ހަބަރު

ޝަރުތު ގަބޫލުކޮށް އދ. ބައިވެރިކުރުމުން އިދިކޮޅު މަޝްވަރާއަށް ދާނެ

ރާއްޖެ މިއޮތް ހާލަތަކީ މަޝްވަރާއަށް މުހިންމު ހާލަތެއް ކަމަށް ދެކޭތީ އިދިކޮޅު ޕާޓީތަކުގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތަކެއް ހުޅުވިފައިވާ ސިޓީއެއްގައި ރައީސް އަބްދުﷲ ޔާމީނަށް ދަންނަވައިފި އެވެ.

މަޝްވަރާއާ ގުޅޭ ގޮތުން ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދާއި އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.

ތިން ޕާޓީ އާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ރައީސް ޔާމީނަށް ފޮނުއްވި ހުޅުވިފައިވާ ސިޓީގައި ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންކަންކަމަށް ހައްލެއް ހޯދުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އޭގެ ދަށުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އެކަން ކަމަކީ މަޝްވަރާއަށް ދިޔުމަށް އިދިކޮޅުން މީގެ ކުރިން ވެސް މަތިކޮށްފައިވާ ޝަރުތުތަކެވެ.

އެ ޝަރުތުތައް ގަބޫލުކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމަށްފަހު އދ. ގެ ބައިވެރިވުމާއެކު ބޭއްވޭ "ޕްރޮކްސިމިޓީ ޓޯކްސް" އަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާއީދުކުރުމާއެކު މަޝްވަރާގައި ބައިވެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

އދ. ބައިވެރިކުރުމާމެދު ސަރުކާރުގެ ދެބަސްވުންތަކެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އދ. ބައިވެރިކުރުމަކީ ވާހަކަތަކުގެ ވަރަށް އަސާސީ ސިފައެއް ކަމަށް ވެސް ޕާޓީތަކުން ބުނެފައި ވެއެވެ. މިކަމުގެ އިތުރުން އެހެން ކަންކަން ހުރި ނަމަވެސް ދެ ފަރާތުން ވެސް ޕްރޮކްސިމިޓީ ޓޯކްސް ފެށުމާމެދު އެއްބަސްވެވިދާނެ ކަމަށް ވެސް ބުންޏެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ އާންމު ރައްޔިތުންގެ ލަބައާއި މަންފާއަށް މަސައްކަތްކޮށް އަދި މަޝްވަރާއަށް ތާއީދުކުރާ އެއްވެސް ސަރުކާރަކުން މަޝްވަރާތަކުގައި އދ. އިން ބައިވެރުވާނަމަ އެކަން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.

"މަޝްވަރާގައި އދ. ބައިވެރިކުރުމާމެދު މަނިކުފާނުގެ [ރައީސް ޔާމީން] ސަރުކާރުގެ ވިސްނުން ދެބައިވެފައިވާ ކަމާއި އަދި މި މައްސަލަ ޑެޑްލޮކްއަކަށް ގޮސްފައިވާކަން އަޅުގަނޑުމެންނަށާއި އެެހެން ދަރާތްތަކަށް ވެސް ސާފެވެ. މަޝްވަރާތަކާ ގުޅޭ ގޮތުން އދ. ގެ ދައުރުމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުން ސާފުނުވުމަކީ ބަލައިގަންނަން ދަތި ކަމެކެވެ." ޕާޓީތަކުގެ ސިޓީގައިވެ އެވެ.

ޑެޑްލޮކްގެ ސަބަބުން މަޝްވަރާތައް ހުއްޓިފައިވާއިރު އޭގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށާއި އެހެންވެ ކުއްލި ހާލާތު އުވާލައި ދުވަސްތޫރީ ވެރިކަން ވީހާވެސް އަވަހަކަށް އިޔާދަކުރުމަށް ވެސް ޕާޓީތަކުން ގޮވާލި އެވެ. އިންތިހާއަށް ގޯސްވެފައިވާ ހާލަތުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީންގެ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ވެސް ބުންޏެވެ. ޕާޓީތަކުން ބުނީ އީޔޫއިން މަޝްވަރާތައް ފެށުމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ ވަކިވަކި ފަރާތްތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި އޮތުމަކީ ކަންބޮޑުވާ ހާލަތެއް ކަމަށެވެ.

"ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ސަބަބުން މިކަން އިތުރަށް ދިގުލައި ލަސްވެ ސާފުނުވެ ދިޔުމަކީ ރާއްޖެއަށް އިގްތިސޯދީ ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ ހާލަތެކެވެ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށާއި ވަކިން ހާއްސަކޮށް ފަތުރުވެރިކަމަށް ހީނަރުކަން އަންނާނެ އެވެ. އަދި މުޅި އިގްތިސޯދަށް ގެއްލުންވެ ރައްޔިތުންނަށް އެކަމުގެ ނޭފެވޭ އަސަރުކުރާނެ އެވެ." ޕާޓީތަކުން ބުންޏެވެ.

ސިޓީގައި ބުނީ، މަޝްވަރާތައް ފެށުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމުގެ ރަސްމީ ދައުވަތުދީ އަދި މި މަޝްވަރާތަކުގައި އދ. ބައިވެރިވުން އޮތުމާމެދު ސަރުކާރުން ދެކޭ ގޮތް އޮޅުން ނާރާފަދަ ގޮތަކަށް ހޯދައިދިނުމަށް އެދި މިއަދު އދ.ގެ ސެކްރެޓްރީ ޖެނަރަލަށް ސިޓީއެއް ފޮނުވާފަ ކަމަށެވެ. ދެ ފަރާތުގެ ލީޑަރުންގެ މެދުގައި އދ. މެދުވެރިވެ ހިންގާ ވާހަކަތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބެން އެމާސަން ކިއުސީ ލީޣަލް އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ޝަރުތުތައް ގަބޫލުކޮށް ސަރުކާރުން މަޝްވަރާޔަކުގެ ޕްރޮސެސްގައި ބައިވެރިވާނެކަން ކަށަވަރުކޮށްދިންހާ އަވަހަކަށް ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށް ސިޓީ ނިންމާލަމުން ޕާޓީތަކުން ބުންޏެވެ. ޕްރޮސެސް ކުރިއަށް ގެންދިޔުމަށްޓަކައި ޕާޓީތަކުގެ ވަފުދެއް މި މަހު ނިއުޔޯކަށާއި ވޮޝިންޓަން ޑީސީއަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ބުންޏެވެ. ވަފުދުގައި ބެން އެމާސަން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ދެ ފަރާތުން ވެސް ހުށަހަޅާ ކަންކަމާއި ދެކޭ ގޮތް އާންމު ރައްޔިތުންނަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަޒަންކުރެވޭނެ ގޮތް ހެދުމަށް ފޮނުވި ހުޅުވިފައިވާ ޕާޓީތަކުގެ ސިޓީގައި ޖަވާބުގައި ސަރުކާރުން ވެސް އެފަދަ ހުޅުވިފައިވާ ސިޓީއެއް ފޮނުއްވުމަށް ވެސް ޕާޓީތަކުން އެދިފައިވެ އެވެ.