ފިޝަރީޒް މިނިސްޓްރީން ހުއްދައެއް ދީފައިވާ މަސް ދޯނިތައް އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުންތަކަށް މީހުން އުފުލުމުގައި ބޭނުން ކުރާނަމަ އެ ދޯނިތަކުގެ ލައިސެންސް ހިފަހައްޓާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފި އެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު، މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުން ތަކުގައި އަދި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ. އަދި، މިހާރު ވެސް ކުރަމުންދާ ކަމަށާއި ކުރަން ތައްޔާރު ވަމުންދާ ކަމުގެ މއުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އެއީ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އެފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗާ ކުރުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
އެ މާއްދާގައި ބުނަނީ، ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، ގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން މިފަދަ ޣައިރު ޤާނޫނީ ޙަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި އެންމެހާ އޮޑިވެރިންނާއި މަސްވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިފަދަ ޙަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ، މަސްވެރިކަން ކުރުމަށް މި މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އެހެންކަމުން ޣައިރު ގާނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި އޮޑިވެރިންނާއި މަސްވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ، މަސްވެރިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން މި އިންޒާރުދިންއިރު އަންނަ ހުކުރު ދުވަހަށް އިދިކޮޅު ޕާޓީތަކުން ދަނީ ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެ އެއްވުމަށް ރަށްރަށުން މީހުން މާލެ ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.