޅުގަނޑުމެން ދާނީ ކުރިއަށް،" އަދި މިހެން ވެސް ވިދާޅުވި އެވެ.
އާޒިމާގެ އެ ވާހަކައަށް ރައްދު ދެއްވަމުން އާޒިމާގެ ބަންޑާރަނައިބު ކަމުގެ ދުވަސްވަރު އެކަމަނާއާއެކުގައި މަސައްކަތް ކުރެއްވި ކުރީގެ ސޮލިސިޓާ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ދިވެހި ދައުލަތް އޭގެ ހަގީގީ މާނާގައި ހުއްޓިފައިވާ ކަމަށެވެ. ދައުލަތް ހުއްޓިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރުމުންނާއި ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައިގެން ކަމަށެވެ. އޭގެ އިތުރުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ގާނޫނު އަސާސީއާ ހިލާފަށް ނިންމުމުންނާއި 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމުން ވެސް ދައުލަތް ހުއްޓިފައިވާ ކަމަށެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ދައުލަތް ބަޔަކު ހުއްޓުވަން ނުޖެހޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވަނީ އަމިއްލަފުޅަށް ދައުލަތް ހުއްޓުވާލާފައިވާ ކަމަށެވެ.
"ގޮތް ހުސްވެ ގާނޫނީ އިމުން ބޭރުވެ ކުރިއަށް ދާނެ މަގު ވަނީ ބަންދުވެފަ، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތް،" އަބްދުﷲ ވިދާޅުވި އެވެ.
ސަރުކާރުގެ ބޭފުޅުން ގާނޫނީ ދައުލަތް ހިމާޔަތްކުރުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާތީ ރޭ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެކަމަށް ވަނީ ފާޑުވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވީ ދައުލަތަކީ ހުރިހާ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ހިމެނޭ ގޮތަށް އުފެދޭ އެއްޗެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ހިމާޔަތް ކުރައްވަނީ އެއިން އެއް ބައި ކަމަށެވެ. ޝާހިދު ވިދާޅުވީ ގާނޫނީ ދައުލަތް އޮންނައިރު ސަރުކާރުން ހިމާޔަތް ކުރަމުން ދަނީ ހަމައެކަނި "ގާ" ކަމަށެވެ. ދައުލަތަށް އަޅައެއް ނުލާ ކަމަށެވެ. ސަރުކާރަށް ދައުލަތް ސިފަ ވަނީ "ގަލެއްގެ" ގޮތުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.