ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

ސިއްރު ވާހަކައިން، މަޝްވަރާ ހަނި ގޯޅިއަކަށް!

"ސިޔާސީ ޕާޓީތަކުގެ މަޝްވަރާ" މިއީ އަޑުއަހާ އެކަމަކު އޮއްޓަރެއް ފައިދާ ނުވި ފޫހި ވާހަކައަކަށް ވަނީ ވެފައެވެ. އަބަދުވެސް ދައްކަނީ މަޝްވަރާކުރާ ވާހަކައެވެ. މަޝްވަރާކުރާ ތަނެއް ދުވަހަކު ވެސް ނާދެ އެވެ. މަޝްވަރާތަކާ ގުޅޭ ގޮތުން ސަރުކާރުން "ބޯޅައެއް" ޖަހައިފިނަމަ އިދިކޮޅު ޕާޓީތަކުން އެއަށްވުރެ ބާރަށް "ބޯޅައެއް" ޖަހަ އެވެ. މަޝްވަރާގެ ބޯޅަ އޮންނަނީ ދެ ކޯޓްގައި ފެނުޖެހި ޖެހި އެވެ.

މިހާރު ވެސް މިއީ އަނެއްކާވެސް މަޝްވަރާތަކުގެ ވާހަކައިގެ އަޑު ގަދަ ދުވަސްވަރެކެވެ. ޔޫރަޕިއަން ޔޫނިއަންއިން ވަނީ މަޝްވަރާތައް ކުރަން އިންޒާރެއް ވެސް ދީފަ އެވެ. އެކަން ނުކުރުންޏާ އަމަޒު ކުރެވޭ ވަކިވަކި ފިޔަވަޅުތަކެއް އަޅަން ވިސްނނެ ކަމަށް ވެސް ރާއްޖެއާމެދު ހަރުކަށި ގޮތެއް ގެންގުޅޭ އީޔޫއިން ބުނެފައި ވެއެވެ. އެހެންކަމުން ސަރުކާރަށް ވެސް ވަނީ މަޝްވަރާގެ ވާހަކަ ހިފައިގެން ބޭރަށް ނުކުމެ އެ ވާހަކަ ދައްކަން ފާޑަކަށް މަޖުބޫރުވެފައެވެ. މަޝްވަރާކުރަން ބޭނުންވާ ކަމަށައި އެކަން ކުރަން އިސް ނަގައި އުޅޭކަން އެންމެ ކުޑަމިނުން ދައްކަން ވެސް ސަރުކާރަށް ފާޑެއްގެ މަޖުބޫރެއް އެބަވެއެވެ.

ސަރުކާރުން ވަނީ އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާ ކުރަން އެ ފަރާތްތަކަށް ދައުވަތު ދީފަ އެވެ. ސަރުކާރުން ބުނާ ގޮތުންނަމަ އެ ދައުވަތު މިހާރު 12 ފަހަރަށް ދެވިއްޖެ އެވެ. އެކަމަކު ލިބޭ ދައުވަތާއެކު އެހެންޏާވެސް ހަދާ ގޮތަށް މިފަހަރު ވެސް އިދިކޮޅު ޕާޓީތައް ނުކުތީ ޝަރުތުތަކުގެ "ބޮޑު ފޮތެއް" ހިފައިގެނެވެ. އޭގައި ޝަރުތުތައް ގިނަ އެވެ. މުޅީން ވެސް ސަރުކާރު ޖެހިލުންވާފަދަ އަދި ބޯޖަހާލަން އުނދަގޫ ޝަރުތުތަކެވެ. ކުއްލި ހާލަތު އުވާލައި އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ތަންފީޒުކުރުމެވެ. ދެން އދ. މެދުވެރިޔަކަށް ހެދުމެވެ. އެއީ މިފަހަރު ގެންގުޅޭ ޝަރުތުތަކެވެ.

އދ. އެއީ މަޝްވަރާގައި މެދުވެރިޔަކަށް ހަދާކަށް ސަރުކާރަކުން ވެސް ދެކޮޅެއް ނޫނެވެ. އެކަމަކު ސަރުކާރުން ދެކޮޅު ހަދާ ކަމަށް އދ. ބުނެ އެވެ. އެ ދެމެދުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ނުތަނަވަސް ކަމެއް ހިނގާފައި އޮތުމަކީ އެ ގޮތަށް އެ ވާހަކަ ދެކެވެން ޖެހުނު ސަބަބަށް ވެދާނެ އެވެ.

މީޑީއޭޓަރެއްގެ ރޯލަށް އެހެންނާ މެދުވެރިއެއްގެ ރޯލުގައި އދ. ބައިވެރިކުރަން ސަރުކާރު ރުހިގެން އޮތަސް އިދިކޮޅުން ހިފައިގެން އުޅޭ އެހެން ޝަރުތުތަކާ ސަރުކާރު އޮތީ ރުހިގެނެއް ނޫނެވެ. ބުނަނީ ދެން ހުރި ކަންކަމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކޭ އެވެ. އެއަކީ ސަރުކާރަށް ފުއްދައިދެވޭނެ ކަންކަމެއް ނޫނެވެ.

ދެ ފަރާތުން ޝަތުރުތައް ދެކޮޅަށް ޖަހަޖަހާ ތިއްބައި ސިއްރު މަޝްވަރާތަކެއްގެ ވާހަކަ އިއްޔެ މިވަނީ ސަރުކާރުން ފެންމަތިކޮށްފަ އެވެ. ސަރުކާރުން "ސިއްރު" ހާމަކުރީ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފޮނުވި ވަރުގަދަ ސިޓީއެއްގެ ރައްދުގަ އެވެ. އެ ސިޓީގައި އިދިކޮޅު ޕާޓީތަކުން ބުނެފައިވާ ގޮތުގައި އދ. އަށް ޒިޔާރަތްކުރަން އިދިކޮޅުގެ ވަފުދެއް ފުރަނީ އެވެ. އަދި އިދިކޮޅުގެ ޝަރުތުތައް ގަބޫލުކޮށް އދ. މެދުވެރިޔަކަށް ހެދުމުން މަޝްވަރާތަކަށް އިދިކޮޅު ރެޑީއޭ އެވެ.

ސަރުކާގެ ސިޔާސީ މަޝްވަރާގައި އިސްވެ ހުންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ފުންނާބު އުސް ބޭރުގެ ބައެއް ބޭފުޅުން" މެދުވެރިކޮށް އިދިކޮޅު އިސްވެރިންނާއި ވަކިވަކިން މަޝްވަރާ ކޮށްފައިވާނެ އެވެ. އެގޮތުން އޭރު އެންމެ ފުޅާކޮށް މަޝްވަރާ ކުރެވުނީ ރައީސް ނަޝީދާއި އެކު އެވެ. ޝައިނީގެ މި އިއުލާނަކީ ހައިރާން ކުރުވި ކަމެކެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ނަޝީދާއި ސަރުކާރާ ދެ ސިއްރު ވާހަކަތަކެއް ދިޔައީ އިދިކޮޅު ފަރާތްތަކުގެ ހުއްދައާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވެ އެވެ. ސިއްރު އެ މަޝްވަރާގައި ކަފާލާތުގެ އުސޫލުގެ ތެރެއިން ފަނޑިޔާރުންނާއި އެހެން ކުށްވެރިން ދޫކޮށްލަން ވެސް ހުށަހެޅުއްވެވި އެވެ. އެ މަޝްވަރާތައް ސިއްރު ކުރުމަށް ދެފަރާތް އެއްބަސްވި އެވެ.

އެގޮތުން ނަޝީދު ހުށަހެޅުއްވި ބައެއް ކަންކަމަށް ސަރުކަރުން އެއްބަސްވެ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެޖެންޑާއަކާއި ހަމައަށް ދެވުނެވެ. އެ ވާހަކަތަކުގައި ސަރުކާރާއި ނަޝީދާއި ދެމެދު ޑޮކިއުމެންޓްތަކެއް ވެސް ބަދަލު ކުރެވުނެވެ. އޭގެ ޗެޓް ލޮގްތައް ހުރި އިރު މަޝްވަރާތައް ސިއްރުން ހިނގިކަން އދ. އާއި އީޔޫއަށް ވެސް އެނގިފައި އޮންނާނެ އެވެ.

ނަޝީދާއި ސަރުކާރާ ދެމެދު ސިއްރު މަޝްވަރާއެއް ކުރުން މިއީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟

ޝައިނީގެ އިއުލާނާއެކު އިދިކޮޅު ޕާޓީތައް ވަނީ ރުޅިގަދަވެފައެވެ. އެކޮޅުން ބުނަނީ އެއީ ސިއްރު ބައްދަލުވުންތަކެއް ނޫނޭ އެވެ. ނަމަވެސް މަޝްވަރާތަކެއް ކުރެވުނުކަން އެ ޕާޓީތަކުން ޔަގީންކޮށްދެ އެވެ. އެއީ އެކަމަކު ސަރުކާރާއެކު ކުރި މަޝްވަރާތަކެއް ކަމަށް ޕާޓީތަކުން ނުދެ އެވެ. އެއީ ތިންވަނަ ފަރާތަކާ ކުރެވުނު މަޝްވަރާތަކެއް ކަމަށް ޕާޓީތަކުން ދެކެވެ.

އެކަމަކު ޝައިނީ އެހެން ވިދާޅުވުމާ ހަމައަށް އިދިކޮޅުން ވެސް ސަރުކާރުން ވެސް އަދި ނަޝީދު ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު އެއީ ސިއްރު މަޝްވަރާތަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ސަރުކާރާއެކު ކުރި މަޝްވަރާތަކެއް ކަމަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ނަޝީދާ ހަމައިން އެއީ ތިން ވަނަ ފަރަތާކަށްވާ ގޮތަކީ ކޮބައި ހެއްޔެވެ؟


އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި ރައީސް ނަޝީދާ މަޝްވަރާކޮށްފައިވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްގެނެވެ. އެކަން އިދިކޮޅު އެހެން ލީޑަރުންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ޕާޓީތަކުން އެއްބަސްވާ ކަމެއް މެނުވީ ލީޑަރުން ނުކުރައްވާނެ އެވެ. އެއީ ސިއްރު ބައްދަލުވުމެއް ނޫނެވެ. ޝައިނީގެ އިއުލާނަށް ރުޅިގަދަވި ޕާޓީތަކުން ދެއްކި ވާހަކައާ މި ވާހަކަތަކަށް ކެވެއްޔެއް ނުޖެހެ އެވެ.

"ރައީސް ނަޝީދަށް ތިންވަނަ ފަރާތަކުން ގުޅާފައި ކޮންފިޑެންޝަލް ވާހަކަތަކެއް ބޭއްވުމަށް އެދުނީ، ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތަކީ ތިންވަނަ ފަރާތާ ދެއްކި ވާހަކަތައް އެހެން ސިޔާސީ ލީޑަރުންނާ ހިއްސާ ކުރައްވައި މަޝްވަރާ ކުރެއްވީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ޝައިނީގެ ވާހަކަ ހުރީ އިދިކޮޅު ލީޑަރުންގެ މެދުގައި މައްސަލަ ޖެހިފައިވާކަން ދޭހަވާ ގޮތަކަށެވެ. އެކަން އޭނާ ކުށްވެރި ކުރައްވަ އެވެ. ހަސަން ވިދާޅުވާ ގޮތުގައި އިދިކޮޅު ލީޑަރުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތެވެ.

އެއާ ހިލާފަށް ޕާޓީތަކުގެ މަޝްވަރާތައް ފެށިފައިނުވަނީ ލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތާއި ސަރުކާރުން ބޭނުންވާ ގޮތާ ފުށު އަރާތީ އެވެ. ސަރުކާރުން ބޭނުންވާ ގޮތް ގުޅިފައިވާ ޕާޓީތަކަށް އެއްބަހެއް ނުވެވެއެވެ. ހަމަ އެގޮތަށް އިދިކޮޅު ބޭނުންވާ ގޮތް ސަރުކާރަކަށް ހަޖަމެއް ނުވެއެވެ.

ބައިވަރު ވާހަކަ އަންނާނެ އެވެ. ކޮންމެ ވާހަކައެއް ދެކެވުނަސް އެނގިގެންދިޔަ ކަމަކީ "ސިއްރުން" މުއާމަލާތްތަކެއް ކުރެވި އެއްބަސްވުންތަކެއްވުމަށް މަސައްކަތްކޮށްފައިވާ ކަމެވެ. ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމެވެ. އެކަމަކު އެގޮތަށް ވެސް އެއް ގަލަކަށް ދެ ފަރާތަށް އެރޭ ވަރު ނުވީ އެވެ.

އެއްގަލަކަށް ނޭރި، "ސިއްރު" ވާހަކަތައް ހާމަކުރުން އިދިކޮޅުން ސިފަކުރީ އެއީ ޕާޓީތައް ބައިބައިކޮށްލުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ސަރުކާރުން ބުނަނީ އެކަން ސިއްރުކޮށްފައި ބޭއްވުމަށް ސަރުކާރާއި އިދިކޮޅާ ދެމެދުވީ އެއްބަސްވުން އުވާލީ އިދިކޮޅު ކަމަށެވެ. އެއްބަސްވުމާ ހިލާފަށް އިދިކޮޅު ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްވަރާތަކަށް ޝަރުތުތައް ކަނޑައަޅައި ވާހަކަ ދައްކައި ސިއްރުތަކެއް ހާމަ ކުރީ އެވެ.

އިދިކޮޅު ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ހުޅުވިފައިވާ ސިޓީގެ ރައްދެއްގެ ގޮތުން "ސިއްރު" ބައްދަލުވުމުގެ މައުލޫމާތު ސަރުކާރުން "ފަޅާއަރުވާލާފައި" މަޝްވަރާތަކުގެ މަސައްކަތް އަނެއްކާވެސް އާ "ގޯޅިއަކަށް" މިވަނީ ވައްދާފަ އެވެ. މި "ގޯޅި" ނިމޭނީ ކިހާ ހިސާބަކުން ކަމެއް ބުނަން ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ މި މަޝްވަރާއަކީ ކުރަން ފަސޭހަ މަޝްވަރާއެއް ނޫން ކަމެވެ. އެއް ގަލަށް އެރޭނެ ހާލަތެއް ނެތް ކަމެވެ.