އަހުމަދު ނިހާން ހުސައިން މަނިކު

ގަޑި ދެއްވީ އަދީބެއް ނޫން: ނިހާން

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގަނެ ދެއްވި ގަޑިއެއް ނޯންނާނެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ. ގަޑި ދެއްވިީ އެހެން ބޭފުޅެއްކަން ނިހާން ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އަދީބު ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވިއިރު ނިހާންއަށް އަގު ބޮޑެތި ހަދިޔާތަކެއް ލިބުނު ކަމަށް ބުނެ ވަރަށް ގިނައިން ނިހާނަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، އަދީބު ގަނެދިން ގަޑިއެއް އޭނާގެ އަތުގައި ނޯންނާނެކަން ވަރަށް ސާފުކޮށް ދަންނަވާ ކަމަށެވެ.

ގަޑި ދެއްވީ އެހެން ބޭފުޅެއް ކަމަށާއި އެ ބޭފުޅާ އަދިވެސް ދުނިޔޭގައި އެބަ ހުންނެވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ އެ މައްސަލަ އެންޓި ކޮރަޕްޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން ބޭނުންވެއްޖެނަމަ އެ މައުލޫމާތު ދެއްވަން އެ ބޭފުޅާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް ވަނީ އަދީބުގެ އެހީތެރިކަން ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ. އަބްދުލްރަހީމް ވިދާޅުވީ، "އަދީބުގެ ފަރާތުން ގަޑިއެއް، ފައިވާނެއް، ކެމެރާއެއް އަދި އައިނެއް ވެސް ލިބިފައެއް ނެތް" ކަމަށެވެ.

ނިހާން ވިދާޅުވީ އެފަދަ މައްސަލަތައް ބަލަން ރާއްޖޭގައި މުއައްސަސާތައް އެބަހުރި ކަމަށެވެ. އެ ބޭފުޅުންނަށް އެފަދަ ތުހުމަތުތައް ކޮންމެ ދުވަހަކު ވެސް ކުރަމުން ދަނީ ރާވައިގެން ކަމަށެވެ. އެއަށް ދޭނެ އަދި ދޭން ޖެހޭނެ އިތުރު ޖަވާބުތަކެއް ނެތް ކަމަށެވެ. މީޑިއާ ކުރިމަތީގައި އެފަދަ ތުހުމަތުތަކާ ގުޅިގެން ވެސް އެއަށްވުރެ ބޮޑަށް ކެރިގެން ވާހަކަ ދައްކަވަން ކެރުނު ބަޔަކު ނެތް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.