ހަބަރު

ހައިކޯޓު ފަނޑިޔާރު ކަމުގެ ހުވާ ހަސަން އަލީ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އެ ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރު ހަސަން އަލީ މިރޭ ކުރައްވައިފި އެވެ. އޭނާއަކީ މީގެކުރިން ހައިކޯޓުގެ ރަޖިސްޓްރާކަން ކުރެއްވި ބޭފުޅެކެވެ.

މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަސަން އަލީއަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ އެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން ވެސް ބައިވެރިވަޑައިގަތެވެ.

ފަނޑިޔާރު ކަމުގެ ހުވާ ހަސަން އަލީ ކުރެއްވުމުން ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވި އެވެ. ފަތްކޮޅު ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

މިރޭ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި ހަސަން އަލީ ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރީ މިދިޔަ އަހަރު އެވެ. އެ މަގާމުން ވަކިކޮށް އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އެ ފަހުން އެ މަގާމުން ވެސް ވަކިކޮށްފައިވެ އެވެ. އެންމެފަހުން ހަސަން އަލީ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.

ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި ހައިކޯޓަށް އަދިވެސް ގާނޫނުގައި ބުނާ އަދަދަށް ފަނޑިޔާރުން ހަމަނުވެ އެވެ. ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ހައިކޯޓުގައި މުޅި ޖުމްލަ އެ ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ. ހައިކޯޓުގައި މިހާރު މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އޭގެއިތުރުން ދެކުނު ގޮފީގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ނަމަވެސް މިހާރު ސީދާ ހައިކޯޓުގައި މަސައްކަތް ކުރައްވަން ސުޕްރީމް ކޯޓުން އަންގަވާފައިވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާން އެވެ.