ވިޔަފާރި

ސިނގިރޭޓުގެ ޑިއުޓީއަށް ގެނައި ބަދަލުން އާމްދަނީ ދަށަށް

ސިނގިރޭޓްގެ ޑިއުޓީ އަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު، ބޮންޑެޑް ވެއާ ހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓުގެ ޑިއުޓީ ދެއްކުމުން، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 20 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ނެރެފައިވާ މިދިޔަ މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު ލިބުނީ 257 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ ލިބިފައިވަނީ 323 މިލިއަން ރުފިޔާ އެވެ. މިއީ 20 ޕަސެންޓުގެ ދަށްވުމެކެވެ،

ކަސްޓަމްސް އިން ބުނީ އިމްޕޯޓް ޑިއުޓީގެ އާމްދަނީ އަށް މި ބަދަލު އަންނަން ޖެހުނު ސަބަބަކީ މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަވަހުން ފެށިގެން ގެނެވުނު ބަދަލާ ގުޅިގެން ބޮންޑެޑްވެއާހައުސްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ދައްކާ ކްލިއާކޮށްފައިވާތީ ކަމަށެވެ. މި ބަދަލާއެކު މިދިޔަ މަހުގެ ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިން ވަނީ ރައްކާކޮށްފައި ހުރި އަދަދު އުނިވެފަ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ފެބްރުވަރީ މަހާ އަޅާބަލާއިރު 26 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ރާއްޖެ އަށް 3.05 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ފެބްރުވަރީ މަހު މި އަދަދު ވަނީ 3.85 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، މެލޭޝިޔާ އިން 15 ޕަސެންޓް އަދި ޗައިނާގެ އިމްޕޯޓް އުޅެނީ 12 ޕަސެންޓުގައި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 20 ޕަސެންޓް ދަށްވެފަ އެވެ.މިދިޔަ އަހަރު ފެބްރުވަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ހުރީ 240 މިލިއަން ރުފިޔާގަ އެވެ.