ހަބަރު

މިއަދު ހަވީރު ވިންޓާ ޕާކް ހުޅުވާލަނީ

މިއަދު ހަވީރު ރަސްރަނި ބަގީޗާގެ ވިންޓާ ޕާކް އާންމުކޮށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސްނޯގެ ތަޖުރިބާ އެންމެ އަސްލު ގޮތުގައި ތަޖުރިބާކޮށްލެވޭ ގޮތަށް ރާއްޖޭގައި ތަރައްގީކޮށްފައިވާ ހަމައެކަނި ޕާކް މިއަދު ހަވީރު 4:00 ޖަހާއިރު އާންމުންނަށް ހުޅުވާލާއިރު ތާރީހީ މި ޕާކް ރަސްމީކޮށް ހުޅުވާފައިވަނީ މިދިއަ ކުޑަ އީދު ދުވަހުގެ ރޭގަނޑު އެވެ. އެ ޕާކް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.

ޕާކަށް ދާން ތައްޔާރުތަ؟

ވިންޓާ ޕާކަށް ވަދެވޭނީ، ޕާކަށް ވަންނަ ދޮރުގެ ކަނާތް ފަރާތުގައި ބަހައްޓާފައި ހުންނަ ޓޯކަން މެޝިނުން ނަންބަރެއް ނަގައި ޓިކެޓިން ކައުންޓަރަށް ގޮސް އެންޓްރެންސް ފީގެ ގޮތުގައި 20ރ. ދެއްކުމަށް ފަހު ޓިކެޓެއް ގަނެގެނެވެ. މި 20ރ. އިން ޕާކަށް ވަދެ އެތެރޭގައި ފޮޓޯތައް ނަގައި 15 އަހަރުން ދަށުގެ ކުޑަކުދިން ސްނޯ ހައުސްގައި ސްނޯ ކުޅެން ދޫކޮށްލައި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެވެ. މިގޮތަށް ޕާކް ތެރޭގައި ގިނަ އިރުވެސް ހޭދަކޮށްލެވޭނެ އެވެ.

ޕާކުގައި އޮންނާނީ ތިން ހަރަކާތެކެވެ. އެއީ ސްނޯ ހައުސް، ސްނޯ ސްލައިޑިން އަދި އައިސް ސްކޭޓިން އެވެ.

ސްނޯ ހައުސްއަށް ވަދެވޭނީ 15 އަހަރުން ދަށުގެ ކުޑަ ކުދިންނަށެވެ. އެންޓްރެންސަށް ނަގާ 20ރ. ޓިކެޓާއެކު ފަން ހައުސް ބޭނުން ކޮށްލެވޭނެ އެވެ. އައިސް ސްކޭޓިން އާއި ސްނޯ ސްލައިޑިން އަށް އުމުރެއް ކަނޑައެޅިފައެއް ނެތެވެ. ނަމަވެސް ކުޑަ ކުދިންނަށް ސްލައިޑަށް އެރޭނީ ބޮޑު މީހަކާ އެއްކޮށެވެ. މި ދެ ހަރަކާތުގައި ބައިވެރިވާނަމަ ވަކި ވަކި ހަރަކާތުގައި ބައިވެރިވާ ޓިކެޓް ނަގަންޖެހޭނެ އެވެ.

ސްނޯ ސްލައިޑް ކުރެވޭނީ 10ރ. ޓިކެޓެއްގަ އެވެ. އެ ޓިކެޓްގައި ފަސް ފަހަރު ސްލައިޑަށް އެރޭނެ އެވެ. އައިސް ސްކޭޓް ކުރާނަމަ ނަގަންޖެހޭނީ 40ރ. ޓިކެޓެކެވެ. ނަމަވެސް ސްކޭޓް ކުރެވޭނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ. އަދި ކޮންމެ މީހަކަށް ވެސް ސްކޭޓް ކުރަން ލިބޭނީ 20 މިނިޓެވެ.

މި ހުރިހާ ހަރަކާތެއްގައި ބައިވެރިވާން ބޭނުން ނަމަ 100ރ. އަށް އޯލް އިންކްލޫސިވް ޓިކެޓެއް ނެގޭނެ އެވެ.

ވިންޓާ ޕާކް ހުޅުވާ ގަޑިތައް

  • އާދީއްތަ ދުވަހު ހަވީރު 4:00 އިން 6:00 އަށް، ރޭގަނޑު 8:00 އިން 11:00 އަށް
  • ހޯމަ، ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 6:00 އަށް، ރޭގަނޑު 8:00 އިން 11 އަށް
  • ހުކުރު، ހޮނިހިރު ދުވަހު ހެނދުނު 6:00 އިން 11:00 އަށް، މެނދުރު 2:00 އިން 6:00، ރޭގަނޑު 8:00 އިން 11:00 އަށް

ވިންޓާ ޕާކަށް ދާން ފިނިހެދުން ބޭނުންވޭތަ؟

ރަސްރަނީގައި ހުޅުވާ ވިންޓާ ޕާކުގައި ފިނި ހެދުން ހުންނާނީ ބަހައްޓާފަ އެވެ. އެހެންވީމާ ގެއިން އަންނަ އިރު ފިނިހެދުން ގެންދާކަށް ނުޖެހޭނެ އެވެ. ޕާކަށް ވަންނަ މީހުންގެ ތެރެއިން ޕާކުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާނަމަ އެންޓްރެންސް ފީއާއެކު އެޓަޔާ (ހެދުން) ޓިކެޓެއް ވެސް ނަގަން ޖެހޭނެ އެވެ. އެޓަޔާ ޓިކެޓެއް 40 ރ އަށް ނަގައިގެން ޖެކެޓަކާ ބޫޓެއް ލިބޭނެ އެވެ. ނަމަވެސް ހަމައެކަނި ޕާކަށް ވަދެލައި ފޮޓޯ ނަގަން އެޓަޔާ ގަންނާކަށް ނުޖެހޭނެ އެވެ. އަތަށް ލައްވާ އަންގިއާ ފަޔަށް ލައްވާ ސްޓާކީން ބޭނުންނަމަ ޕާކުން ވެސް ގަނެލެވޭނެ އެވެ. ނަމަވެސް އެދެވޭ ގޮތަކީ ގެއިން އަންނަ އިރު އަންގިއާއި ސާފު ސްޓާކީން ގެނައުމެވެ. -- ޕާކަށް ވެއްދޭނީ ސާފު ސްޓާކީނެވެ. އޯލް އިންކްލޫސިވް ޓިކްޓް ނަގާ ފަރާތްތަކުގެ ޓިކެޓްގައި އެޓަޔާ ވެސް ހިމެނޭނެ އެވެ --

ވިންޓާ ޕާކް މިއަދު ހަވީރު ހުޅުވާއިރު 4:00 އިން ފެށިގެން ޓޯކަން ނަންބަރު ދޫކުރަން ފަށާނެ އެވެ. ޓޮކަން ނަންބަރު، ޕާކަށް ގޮސްގެންނާއި ކިއުބީ އެޕް މެދުވެރިކޮށްވެސް ނެގޭނެ އެވެ.

ވިންޓާ ޕާކް ޕްރޮޖެކްޓް ކޮންސަލްޓަންޓް އެޗްއާރްސީގެ ސީއޯއޯ އާމިނަތު ސޫޒަން މިއަދު ވިދާޅުވީ، ވިންޓާ ޕާކް ވެގެންދާނީ އާންމުންނަށް ވަރަށް ތަފާތު ތަޖުރިބާއެއްކޮށް، އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ރައްކާތެރި ތަނަކަށް ކަމަށެވެ. އެގޮތުން ޕާކު ތެރޭގައި ހަރަކާތްތެރިވާ މީހުންނަށް އެހީތެރިވުމަށް ޓްރެއިންޑް ސްޓާފުން ބައިތިއްބާފައިވާ ކަމަށާއި ފަސްޓްއެއިޑް ދިނުމަށް ވެސް ޕާކުގެ ސްޓާފުން ތަމްރީން ކޮށްފައިވާ ކަމަށް ސޫޒަން ވިދާޅުވި އެވެ.