ހަބަރު

ކުދި ވިޔަފާރިއަށް ހާއްސަ ޔުނިޓެއް އުފައްދައި ގިނަ މަސައްކަތްތަކެއް ފަށައިފި

May 17, 2015

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަ ޔުނިޓެއް އިކޮނޮމިކް މިނިސްޓްރީގައި އުފައްދައި ގިނަ މަސައްކަތް ތަކެއް ފަށައިފި އެވެ.

އެންޓަޕްރައިސް ޑިވްލޮޕްމަންޓު (އީޑީ) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި އުފެއްދި މި ޔުނިޓުގެ އިފްތިތާހު ކޮށްދެއްވާފައިވަނީ ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

ކުދި ވިޔަފާރިތަކަށް ބޭނުންވާނެ މައުލޫމާތު ތަކާއި ފަންނީ އެހީ އަދި މާލީ އެހީދޭނެ މަގުތައް ދައްކައިދޭ އީޑީ ޔުނިޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ޔުނިޓަކީ މިހާތަނަށް ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އުފެއްދުނު އެންމެ ވަރުގަދަ ޔުނިޓު ކަމަށާއި، މި ޔުނިޓުގައި ވިޔަފާރި އާއި އިޖުތިމާއީ ދާއިރާގެ ސްޕެޝަލިސްޓުން ތިއްބަވާނެ ކަމަށެވެ.

"މި ޔުނިޓުގައި މިހާތަނަށް ނުއުފެދޭ ވަރުގެ ޕްރޯ އެންޓަޕްރައިސް ޕެނަލްއެއް މިވަނީ ގާއިމް ކުރެވިފައި. މި މުހިންމު އަމާޒަށް ވާސިލްވެވުން ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު ދަންވަން. ރައީސް ޔާމީންގެ އިރުޝާދާ ލަފާގެ މަތިން އިގްތިސާދީ ވެއްޓަށް ގެނެވުނު ބަދަލުގެ ސަބަބުން މިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު އިންވެސްޓްމަންޓުގެ އަދަދު އިތުރުވެފަ،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި ހުރި ގޮންހެޖުންތަކާއެކު ވެސް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެން ދާތަން ފެންނަމުންދާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީގައި ގާއިމް ކުރެވިފައިވާ އީޑީ ފެސިލިޓީގެ އެހީ ހޯދުން މުހިންމު ކަމަށެވެ.

"ރަނގަޅު ވިސްނުމެއް ވުޖޫދަށް ގެންނަވާ. މިތަނުގައި ތިއްބެވި ސްޕެޝަލިސްޓުންގެ އެހީތެރިކަން ހޯއްދަވާ. ވިޔަފާރިއެއް ފައްޓަވަން ތިބޭފުޅުންނަށް އަންނަ ހިޔާލު އުފަން ކުރުވާ. އުފަން ކުރުމަށް މިވަރުގެ ވަސީލަތެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި ސަރަހައްދުން ވެސް ލިބޭނެ އެންމެ ރަނގަޅު ވަސީލަތް އިކޮނޮމިކް މިނސްޓްރީގައި މިވަނީ ގާއިމް ވެފައި،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން އުފެއްދި ޔުނިޓުގައި ކްރެޑިޓް ގެރެންޓީއަށް ހާއްސަ ސްޕެޝަލިސްޓުންނާއި އެތައް ޒަމާނެއް ވަންދެން ބޭންކުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ މާހިރުން އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވެލިއު ޗެއިން ސްޕެޝަލިސްޓުން އެބަތިބި. ޖެންޑާ ސްޕެޝަލިސްޓުން އެބަތިބި. އެ ބޭފުޅުންގެ އަރިހަށް ވަޑައިގެން އެ ބޭފުޅުންގެ ދޮރުގަ ނޮކް ކުރުއްވާ ބިޒްނަސް ޕްލޭން ހައްދަވާ،" ސައީދު ވިދާޅުވި އެވެ