އިދިކޮޅު ފަރާތްތައް

މަޝްވަރާއާ ގުޅޭ ގޮތުން އިދިކޮޅުގެ ވަފުދެއް އދ. އަށް

ސަރުކާރާއި އިދިކޮޅު ޕާޓީތަކާމެދު ބާއްވަން މަސައްކަތް ކުރާ މަޝްވަރާތައް ފެށުމާ ގުޅޭ މަޝްވަރާއަކަށް އިދިކޮޅު ޕާޓީތަކުގެ ވަފުދެއް އދ .އަށް ޒިޔާރަތް ކުރުމަށް ނިންމައިފި އެވެ. މިކަން ހާމަކޮށް ޕާޓީތަކުން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ މަޝްވަރާއަށް އިދިކޮޅުން މަތިކޮށްފައިވާ ޝަރުތުތައް ގަބޫލުކޮށް ސަރުކާރުން މަޝްވަރާތަކުގެ ޕްރޮސެސްގައި ބައިވެރިވާނެކަން ކަށަވަރުކޮށްދިންހާ އަވަހަކަށް ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށެވެ. ޕްރޮސެސް ކުރިއަށް ގެންދިޔުމަށްޓަކައި ޕާޓީތަކުގެ ވަފުދެއް މި މަހު ނިއުޔޯކަށާއި ވޮޝިންޓަން ޑީސީއަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ބުންޏެވެ. ނިއުޔޯކްގައި އދ. ގެ މައި އިމާރާތް ހުންނައިރު ވޮޝިންޓަން ޑީސީގައި އދ. ގެ އިންފޮމޭޝަން ސެންޓަރު ހުރެ އެވެ.

ސިޓީގައި ބުނީ، މަޝްވަރާތައް ފެށުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމުގެ ރަސްމީ ދައުވަތުދީ އަދި މި މަޝްވަރާތަކުގައި އދ. ބައިވެރިވުން އޮތުމާމެދު ސަރުކާރުން ދެކޭ ގޮތް އޮޅުން ނާރާފަދަ ގޮތަކަށް ހޯދައިދިނުމަށް އެދި މިއަދު އދ.ގެ ސެކްރެޓްރީ ޖެނަރަލަށް ސިޓީއެއް ފޮނުވާފަ ކަމަށެވެ. ދެ ފަރާތުގެ ލީޑަރުންގެ މެދުގައި އދ. މެދުވެރިވެ ހިންގާ ވާހަކަތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބެން އެމާސަން ކިއުސީ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ވަފުދުގައި ބެން އެމާސަން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ. ނަމަވެސް ޕާޓީތަކުގެ ފަރާތުން ބައިވެރިވަޑައިގަންނަވާނެ ބޭފުޅުން އަދި ހާމަައެއް ކުރެ އެވެ.

މަޝްވަރާއަށް އިދިކޮޅު ޕާޓީތަކުގެ ޝަރުތުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތު އިވާލައި އޭގެ ދަށުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމާއި އދ. މެދުވެރިއެއްގެ ގޮތުގައި ބައިވެރިކުރުމެވެ.

އެ ޝަރުތުތައް ގަބޫލުކޮށް، އެއާ އެއްގޮތަށް އަމަލުކުރުމަށްފަހު އދ.ގެ ބައިވެރިވުމާއެކު ބޭއްވޭ ޕްރޮކްސިމިޓީ ޓޮކްސްއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާއިދުކުރުމާއެކު އެ މަޝްވަރާގައި ބައިވެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ. އދ. ބައިވެރިކުރުމާމެދު ސަރުކާރުގެ ދެބަސްވުންތަކެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އދ. ބައިވެރިކުރުމަކީ ވާހަކަތަކުގެ ވަރަށް އަސާސީ ސިފައެއް ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ. މިކަމުގެ އިތުރުން އެހެން ކަންކަން ހުރި ނަމަވެސް ދެ ފަރާތުން ވެސް ޕްރޮކްސިމިޓީ ޓޯކްސް ފެށުމާމެދު އެއްބަސްވެވިދާނެ ކަމަށް ވެސް ބުންޏެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ އާންމު ރައްޔިތުންގެ ލަބައާއި މަންފާއަށް މަސައްކަތްކޮށް އަދި މަޝްވަރާއަށް ތާއިދުކުރާ އެއްވެސް ސަރުކާރަކުން މަޝްވަރާތަކުގައި އދ.އިން ބައިވެރުވާނަމަ އެކަން ގަބޫލުކުނުރައްވާނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.