ހަބަރު

ދެ ގާނޫނު ބާތިލުކުރަން އެދުނު މައްސަލަ އާދީއްތާގައި

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި މައްސަލާގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ތާވަލުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު މި ދެ މައްސަލައަށް ދެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ 11:00 އަށް ތާވަލުކޮށްފައިވާއިރު އަނެއް މައްސަލަ އޮތީ 1:30 ގަ އެވެ.

އެ ދެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

ގޮނޑި ގެއްލޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ބަޔާންކޮށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުން 12 މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވަނީ އެ ގާނޫނުގެ ދަށުން އެ ބޭފުޅުން ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި އެ ގާނޫނު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތަށެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ސީދާ އަމާޒުކޮށް ގެނެސްފައިވާ އިސްލާހަކަށްވުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.