ހަބަރު

ކޮންމެ ގައިދީއަކަށް ޔުނިފޯމެއް ދޭކަށް ނުޖެހޭ!

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް، އެކަކު ލާފައި ހުންނަ ޔުނިފޯމް ލާން މަޖުބޫރު ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ މައްޗަށް ކުރި ދައުވާއެއް ދައުލަތާ އެއްކޮޅަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ފުވައްމުލަކު މާދަޑު، ރުވާމާގޭ އަހްމަދު އިލްޔާސް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސްގެ މައްޗަށް މިދިޔަ އަހަރު ކުރި ދައުވާގައި އެދިފައި ވަނީ އެއް ގައިދީއަކު ލާފައި ހުންނަ ޔުނިފޯމް އެހެން ގައިދީން ލުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެގޮތަށް ޔުނިފޯމް ލުމަށް އިންކާރު ކުރުމުން އިތުރު އަދަބެއް ނުދެވޭނެ ކަމަށާއި އެކަކު ލާފައި ހުންނަ ޔުނިފޯމް އަނެކަކު ލުމަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށާއި ކޮންމެ ގައިދީއަކަށް ވަކި ޔުނިފޯމެއް ނުދެވޭ ނަމަ އެ ގައިދީއަކު ބޭނުން ހެދުމެއް ލުމުގެ އިހްތިޔާރް ދޭން ޖެހޭނެ ކަމަށް ކަނޑައަަޅައިދިނުމަށެވެ. މީގެ އިތުރުން އެއް ގައިދީއަކު ލާފައި ހުންނަ ޔުނިފޯމް އެހެން ގައިދީން ލުމަށް މަޖުބޫރުކޮށްފައި ވާތީ އެކަން ކުރި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށާއި ދައުވާ ކުރި މީހާ އާއި އެހެން ގައިދީންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.

އެއް ގައިދީއަކު ލާފައި ހުންނަ ޔުނިފޯމް އަނެއް ގައިދީއަކު ލުމަކީ ސިއްހީ ގޮތުން ރައްކާތެރި ކަމެއް ނޫން ކަމަށް، ދައުވާކުރި ފަރާތުން ބުނެފައި ވިޔަސް ކޮންމެ ގައިދީއަކު ވެސް ޔުނިފޯމް ލައްވަނީ ޑިޓަޖެންޓް ލައިގެން ސާފު ފެނުގައި ދޮވެ އިސްތިރިކޮށްފައި އޮންނަ ޔުނިފޯމެއް ކަމަށް، ދައުވާކުރި ފަރާތާއި ދައުލަތުގެ ބަހުން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. އަދި އެހެން މީހުން ލާފައި ހުންނަ ޔުނިފޯމް ލުމުން ލިބުނު ގެއްލުމުގެ ބަދަލު ގައިދީންނަށް ހޯދައި ދިނުމަށް އެދިފައި ވިޔަސް ލިބުނު ގެއްލުމެއް މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ޖަލަކީ އެތަނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ނުކުރާ މީހުންނާ މެދު, ޑިމޮކްރަޓިކް ހުރިހާ މުޖުތަމައުތަކެއްގައި ވެސް ފިޔަވަޅު އަޅާ ތަނެއް ކަމަށާއި އެހެންވެ ޔުނިފޯމް ނުލުމުން ޖަލުގެ ގަވާއިދުގެ ދަށުން އަދަބު ދިނުމަކީ ދެވޭ އަނިޔާއެއް ނޫން ކަމަށް ވެސް ވަނީ ހުކުމުގައިވެ އެވެ.

ގައިންގަޔަށް އަރާ ބަލިތައް ޖެހިފައި ހުންނަ މީހުން ލައްވާފައި ހުންނަ ޔުނިފޯމް އެހެން މީހުން ލައްވާތޯ އާއި ޔުނިފޯމްގެ ސާފުތާހިރުކަން ހުންނަ ގޮތް ޝަރީއަތުން ބެލުމަށް ފަހު ބުނެފައި ވަނީ ފިރިހެން 735 ގައިދީންނަށް އޮންނަނީ 30 ޔުނިފޯމް ކަމަށާއި އަންހެން 50 ގައިދީންނަށް އޮންނަނީ އޮންނަނީ 10 ޔުނިފޯމްކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ޔުނިފޯމް ލައްވަނީ ގައިދީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންދިއުން ފަދަ ކަންކަމުގައި ކަމަށް ވެސް ހުކުމުގައިވެ އެވެ. ޔުނިފޯމް ދޮންނަން އެއްވެސް ވަރަކަށް ހޫނު ފެން ބޭނުން ނުކުރާ ކަމަށާއި އެކަަމަކު ސާފު ފެނުން، ޑިޓަޖެންޓް ލައިގެން ޔުނިފޯމް ދޮންނަކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކި މީހުން ލައްވާ ޔުނިފޯމް ވަކިކޮށް އެނގޭނެ ގޮތަކަށް ނުބަހައްޓަ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު މާލެ ގެންނަނީ އަށެއްކަ ގައިދީން ކަމަށާއި ޔުނިފޯމް ލައްވަނީ އެ މީހުންގެ އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.