ހަބަރު

ޓޭންކަރު މައްސަލާގައި ހައްޔަރުކުރި މީހާއަށް ގިނަ ތުހުމަތުތަކެއް

އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން އުޅެނިކޮށް ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއެކު ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތެލުގެ ވިޔާފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ގދ. މަޑަވެލީ، އަބްދުﷲ ފަހުމީ އެވެ.

މި މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރި ފަހުމީގެ މައްޗަށް ފުލުހުން ވަނީ ސަރުކާރު ވައްޓާލަން އެކި ފަރާތްތަކަށް ފައިސާ ދިނުމާއި ޓެރަރުޒަމްގެ އަމަލެއް ހިންގުމާއި އެފަދަ ކަމަކަށް މީހުންނަށް ހިތްވަރު ދިނުމުގެ ތުހުމަތުކޮށްފަ އެވެ. މީގެއިތުރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމެންޓުތަކެއް ތައްޔާރުކޮށް، އޮތޯރިޓީގެ ވަގު ތައްގަނޑައެއް ހަދައި އެ ބޭނުން ކުރުމުގެ ތުހުމަތާއި ޓްރާންސްޕޯޓްގައި މަސައްކަތްކުރި އިސް ފަރާތެއްގެ ނަމުގައި ޖީމެއިލްއެއް ހަދައި އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންއަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އަދި، ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ބޯޓަކަށް ކޯލް ސައިންތަކެއް ހަދައި، އެ ބޯޓުގައި ދިވެހި ދިދަ ބޭނުންކުރުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ފަހުމީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު ސަރުކާރުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.

ޖަޕާނު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ޗައިނާގެ ޝަންހާއީގެ އިރުމަތިން 250 ކިލޯމީޓަރު ބޭރުންނ ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ފެނުނު އިރު ދެއުޅަނދު އޮތީ ކައިރިކޮށްގެން ކަމަށާއި ދެ އުޅަނދުގެ ލައިޓްތައް ވެސް ދިއްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ޓޭންކަރެއް ކަމަށް ޖަޕާނުން ބުނާ އުޅަނދުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ ނަން ފޮހެލައިފަ އެވެ. ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފު އަމަލެއްކަން އެ މައްސަލަ ބެލުމުން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުންޏެވެ. ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މިގޮތަށް ކަނޑުމަތީ މުއާމަލާތްކުރުމަކީ މަނާ ކަމެކެވެ.

ދިވެހި ދިދަ ނަގައިގެން ދަތުރުކުރިޔަސް އެއީ ރާއްޖޭގެ އުޅަނދެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވާ "ޝިންޔުއާން 18" އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ ފަރާތްތަކުގެ އުޅަނދުފަހަރު ރާއްޖޭން ބޭރުގައި ދުއްވުމަށް ރަޖިސްޓްރީކުރުމަށް ފުރުސަތުދޭ ގައުމެއް ނޫން ކަމަށްވާތީ އެ އުޅަނދުގައި ދިވެހި ދިދަ ބޭނުން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެފައިވެ އެވެ.