އަންނަ ހުކުރު ދުވަހު އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެ އެއްވުމުގައި ބައިވެރި ނުވުމަށް ޕީޕީއެމްއިން ގޮވާލައިފި އެވެ.
އިދިކޮޅު ޕާޓީތަކުން ދަނީ އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އަމާޒު ހުރީ ސަރުކާރު ވައްޓާލަން ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރުމަށް އެތައް މަސައްކަތްތެއްކޮށް ނާކާމިޔާބުވެފައިވާ ކަމަށާއި ޝަރުއީ ދާއިރާގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތެއް ވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"ސަރުކާރު ވައްޓާލަން މި ހިނގާ ކޮންމެ ކަމެއްގެ ފަހަތުގަ ވެސް ތިބީ އިދިކޮޅު ފަރާތްތައްކަން އެ ދަނީ ހާމަވަމުން، ފުލުހުން ހާމަކުރާ މައުލޫމާތުތަކުން ވެސް މިކަންކަމުގައި ޝާމިލުވާ މީހުން އެ ދަނީ އެނގެމުން،" ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ހުކުރު ދުވަހު އެއްވާ އެއްވުމަކީ ވެސް ސަރުކާރު ވައްޓާލައި ގައުމު ހުއްޓުވުމަކަށް ގެންނަން އިދިކޮޅު ފަރާތްތަކުން ރާވާ ރޭވުންތަކުގެ ބޮޅެއް ކަމަށެވެ. އެ ވާނީ ޣައިރު ގާނޫނީ ކަމަކަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އެފަދަ އެއްވުންތައް ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކުރައްވައި އެ އެއްވުމުގައި ރައްޔިތުން ބައިވެރިނުވުމަށް ވެސް ހަލީލު އެދިވަޑައިގަތެވެ.
"ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެތައް ހިދުމަތްތަކެއް ރައްޔިތުންނަށް ދެމުން، ސިއްހީ ދާއިރާ ތައުލީމީ ދާއިރާއިން ކުރިއެރުންތައް ވަނީ ހޯދާފަ، މުއައްސަސާތަކަށް ގެންނައީ ތަރައްގީ، ވަކިވަކި ފަރުދުންގެ ތަނަވަސްކަން އިތުރު ކުރަން ވެސް މަސައްކަތްތައް ވަނީ ކުރައްވާފަ، އެހެންވެ އިދިކޮޅު ފަރާތްތައް ބޭނުން ވަނީ މިކަންކަން ހުއްޓުވަން،" ހަލީލު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހުގެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ބޭނުން ކުރަމުން ދަނީ "ހުއްޓުވުން" ޝިޔާރެވެ. އެއީ އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލަން ބާއްވާ އެއްވުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ.