އެމްއެމްއޭ

ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ މައްޗަށް

ރާއްޖޭގެ ރަސްމީ ރިޒާވް 31 ޕަސެންޓް އިތުރުވެ، އަދަދު 600 މިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު މިދިޔަ މަހުގެ އިގްތިސޯދީ ރިވިއުގައިވާ ގޮތުން ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 625 މިލިއަން ޑޮލަރެވެ. މި އަދަދަކީ މަހުން މަހަށް ބަލާއިރު ހަތް ޕަސެންޓުގެ އިތުރު ވުމެކެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި މުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެ އިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 205.6 މިލިއަން ޑޮލަރެވެ. މި އަދަދަކީ އަހަރުން އަހަރަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދެ އިތުރުވުމެކެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު މި އަދަދަށް ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ރާއްޖޭގެ ރިޒާވް އިތުރުވިއިރު، މި އަހަރު ރާއްޖޭގެ ރިޒާވް ހުންނާނީ 600 މިލިއަން ޑޮލަރުގައި ކަމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.