ގާނޫނީ ވަކީލުން

ފުލުހުން ބަދުނާމުވީ ވަކީލުންނާ ހެދިއެއް ނޫން: ވަކީލުން

ވަކީލުންގެ ބައްދަލުވުން އަޑުއަހަން ފުލުހުން ވަގަށް ރިކޯޑަރެއް ހަރުކުރުމަކީ ހަގީގަތު ވެސް ބަދުނާމުވާ ފަދަ އަމަލެއް ކަމަށާއި މިއަދު ފުލުހުން ބަދުނާމުވެފައިވާ ކަމަށް ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު ބައްދަލުކުރެއްވުމަށް ހިސާން އިށީންނެވި ގޮނޑި ދަށުގައި ވަގަށް ހަރުކޮށްފައިވާ ރިކޯޑަރެއްގެ ވާހަކަ ވަކީލުން މީޑިއާއަށް ހިއްސާ ކުރައްވަނީ ފުލުހުން ބަދުނާމުކުރުމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވުމުންނެެވެ.

"ތެދުފުޅެއް، އެ ބޭފުޅުން ބަދުނާމުވާ ފަދަ ކަމެއް މިއަދު އެ ހިނގީ، އެކަމަކު އެ ބޭފުޅުން ބަދުނާމު ވަނީ އަޅުގަނޑުމެންނާ ހެދިއެއް ނޫން، އެ ބޭފުޅުން ބަދުނާމު ވަނީ ފުލުހުންގެ އިސްވެރިންގެ އަމަލުތަކުގެ ސަބަބުން، ކަސްޓޯޑިއަލްއާ ހަވާލުވެ ހުންނެވި ބޭފުޅާގެ ސަބަބުން، އަދި އެ ބޭފުޅާގެ ދަށުން އެ ޓޭޕް ރިކޯޑަރު ހަރުކުރި އޮފިސަރުގެ ސަބަބުން،" ހިސާން ވިދާޅުވި އެވެ.

ފުލުހުން ފަހުން ނެރުނު ނޫސް ބަޔާނުގައި އެ ވާހަކަތަކަކީ ބަދުނާމު ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބަޔާނުގައި ބުނީ ވަކީލުން އެ ޝަކުވާ ހުށަހަޅާފައިވާތީ އެކަން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ހިސާން ހުސެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ ބައްދަލުވުމަށް ކޮޓަރިއަށް ވެއްދުމުން ގޮނޑި ފުރޮޅާ ބެލިއިރު އެ ގޮނޑި ދަށުގައި ރިކޯޑަރެއް ހަރުކޮށްފައިހުރި ކަމަށެވެ. އެހެންވެ އެކަން ޖަލުގައި ތިބި ފުލުހުން އެންގި ކަމަށާއި ނަމަވެސް އެއްވެސް ފުލުހަކު ބައްދަލު ނުކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

"ކޮޓަރިއެއްގަ ހުރި ގޮނޑިއެއްގަ އިށީންނަން އެންގީ، ކޮޓަރިއެއްގަ ބައްދަލުވުން ބާއްވަން އިންސިސްޓް ކުރާތީ އަޅުގަނޑު ސުވާލުކުރުމުން ބުނީ އުއްތަމަ ފަނޑިޔާރުވީމަ ފިނި ތަނެއްގަ ބައްދަލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނޭ، އަޅުގަނޑު ދެންނެވިން އުއްތަމަ ފަނޑިޔާރު ފަންކާއެއް ނެތް ކުޑަ ގޮޅިއެއްގަ ނޫންތޯއޭ މަހެއްހާ ދުވަހު ތި ގެންގުޅުއްވަނީ، ދެން ކީއްވެ ވަކީލުންގެ ބައްދަލުވުމުގަ ފިނި ކޮޓަރިއަކަށް ގެންނަނީ،" ހިސާން ވިދާޅުވި އެވެ.

"ދެން ކޮންމެއަކަސް އަޅުގަނޑު އިށީންނިން، އިށީނުމަށްފަހު އަޅުގަނޑު ކޮޅަށް ތެދުވެ ގޮނޑި ފުށުން ޖަހައި ބެލިން، ބެލިއިރު ރަތް ކުލައިގެ ޓޭޕް ރިކޯޑަރެއް ހިއްޕާފަ ހަރުކޮށްފަ ހުރީ ގޮނޑި ދަށުގަ، ދެން އެ ގޮނޑި އެގޮތަށް ބޭއްވުމަށްފަހު ޑިއުޓީގައި ތިބި ހުރިހާ ފުލުހުން އެތަނަށް ގެނެސް ވަކީލުންގެ ބައްދަލުވުން ސިއްރު އަޑު އަހަނީ ނޫންހޭ އެހިން،"

ހިސާން ވިދާޅުވީ ކަސްޓޯޑިއަލް ސެންޓަރަށް އެ މައްސަލަ ހުށަހެޅުމުން އިސް އޮފިސަރުންނަށް މައްސަލަ ހުށަހެޅުމަށް އެދުނު ކަމަށާއި ނަމަވެސް ވަކީލުން އެތަނުން ވަޑައިނުގަންނަން ނިންމައި އެ އިސް އޮފިސަރުން އެތަނަށް ވަޑައިގަތުމަށް އެދުނު ކަމަށެވެ. ނަމަވެސް އެއްވެސް އިސް އޮފިސަރެއް އެތަނަށް ވަޑައިގެން އެ ބަލައިފައިނުވާ ކަމަށެވެ.