އެމްޑީޕީއިން އެހެން ޕާޓީތަކާ އިއްތިހާދުވީ ފަހުން އެމްޑީޕީއިން ވެސް އަދި އެމަނިކުފާނު ވެސް އެއްވެސް ކަމެއް ކުރައްވާނަމަ ކުރައްވަނީ އިއްތިހާދުގެ ޕާޓީތަކަށް އެނގިގެން އެ ޕާޓީތަކުގެ މަޝްވަރާގެ މަތިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ސިއްރު މަޝްވަރާތަކެއް ރައީސް ނަޝީދާއެކު ކޮށްފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އެހެން ޕާޓީތަކާއެކު އިއްތިހާދުވި ފަހުން އެމްޑީޕީ ވެސް އަދި އެމަނިކުފާނު ވެސް ދައްކަވާ ވާހަކައެއް ވެސް ހިންގަވާ ހުރިހާ ކަމެއް ވެސް ހިންގަވަނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާކޮށް ހުރިހާ ޕާޓީތައް އެދޭ މިންވަރަކަށް އަދި އެދޭ ގޮތަކަށް ކަމަށެވެ.
"ކުރިއަށް އޮތްތާ ވެސް ކަން ހިނގާނީ އެގޮތަށް،" ލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާގެ ސިޔާސީ މަޝްވަރާގައި އިސްވެ ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ފުންނާބު އުސް ބޭރުގެ ބައެއް ބޭފުޅުން މެދުވެރިކޮށް އިދިކޮޅު އިސްވެރިންނާއި ވަކިވަކިން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެގޮތުން އޭރު އެންމެ ފުޅާކޮށް މަޝްވަރާ ކުރެވުނީ ރައީސް ނަޝީދާއި އެކު ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ނަޝީދު އޭރު ނަޝީދު ސަރުކާރާއެކު ވާހަކަތައް ދެއްކެވީ އިދިކޮޅު ފަރާތްތަކުގެ ހުއްދަ އާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވެފައި ކަމަށާއި އެ މަޝްވަރާގައި ކަފާލާތުގެ އުސޫލުގެ ތެރެއިން ފަނޑިޔާރުންނާއި އެހެން ކުށްވެރިން ދޫކޮށްލަން ވެސް ހުށަހެޅުއްވެވި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭރު ކުރެވުނު މަޝްވަރާތައް ސިއްރު ކުރުމަށް ވެސް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ނަޝީދު ހުށަހެޅުއްވި ބައެއް ކަންކަމަށް ސަރުކަރުން އެއްބަސްވެ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެޖެންޑާއަކާއި ހަމައަށް ދެވުނު ކަމަށެވެ. އެވާހަކަތަކުގައި ސަރުކާރާއި ނަޝީދާއި ދެމެދު ޑޮކިއުމެންޓްތަކެއް ވެސް ބަދަލު ކުރެވުނު ކަމަށާއި އޭގެ ޗެޓް ލޮގްތައް ހުރި އިރު މި މަޝްވަރާތައް ސިއްރުން ހިނގިކަން އދ. އާއި އީޔޫއަށް ވެސް އެނގިފައި އޮންނާނެ ކަމަށް ޝައިނީ މިއަދު ކަށަވަރު ކޮށްދެއްވި އެވެ.