ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ފަސް ކުންފުންޏަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި ފަސް ބިމާ ގުޅޭ ގޮތުން ހަދާފައިވާ "ސެޓްލްމަންޓް އެގްރިމަންޓް"ތައް އުވާލި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވާނެ ވަކި ދުވަހެއް މިއަދު ސުޕްރީމް ކޯޓުން އަންގާފައެއް ނުވެ އެވެ.
މިއަދު ދެ ގަޑިއިރެއްހާ އިރަށް ދިގު ދެމިގެން ދިޔަ މައްސަލާގެ ފަހު އަޑުއެހުމުގައި މައްސަލަ ހުށަހެޅި ވިލާގެ ފަރާތުންނާއި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަނީ ހުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ.
މި މައްސަލައަކީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓުން ދައުލަތާ ދެކޮޅަށް ދުއުވާކުރާ މައްސަލަ އެވެ. އެ މައްސަލައަކީ އެ ކުންފުނިތަކާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ސެޓެލްމެންޓް އެގްރިމެންޓްތައް 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު މިނިސްޓްރީން ބާތިލުކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަ އެވެ.
ހދ. ހަނިމާދޫގެ ބިމަކާއި ލ. ކައްދޫގެ ބިމަކާއި މާނެންފުށި އަދި ގަޒީރާއާ ގުޅިގެން ސަރުކާރުން ވަނީ ވިލާގެ ކުންފުނިތަކާއެކު "ސެޓްލްމަންޓް އެގްރިމަންޓް" އެއް ހަދާފަ އެވެ. އެ އެގްރިމެންޓްތައް ހެދީ ކައްދޫއިން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއްގެ މައްސަލާގައި ދައުލަތަށް 9.7 މިލިއަން ރުފިޔާ ދައްކަން ޖެހުމުންނެވެ. ވިލާގެ ބިންތަކުގެ މައްސަލާގައި އެ ކުންފުނިތަކުން ދައުވާކޮށް އެ މައްސަލާގައި ޝަރުއީ މަރުހަލާތައް ނިމިއްޖެނަމަ އެފަދަ ބޮޑު އަދަދެއް ވިލާއަށް ވެސް ދައްކަން ޖެހިދާނެ ކަމަށް ދައުލަތަށް ލަފާކުރެވުމުންނެވެ.
އެ އެއްބަސްވުމުގައި ވަނީ ފަސް ކުންފުންޏަށް ދޫކޮށްފައިވާ ޕްލޮޓް އަދި ލޭންޑްއާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ ފަހުން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްއެއް ފަސް ކުންފުންޏާއެކު ވަނީ ހަދާފަ އެވެ. ސެޓެލްމެންޓް އެގްރިމެންޓް ނަހަދާ އިތް ތ. އެލާ މައްސަލާގައި ވެސް އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް ހެދި އެވެ. އެ އެގްރިމެންޓްގައިވާ ގޮތުން ކަމަކާ ދެބަސްވެއްޖެނަމަ އެކަން ހައްލުކުރާނީ ވާހަކަ ދައްކައިގެންނެވެ. އެ އެގްރިމެންޓްތަކުގެ ދަށުން ހަނިމާދޫ ބިމާއި ކައްދޫގެ ބިމުގެ ބަދަލުގެ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް އެ ކުންފުނިތަކަށް ދިނެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ތަކުރާރު ކުރައްވާފައިވަނީ މީގެކުރީ އަޑުއެހުންތަކުގައި ވެސް ފާހަގަކުރައްވާފައިވާ ނުކުތާތެކެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދެ ފަރާތާ ވެސް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން އެންމެ ބޮޑަށް ސުވާލު ކުރައްވާފައިވަނީ އެއްބަސްވުންތައް އުވާލަން ޖެހުނު ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ)އާ ގުޅޭ ގޮތުންނެވެ.
ވިލާއާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވަނީ ވިލާ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިންގެ 70 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ)އިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުން ކަމަށް ދައުލަތުން ބުނެ އެވެ. ޑަބްލިއުއެލްޓީއިން ކުރާ ދައުވާއަކީ ސެޓެލްމެންޓް އެގްރިމެންޓްތައް އެކުލަވާލިއިރު ވެސް ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ. ނަމަވެސް އެގްރިމެންޓްތައް ބާތިލުކުރީ އެ މައްސަލަ ޑަބްލިއުއެލްޓީން ހައިކޯޓަށް ހުށަހެޅުމުންނެވެ.
ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ ދައުލަތުން އެގްރިމެންޓްތައް ވިލާއާއެކު ހެދީ ދައުލަތާ ދެކޮޅަށް އެ ކުންފުންޏަށް ނިސްބަތްވާ ކުންފުނިތަކުން ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓުން ބޭރުން ހައްލުކުރުމުގެ ނިޔަތުގަ އެވެ. ނަމަވެސް ޑަބްލިއުއެލްޓީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތާ ދެކޮޅަށް ނިމުމުން އެ މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއަށްވުރެ ބޮޑު އަދަދެއް ހޯދުމަށް ހައިކޯޓުގައި ދައުވާކުރި ކަމަށް ވަކީލް ވިދާޅުވި އެވެ. އޭރު ވެސް އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް އެ ކުންފުންޏާއެކު ޓޫރިޒަމް މިނިސްޓްރީން ދިޔައީ ވާހަކަތައް ދައްކަމުން ކަމަށް ވަކީލް ވިދާޅުވި އެވެ. އެ މައްސަލަ ދައުލަތުން ވެސް ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ޑަބްލިއުއެލްޓީއިން ދައުވާކުރަނީ ސީދާ ދައުލަތާ ދެކޮޅަކަށް ނޫނެވެ. ނަމަވެސް ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީގެ ސްބްސިޑަރީ ކުންފުންޏަކާ ދެކޮޅަށެވެ. އެ މައްސަލަ މިހާރު ވަނީ ހައިކޯޓުން ނިންމައި ސުޕްރީމް ކޯޓުގައި އިލްތިމާސް ވެސްކޮށްފަ އެވެ.
ވިލާގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ޑަބްލިއުއެލްޓީގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް އެއްވެސް އިރެއްގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުގައި އަދި ހައިކޯޓުގައި ހިނގަމުން ދިޔައިރު ވެސް ސްޓެލްމެންޓް އެގްރިމެންޓްތަކެއް ވިލާގެ ކުންފުނިތަކަކުން ހަދާފައި އޮތުމުން އެ ދައުވާ ނުކުރެވޭނެ ކަމަށް ދައުލަތުން ވަކާލާތު ކޮށްފައިނުވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ ސްޓެލްމެންޓް އެގްރިމެންޓްތައް ހެދީ އެ ފަސް ބިމާ ގުޅޭ ގޮތުން ކަމަށާއި އެ ފަސް ބިމާ ގުޅޭ ގޮތުން ހުރި ހުރިހާ ދައުވާތަކެއް ކޯޓުތަކުން ނަގާފައިވާ ކަމަށެވެ. އެހެންވެ އެއްބަސްވުންތަކާ ހިލާފުވީ ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ޑަބްލިއުއެލްޓީއަށް ދައުވާ ނުކުރެވޭނެ ކަމަށް އެއްވެސް އެގްރިމެންޓެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ އެ ކުންފުނީގައި ވިލާ ޝިޕިންގެ 70 ޕަސެންޓް ހިއްސާ އޮންނައިރު އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރުމަކީ ސެޓެލްމެންޓް އެގްރިމެންޓްތަކުގެ މަގުސަދު ގެއްލޭ ކަމެއް ކަމަށެވެ. އޭގެން އެނގިން ދިޔައީ ދައުލަތުގެ "ގުޑް ފެއިތް"އިން ހުރިހާ އިމްތިޔާޒުތަކެއް ދިނުމުން ވެސް ވިލާ ކުންފުނީގެ އެއްވެސް "ގުޑް ފެއިތް"އެއް ނެތްކަން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ސުވާލުތަކެއް އެއާއެކު ދައުލަތާ ކުރިމަތި ކުރެއްވި އެވެ. އެގޮތުން ޑަބްލިއުއެލްޓީއިން ދައުލަތާ ދެކޮޅަށް ދައުވާކުރުމުން ހުރިހާ ސެޓެލްމެންޓް އެގްރިމެންޓްތަކެއް އުވާލި ކީއްވެތޯ އެއްސެވި އެވެ. އަދި އެ ކުންފުންޏާއެކު ސެޓެލްމެންޓް އެގްރިމެންޓެއްވެފައިވޭތޯ އާއި ވެފައިވާ އެގްރިމެންޓްތަކުގެ ޕާޓީއެއްގެ ގޮތުގައި ޑަބްލިއުއެލްޓީ ހިމެނޭތޯ ވެސް އެއްސެވި އެވެ.
ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ކުންފުންޏަކީ ވިލާ ޝިޕިންގެ ކޮންޓްރޯލް އޮންނަ ކުންފުންޏެއް ކަމުން އެ ކުންފުނިން އެގޮތަށް ދައުވާކުރުމުން މަގުސަދު ގެއްލޭ ކަމަށެވެ. އަދި އެ ކުންފުންޏާއެކު ވެސް ސެޓެލްމެންޓް އެގްރިމެންޓެއް ވުމަށް މަޝްވަރާތައް ކުރެވެމުން ދިޔަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނިން އެއިން އެއްވެސް ކަމެއް ބެލުމެއް ނެތި ދައުވާކުރިއަށް ގެންދިޔައީ ކަމަށެވެ. ދައުލަތާ ދެކޮޅަށް ދައުވާކުރާ ހުރިހާ މައްސަލަތަކެއް ނަގަންޖެހޭނެ ކަމަށް ސެޓެލްމެންޓް އެގްރިމެންޓްތަކުގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މި ބިންތަކާ ގުޅޭ މައްސަލަ ކުރިއަށްދާއިރު އެ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު ހޯދަން މީރާއިން ވަނީ ވިލާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ސިވިލް ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ވެސް ދަނީ ކުރިއަށެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ އެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އެއްވެސް ކަމެއް ސިވިލް ކޯޓުން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް ނުކުރުމަށް އަންގާފަ އެވެ.
އެ ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި އެއްވެސް ފައިސާއެއް ދެއްކުމަށް މިހާތަނަށް އެއްވެސް ކޯޓަކުން އެ ކުންފުންޏަށް ހުކުމް ކޮށްފައި ނުވެ އެވެ. ނަމަވެސް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް މީރާއަށް ގަބޫލުކުރޭތީ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށް އިމިގްރޭޝަނުންނާއި ކަސްޓަމްސްއިން ދޭ ހިދުމަތްތަކުން ކުންފުނިތައް ވަނީ އެކަހެރިކޮށްފަ އެވެ.