ފޮރިން މިނިސްޓްރީ

އިންޑިއާއިން ދިވެހިންނަށް ވިސާ ދޫކުރުން މެދުކަނޑައެއް ނުލާ: ފޮރިން

އިންޑިއާއިން ދިވެހިންނަށް ވިސާ ދޫކުރުން މެދުކަނޑާނުލާ ކަމަށާއި ވިސާ ދޫކުރުމުގެ ޕޮލިސީއަށް ބަދަލެއް އައިފައިވެސް ނުވާކަން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަށަވަރު ކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ދިވެހިންނަށް ވިސާ ދިނުން މަޑުޖައްސާލާފައިވާ ކަމަށް މީޑިއާގައި މިއަދު ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެ ހަބަރާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ކޮށްފައިވަނީ ޓްވީޓެކެވެ. އޭގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުން ނޫން ބޭނުންތަކަށް ދިވެހިންނަށް ވިސާ ދޫކުރުން އިންޑިއާއިން މަޑުޖައްސާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެ މިނިސްޓްރީއަށް އަންގާފައިވަނީ އެފަދަ މައްސަލައެއް ނޫޅޭނެ ކަމަށެވެ. އަދި އިންޑިއާއިން ދިވެހިންނަށް ވިސާ ދޫކުރާ އުސޫލަށް އެއްވެސް ބަދަލެއް ނާންނަ ކަމުގެ ޔަގީންކަން ވެސް އެމްބަސީން މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.

އިންޑިއާއަށް ދާ ވިސާ ހޯދުމުގައި ދަތި ކުރިމަތި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެ ގައުމަށް ދާ ދިވެހިންނާއި ދިރިއުޅ ދިވެހިންނަށް ވިސާއާ ގުޅޭ އެކި އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމުގެ ޝަކުވާތަށް މި ފަހުން ދަނީ ލިބެމުންނެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމަށް އަސަރުތަކެއް ކުރި އެވެ.