ހަބަރު

ރައީސް އެކައުންޓަށް ޖަމާކުރި ފައިސާވީ އޭސީސީ ބެލުމުގެ ދަށުގަ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ރުފިޔާ އެމަނިކުފާނު ބޭނުން ނުކުރައްވާ ކަމަށާއި އެ ފައިސާ މިހާރު ހުންނާނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ބެލުމުގެ ދަށުގަ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްއެއްގައި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެން ގޮތް ގޮތުންވެސް އެންމެ ގިނައިން ކުރާ ސުވާލަކީ ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަށް އެމް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން ކަމަށެވެ. އެކަމާ ގުޅޭ ޖަވާބު އެބައޮތް ކަމަށެވެ.

ނިހާން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަހުމަދު އަދީބު އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރީ ކީއްވެގެން ކަން ރައީސް ޔާމީން އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ފައިސާއަކީ އެސްއޯއެފްގެ ފައިސާ ކަމެއް ރައީސަށް އެނގިވަޑައެއް ނުގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައި ހުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ކަނޑަ އެޅެންދެން އަތް ނުލެވޭ ގޮތަށް ބަހައްޓާފައި ކަމަށެވެ. އަދި އެކަން ޕީޕީއެމްއަށް އެނގޭ ކަމަށާއި އެފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބަރާބަރަށް އެބަހުރި ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ލިބެން ޖެހޭ ފައިސާއެއް އަދީބު ފޮނުއްވީ ކޮންތާކުން ކޮންގޮތަކުންކަން އިނގޭނީ ފަހުން އެ އައި ހިސާބެއް އިނގިގެންތާ، ޗެކަކުން އައީމަ އެ ޗެކް އަކީ ކޮން ދިމާލަކުން ކަމެއް، ރައީސް ޔާމީނަކަށް އިނގިވަޑައެއް ނުގަންނަވާނެ، އެއީ އެސްއޮއެފްގެ ޗެކެއްތޯ ނުވަތަ ނޫންތޯ އެއް، ތަފާތު އެތައް ވިޔަފާރި ތަކެއް އެކުންފުނީގެ ތެރޭގައި ހުރެދާނެ، ނުވަތަ އެނޫން އެހެން ތަނެއްގައިވެސް އެފައިސާ ހުރެދާނެ، އެހެން ކަމުން އެވަގުތުން ނިންމާކަށް ފަސޭހައެއް ނުވާނެ މިއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމެއް ނުވަތަ ނޫން ކަމެއް، އެކަން އިނގިވަޑައިގަންނަވާނީ އެކަން ތަހުގީގު ކުރާ ފަރާތްތަކަށް، އެއީ އޭސީސީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، އޭސީސީގެ ތަހުގީގަށްފަހުގައި އެ މުއައްސަސާއިން ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ ފަރާތުން ފައިސާ ޖަމާކޮށްފައިވާކަން ރައީސް އަށް ދެންނެވި ކަމަށާއި އެކަން ރައީސް ޕީޕީއެމަށްވެސް އެންގެވި ކަމަށެވެ. އަދި ރައީސް ޔާމީން އޭސީސީއަށް އެންގެވީ އެ ފައިސާ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތަށް ފްރީޒްކޮށްފައި ބެހެއްޓުމަށް ކަމަށެވެ.

"ރައީސް އެފައިސާ ބޭނުން ކޮށްފައެއް ނުވޭ، ކަމާ ބެހޭ މުއައްސަސާގައި އެފައިސާ އެބަހުރި، މިހާރު އިނގޭނެ އެއީ ކާކު ކޮންކަހަލަ ނުބައެއް ހެދުމުގެ ބޭނުމުގައި ރައީސް އެކައުންޓަށް ޖަމާކޮށްފަ ހުރި ފައިސާއެއްކަން،" ނިހާން ވިދާޅުވި އެވެ.

ރައީސް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަަމަށް ނިހާން ވިދާޅުވިއިރު، ތަހުގީގަށް ފަހު އޭސީސީން އޮތީ އެ މައްސަލަ ފައިލްކޮށްފަ އެވެ.

އެމައްސަލައިގެ ތަހުގީގަށްފަހު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސްގެ ނަމުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން ފަސް ލައްކަ އެމެރިކާ ޑޮލަރު 13 އޮކްޓޫބަރު 2015 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 15 ދުވަހު އަނެއްކާ ވެސް ފަސް ލައްކަ ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އެއީ ޖުމްލަ އެއް މިލިއަން ޑޮލަރެވެ. އެއީ ރުފިޔާ އިން ބަލާއިރު، 15.4 މިލިއަން ރުފިޔާ އެވެ. މައްސަލައާ ގުޅިގެން ރައީސް އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ތަހުގީގުގައި ސުވާލުކޮށްފައިވާނެ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން އިތުރަށް ބުނެފައިވަނީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވި ތަހުގީގު ފުރިހަމަ ކުރެވޭނީ ރައީސް ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ވެރިން ތަހުގީގަށް ހާޒިރުކުރެވި އެފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށެވެ. އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލްކުރުމަށް އޭސީސީއިން ވަނީ ނިންމާފައި ކަމަށް ރިޕޯޓްގައިވެ އެވެ. އެކަން ނިންމީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.