މާލޭގެ ވަށައިގެން ދުއްވާލާއިރު މިހާރު އެންމެ ގިނައިން ފެންނަނީ ތެޔޮ ލޮރީތަކެވެ. ލޮރީތަކުން އޮޑިފަހަރަށް ތެޔޮ އަޅާ މަންޒަރެވެ. މި ފަދަ ލޮރީތަކުގެ ސަބަބުން މަގުގެ ޓްރެފިކަށް ވެސް ބާރު ބޮޑުވެގެން ދެ އެވެ. ތެޔޮ އެޅުމުގައި ރައްކާތެރިކަން ކުޑަ އެވެ. ތެޔޮ އެޅުން މިވަނީ ހަމައިން ނައްޓާލާފަ އެވެ. ތެޔޮ ލޮރީތައް މިހާރު މި ފެންނަނީ ތަރުތީބެއް ނެތި "އުކާލާފައި" ވާ ތަނެވެ.
"މިހާރު ވަރަށް ބޮޑު މައްސަލައެއް މިއީ. ތެޔޮ ލޮރީތަކުން ތެޔޮ އަޅަން ވަކި ތަނެއް މިހާރަކު ނެތް. ފެރީ ޓާމިނަލްގައި އޮވެގެން ވެސް ތެޔޮ އަޅަންވީ،" ޓެކްސީ ޑްރައިވަރެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.
ތެޔޮ ލޮރީތައް ނުވަތަ "އޮއިލް ބައުޒަރު" ތަކުގެ ބޭނުންވާ މާލޭގެ ވިޔަފާރީގެ މާހައުލަށް ބަލާއިރު ބޭނުން ބޮޑެވެ. ސަބަބަކީ މާލެ ސަރަހައްދުގައި ފުޅާވަމުންދާ ދަތުރުފަތުރުގެ ބޭނުން މަތިވަމުން ދިއުމެވެ. މިކަމުގެ ސަބަބުން ބޮޑެތި ސްޕީޑް ލޯންޗް ފަހަރާއި މަސް ދޯނި ފަހަރަށް ތެޔޮ އަޅަން އަބަދު ވެސް ޖެހުމެވެ. އެކަމަކު ވެސް ހިތަން އެރި ކޮންމެ ތަނަކުން ތެޔޮ އެޅޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ތޯ މިއީ އުފެދޭ ސުވާލެކެވެ. މިހާރު ތެޔޮ އަޅަން ލޮރީ މަޑުކުރާކަށް ވަނި ތަނެއް ނެތެވެ.
މީގެ ކޮންމެ ލޮރީއެއްގައި އެތައް ލިޓަރެއްގެ ތެޔޮ އުފުލަ އެވެ. މީގެ ތެރޭގައި ޕެޓްރޯލް އުފުލާ ލޮރީތައްވެސް ހިމެނެ އެވެ. މިއީ "އެސް ފިޔަ ޖަހާލާހާ" އަވަހަށް ރޯވެގެން ބޮޑު ގެއްލުމެއް ލިބިދާނެ ލޮރީތަކެކެވެ. ނަމަވެސް ތެޔޮ އުފުލާ މި ލޮރީތަކުގެ ރައްކާތެރިކަން އެންމެ ރަނގަޅަށް ބަލަހައްޓާ ތޯ މިއީ އުފެދޭ ސުވާލެކެވެ. މީގެ ގިނަ ލޮރީތަކުގައި ތިބެނީ ބޭރު މީހުންނެވެ. ލޮރީ ދުއްވަން އިންނަނީ ވެސް ބޭރު މީހެވެ. އަދި ތެޔޮ އަޅަނީ ވެސް ބޭރު މީހެކެވެ. ތެޔޮ އަޅަން ލޮރީ މަޑުކޮށްފައި އޮންނައިރު، ޑްރައިވަރު ތެޔޮ ހޮޅީގެ ކައިރީގައި ރެސްޓް ކުރަން އިނދެ އެވެ. އޭނާގެ މަސައްކަތަކީ ސިނގިރޭޓު ބުއިމެވެ. ދެން އޮތީ ތެޔޮ އަޅާ ދޯނީގެ އިންޖީނަށް ހޮޅި ގުޅައިގެން އިންނަ ބިދޭސީ މީހާގެ މަސައްކަތެވެ. ތެޔޮ ލޮރީގެ ހޮޅި އިންޖީނަށް ގުޅުމަށްފަހު އޭނާ ވެސް ހުންނާނީ ދޯނީގެ ފަޅުވެރިންނާ ވާހަކަ ދައްކާށެވެ. މަޖާކުރާށެވެ! އޭރު ދޯނީގައި ތިބޭ މީހުން ވެސް "ހެސްކިޔާފަ" ސިނގިރޭޓު ބޯނީ އެވެ. މިއީ ނުރައްކަލެއް ނޫން ހެއްޔެވެ؟ އަނެއް ކޮޅުން ގިނަ ލޮރީތަކުގައި އަލިފާން ނިވާ ނިޒާމު އެކަށީގެންވާ ގޮތެއްގައި ހުރިތޯ މިއީވެސް އުފެދޭ ސުވާލެކެވެ. މިހެން ބުނަން ޖެހޭ ސަބަބަކީ ބައެއް ލޮރީތައް ބާވެ ދަބަރަށް ވާއިރުވެސް ތެޔޮ އުފުލަން ދުއްވާތަން ފެނުމެވެ.
ތެޔޮ ލޮރީތަކަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، ތެޔޮ އެޅުން ވަކި ނިޒާމެއްގެ ދަށަށް ގެނައުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2012 ވަނަ އަހަރެވެ. އެ މަސައްކަތް އޭރުގެ މާލެ ސިޓީ ކައުންސިލުން "ކޮންމެ ވެސް ވަރަކަށް" ކުރި އެވެ. ނަމަވެސް އޭގެ ފަހުން އެކަމުގެ ހަބަރެއް ނުލިބެ އެވެ.
އޭރުގެ ސިޓީ ކައުންސިލްގެ މެންބަރު އިސްމާއިލް ސުޖާއު ވިދާޅުވެފައިވާ ގޮތުގައި ތެޔޮ ލޮރީތައް މަދު ކުރުމަށް ވެސް ނިންމާފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރު، މިހާރު ތެޔޮ ލޮރީތައް ޕާކު ކުރާ ސަރަހައްދު އޮތީ ފުރިފަ އެވެ. ލޮރީތައް އެހާ ގިނަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ތެޔޮ އުފުލުމުގެ ވިޔަފާރި ވެސް ފުޅާ ވެގެން ދިޔަ އެވެ. އެއާއެކު މިހާރު ތެޔޮ ލޮރީތައް ޕާކުކުރާ ޓީ- ޖެޓީ ސަރަހައްދުގައި ގިނަ ލޮރީތަކެެއް އެބަ ހުއްޓެވެ.
އަނެއްކާވެސް މިހާރުގެ ސަރުކާރުން މިވަނީ ތެޔޮ ލޮރީތައް "މައިތިރި ކުރާނެ ކަމަށް" ބުނެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު ވިދާޅުވީ ތެޔޮ އަޅަން ދުއްވާ ބައުޒަރުތައް "ތަރުތީބު" ކުރައްވާނެ ކަމަށެވެ.
"ދޯނި ފަހަރަށް ތެޔޮ އަޅަން ބައުޒަރުތަކުން މިހާރު މި ބޭނުންކުރަނީ މާލެ ވަށައިގެންވާ ސަރަހައްދު. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރިކޮށް ކުރިއަށްދާ މަސައްކަތް ތަކެއް،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ބައުޒަރުތަކަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހައުސިން މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރެވެން މިހާރު މި އޮތީ. މާލެ ރީ-ޑިޒައިން ކޮށް، ރީޕްލޭން ކުރަމަށް ނިންމާފައިވާތީ.އެ ހާލަތުގައި ތެޔޮ ބައުޒަރުތައް ވެސް ރަޖިސްޓްރީ ކުރެވޭނެ. މިހާރު ގޮތަށް ހިތައް އެރިތަނަކަށް ގޮސް މުދާ އަރުވާ ނުހެދޭނެ. ތަންކޮޅެއް ޑިސިޕިލިންކޮށް. ތަންކޮޅެއް ތަހުޒީބުކޮށް، މިކަންތައް ކުރިއަށް ދާން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" ނާފިޒު ވިދާޅުވި އެވެ.
ތެޔޮ އުފުލުމަކީ މުހިންމު ހިދުމަތެވެ. ނަމަވެސް މިއީ ރައްކާތެރިކަން ދޭން ޖެހޭ ކަމެކެވެ. ނޫންނަމަ ނޭނގި ތިއްބައި، ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގައި ބޮޑު ގެއްލުމެއް ވެދާނެ އެވެ.