ރަސްރަނީގެ ގޮތު މި ސަރުކާރުން ތަރައްގީކޮށްފައިވާ ކުރީގެ ސަލްޓަންޕާކުގައި ހަދާ ވިންޓާ ކޯނާއަކީ ސަރުކާރުގެ ބަޖެޓުން ކުރާ ހަރަދެއް ނޫން ކަމަށާއި އެތަނަށް ހަރަދު ކުރަނީ ޓޫރިޒަމް ދާއިރާގެ ސީއެސްއާރް ބަޖެޓުން ކަމަށް މިނިސްޓަރު މުއިޒް ވިދާޅުވެއްޖެ އެވެ.
ރަސްރަނީގައި ތަރައްގީކުރާ ވިންޓާ ކޯނާއަކީ އައިސް ސްކޭޓް ކުރެވޭ ގޮތަށް ތަރައްގީކުރާ ތަނެކެވެ. މިދިޔަ ޑިސެމްބަރު މަހު ނިންމަން ކަނޑައަޅައި މަސައްކަތް ފެށި ވިންޓާ ކޯނާ އޮތީ ސުންގަޑި ހަމަވި އިރުވެސް ވަށައި ފިލާ ޖަހައި ބަންދުކޮށްފައިވާ ހުސް ބިމެއްގެ ގޮތުގަ އެވެ.
ހުކުރު ދުވަހުގެ ރޭ މިނިސްޓަރު މުއިއްޒު ވަނީ ވިންޓާ ކޯނާ ހުޅުވާނެ ދުވަސްވަރެއް އަލުން ދެއްވާފަ އެވެ. ސީދާ ތާރީހެއް ވިދާޅުނުވި ނަމަވެސް ރޯދަމަހުގެ ކުރިން އެތަން ނިންމާލެވޭނެ ކަމަށް އެރޭ ވިދާޅުވި އެވެ.
ވިންޓާ ކޯނާގެ ބަޖެޓް އޮތް ގޮތް މިހާތަނަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވާއިރު ރޭ މުއިޒް ވިދާޅުވީ އެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށެވެ. އެ ހަރަދުކުރަނީ ޓޫރިޒަމް ދާއިރާގެ އިޖުތިމާއީ ޒިންމާއަށް ހަރަދުކުރަން ކަނޑައަޅާފައި ބަޖެޓުގެ ތެރެއިން ކަމަށެވެ.
ވިންޓާ ކޯނާ ތަރައްގީކުރަން ބޭނުންވާ ސްނޯ މެޝިނާއި އެތަން ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އެތަން ރޭވުމަށްޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ ނިންމާފައެވެ. އެ ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓަރު މުއިޒް ވަނީ ވިދާޅުވެފަ އެވެ.